ކުދިން ތަރުބިއްޔަތު ކުރުމުގައި ކުދިންނަށް އަޅާލައި އެކުދިންނަށް މަގުދައްކާ ނަމޫނާ މައިން ބަފައިންނަށް ވާން އެބަޖެހެއެވެ. އަދި އެކުދިންނަށް އަޅާލައި ކުދިންދެކެ ލޯބިވާ ވާހަކަ ކުދިންގާތު ބުނުމާއި ކުދިންނަށް ދޭންޖެހޭ ލޯތްބާއި ރައްކާތެރިކަން ހޯދައިދިނުމަށް ކޮންމެ ބަލަދުވެރިއަކުވެސް މަސައްކަތް ކުރަން އެބަޖެހެވެ.
އެކުދިންގެ ދިރިއުޅުމަށް ސަމާލުކަންދީ ކޮންމެދުވަހަކުވެސް ކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށް އެދުވަހެއްގައި ކުއްޖާއާއި ދިމާވި މީހުނާ، ދިމާވި ކަންތަށްތަކަކީ މަޖާ، ހިންހަމަޖެހޭ އަދި ހިންހަމަނުޖެހޭ ކަންތައްތަކެއްތޯ ބަލައި އެވާހަކަ އޮޅުންފިލުވައި ދަނެގަންނަން އެބަޖެހެއެވެ. އަދި ކުދިންގެ ހަށިގަނޑަކީ އެކުއްޖެއްގެ އަމިއްލަ މިލްކެއްކަން އެކުއްޖާއަށް ވިސްނަދީ އެއްވެސް މީހަކަށް އެކުއްޖެއްގެ ގައިގައި ނުރުހުމުގައި އަތްނުލެވޭނެކަމާ ކުއްޖާގެ ގައިގައި ލޯބިންވެސް އަތް ލެވޭނެ ތަންތަނަކީ ކޮބައިކަން އޮޅުންފިލުވައިދީ އެހެންތަނެއްގައި އަތްލައިފި ނަމަ ނޫނެކޭ ބުނަން ދަސްކޮށްދީ އަދި މަންމަ ނުވަތަ ބައްޕަ ކާރީގައި ބުނާނެ ކަމަށް ބުނުމުގެ ބާރާއި ހިއްވަރު ކުއްޖާއަށް ހޯދައިދޭން އެބަޖެހެއެވެ.
ކުދިން ކުރާ ރަގަޅު ކަންތަކަށް ތަރުހީބުދީ، ހިތްވަރުދިނުމާއި އަދި ކުއްޖަކު ބަސްނައަހާ އުޅޭނަމަ ކުއްޖާގާތުގައި އޭނާ އުޅޭގޮތް ކަމުނުދާވާހަކަ އާއި ކަމުނުދަނީ އޭނާއެއް ނޫންކަމާއި ކަމުނުދަނީ އޭނާކުރާ ކަންތައްތައްކަން ކުދިންނަށް ވިސްނައިދީ ކުޑަކުދިންނަށް އަންނަ ބަދަލު ދަނެގަނެ ކުދިންތަރުބިއްޔަތު ކުރުމަގައި ޒަމާނީ ގޮތްތައް ދަސްކޮށް އެއިގެ ބޭނުން އެމުޖުތަމަޢުގެ އިޖްތިމާޢީ މިންގަޑާ ފުށުނައަރާ ގޮތެއްގެމަތިން ހިފަން އެބަޖެހެއެވެ.
ކުދިންނަށް ދޭންޖެހޭ ލޯތްބާއި ރައްކާތެރިކަން ކޮންމެ ބަލަދުވެރިޔަކުވެސް ހޯދައި ދިނުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ. އެއީ ފަރުދީ ޒިއްމާއެއްކަން ދަނެ ތިމާގެ ދަރިން ދެކެ ލޯބިވާފަދައިން އަނެކާގެ ދަރިންދެކެވެސް ލޯބިވެ ހެޔޮގޮއްތަށް މެދުވެރި ވުމަށް އެދޭ ބަޔަކަށްވާން އެބަޖެހެއެވެ.
ކުދިން ބޮޑެތިވުމުގައި ހިތާމަވެރި، ރުޅިވެރި އަމިއްލަ ނަފްސަށްް އިތުބާރުނެތް ޒުވާނަކަށް ވިޔަނުދިނުމައްޓަކައި ކޮންމެ ފަރުދެއްގެ ޒިއްމާ ފުރިހަމަޔަށް އަދާކުރުން ވަރައްމުހިއްމެވެ. ކުއްޖާގެ އެއްމެ ތުއްތު ދުވަސްވަރުން ފެށިގެން 18 އަހަރު ވަންދެން ރަގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިއްޖެނަމަ މުޖުތަމައުޤަބޫލުކުރާ ކުއްޖަކަށް ވެދެއެވެ. އަދި އެކުއްޖަކު ގޯސްމަގުން ދިއުމުގެ ފުރުސަތު ވަރަށްކުޑަކަން ފާހަގަކުރެވެއެވެ.
ކޮންމެ މަންމައަކީ އަދި ބައްޕައަކީވެސް އަނިޔާއިން ދަރިން ސަލާމަތް ކުރުމުގެ ބާރު ލިބިފައިވާ މީހަކަށްވުން ވަރަށްމުހިއްމު، އަދި ކުއްޖާ ތިމާގެ ބެލެނިވެރިކަމުގެ ބަރުނުފޯރާ ހިސާބަށް ދިއުމުގެ ކުރިން ވިސްނާ ކުދިންގެ މުސްތަގުބަލައްޓައި ޢުމުރާ ގުޅޭގޮތުން ފިޔަވަޅުއެޅުމަކީ މުހިއްމުކަމެއް!
ރުޅި ނުހިފެހެއްޓިގެން ދަރިފުޅުގައިގާ ޖަހައި ބޮޑެތި އަނިޔާތަކާއި ޒަޚަމްތައް ކުރަމުންދާކަމީ ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ކުޑަކުޑަ ތުއްތު ކުދިން ގައިގައި ތަޅާ ބޮޑެތި އަނިޔާތައް ކުރަމުން ދާއިރު ތިމާގެ އަމިއްލަ ނަފްސާ މެދު އެއްފަހަރު ނަމަވެސް ވިސްނާލާ ހަމަޖެހިގެން ތަނެއްގައި އިށީނުމަށްފަހު ފުން ނޭވާއެއް ލުމަށްފަހު މިކުރެވޭ ކަމަކީ ކޮންކަހަލަ ކަމެއްކަން ސިކުނޑިއަށް ގެނެސް ހަމަ ބުއްދިން ވިސްނައިފިނަމަ އެފަދަަ ކަންތަކުން ދުރުހެލި ވުމަށް އެޅިދާނެ ފިޔަވަޅެވެ.
ރުޅި މާގަދަ މީހަކު ކަމުގައި ވާނަމަ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ސިޔާސަ ކުދިން ކޮށްފާނެ ކަންތަކާ މެދު ވިސްނައި ކުއްޖާއަށް ޖިސްމާނީ ހާނިއްކަ ލިބޭފަދަ، ތެޅުން، ބާރަށް ތަޅުވައިގަތުން، އަލިފާން ޖެއްސުން، ތޫނު އެއްޗެތިން އަނިޔާ ކުރުން، ފެންގަޑަށްލައި ގެންބުން، ބިރުދެއްކުން، ނިދާބޭސް ފަދަ ބާރުގަދަ ބޭސް ޑޮކްޓަރެއްގެ އިރުޝާދަކާއިނުލާ ދީހެދުމަކީ އެއިގެ ސަބަބުން ދާއިމީ ގެންލުން ލިބިދާނެ ކަންތައްތައް ކަން ދަނެ މިފަދަކަމުން ދުރުހެލިވާން މަސައްކަތް ކުރަން އެބަޖެހެއެވެ.
ޖިސްމާނީ ހާނިއްކައިގެ ސަބަބުން ގައިގެ ތަންތަން މަށައިގެން ގޮސްފައި ހުރުމާއި ބޮޑެތި ފިތްގަނޑު ނަގައިފައި ހުރުން، ކަށިތަކަށް ގެއްލުން ލިބިފައި ހުރުން، ގައިން ތަންތަން ފިހިފައި ހުރުން، އެތެރެހައްޓަށް އަނިޔާލިބިފައި ހުރުން، އަދި ހަށިގަނޑުގެ އެކި ތަންތާގައި ރިއްސާތީ އުޅޭ ތަން ފެންނަ ހިނދު އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެފައި ހުރި މީހަކަށް އެފަދަކަން ކަމުން ކުރެވޭ އިހްސާސްތަކާ ކަންތައްތައް ފެންނަ ހިނދުވެސް އަޅާނުލާ ދޫކޮށްލާތަން މިއަދު މުޖުތަމަޢުން މަދުން ނަމަވެސް ފެންނާތީ ހިތާމަ ކުރަމެވެ.
ކުޑަކުދިންނަކީ ޚާއްސަ ސަމާލުކަމެއް ދީގެން އެކުދިންގެ ކަންތައްތައް މައިން ބަފައިން ނުވަތަ ބެލެނިވެރިންގެ ބެލުމުގެ ދަށުން ވަރަށް ކައިރިން ބަލަހައްޓަން ޖެހޭ އަޅުގަނޑުމެންގެ ދެލޮލުގެ ކޮއިފަދައިން ލޯބިވާ ދަރިންނެވެ. ދަރިންނަށް އިހްމާލުވެއްޖެނަމަ ޢުމުރަށް އެކަމުގެ ހިތާމަކުރަން ޖެހިދާނެކަން ހަދާންކުރަން އެބަޖެހެއެވެ. ރާއްޖޭގެ ރަށްތައް އިންޑިޔާ ކަނޑުގައި އެތުރިފައިވާ ގޮތުން ކަނޑުގެ ސަރަހައްދު ބޮޑުވެފައި ވުމަކީ ވަކިން ޚާއްސަކޮށް މައިން ބަފައިން ނުވަތަ ބަލަދުވެރިން އެމީހަކާ ހަވާލުވެފައިވާ އަމާނާތް ރައްކާތެރިކަމާއި އަމާނާތްތެރިކަމާއި އެކު އަންނަން އޮތް ޖީލަށް ވާރިސް ކޮށްދޭން މަސައްކަތް ކުރަންޖެހޭ ކަމެކެވެ. ޅަފަތުގައި ދަރިފުޅު ލޯބިން އުރާލާ، ބޮސްދީ، ބުއްދީ، ކާންދީ، ފެންވަރުވާ، ނިންދަވާ ދަރިފުޅާއެކު ކުޅެ މަޖާކުރި ދުވަސްތައް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ރޮއިކަރުނަ އޮއްސައި ހިތާމަކުރަން ޖެހިފައިވަނީ ނޭނގިނަމަވެސް އިހުމާލުވުމުގެ ސަބަބުންނެވެ.
ދަރިފުޅުގެ ޢުމުރުން އެއްމެ ދޮޅުއަހަރުގެ ތެރޭގައި މަންމަގެ ލޯއްބާއިއެކު މަންމަ ދާހާ ތަނަކަށް ގޮވައިގެން ދިއުމާއި ކުރާ ކޮންމެ މަސައްކަތެއް ކުރަމުން ދާއިރު ދަރިފުޅު އުރާލައިގެން ހުރެ މަސައްކަތް ކުރި ދުވަސްމަތިން ހަނދާންވާ ކޮންމެ ވަގުތަކު ލޮލުން ކަރުނަ އޮހޮރެމުންދެ އެވެ. ދަރިފުޅުގެ ސޫރަ ލޯމަތިން ފެންނަހެން ހީވާފަހަރު ފަހަރު އާދެއެވެ. ހިތުގައި މާޔޫސްކަން އުފައްދައި ރޮއްވާލައެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ދަރިފުޅު ލޮލުގެ ކުރިމަތިން އެއްފަރާތަށް ޖެހުނުތަނާ ފަސްމިނިޓު ވެސް ނުވަނީސް މަންމަ ދަރިފުޅު ހޯދުމަށް ދަރިފުޅު ގޮސްދާނެ ކަމަށް ލަފާކުރެވޭ ތަންތަނާ އަވައްޓެރިންގެ ގެތައްބެލިއެވެ. އެކަމަކު ދަރިފުޅު ފެނުނު މީހަކުނުވިއެވެ.
ބުއްދީގައި އެއްވެސް ތެތްކަމެއް ނެތް ތުއްތު ދަރިފުޅު މަރުގެ ތުންފަތް މައްޗަށް ހުށަހެޅިގެން ދިޔައީ މަންމަގެ ވިސްނުން ކޮށިކަމުން ނުވަތަ އިހްމާލުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ކުއްލިއަކަށް މަންމަގެ ހަނދާނަށް އައީ ތުއްތު ދަރިފުޅު ގޮވައިގެން އަތިރިމައްޗަށް ދިޔަ ހަނދާންނެވެ. މަންމަގެ އުރުގައި ހުރެގެން މޫދަށް ފޭބުމަށް އަތުގެ އިޝާރާތުން މަސައްކަތް ކުރިހަނދާނެވެ. ދުވެފައި އަތިރިމައްޗަށް މަންމަ ދިޔައިރު ކުޑަދަރިފުޅު މަގުގެކޮޅުން ފެނުނުއިރު ދަރިފުޅު އެންމެ ފަހުފަހަރު ލޯބިގޮތަކަށް ހީލައިފައި އަތިރިމައްޗަށް ދުވެފަދިޔައެވެ.
މަންމަ ދުވެފައި ގޮސް އަތިރިމައްޗަށް ފޭބިއިރު ތުއްތު ދަރިފުޅު އޮތީ އުޑުތިލަމަތިން މޫދުގައެވެ. ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު އަތްތިލަ މައްޗަށް ލައިގެން ރޮމުންރޮމުން މަންމަ އައިއިރު ދަރިފުޅު މޫދަށް އެރުމަށްޓަކައި މިހާދިސާ ހިނގުމުގެ ކުރިންކުރި މަސައްކަތުގެ ހަނދާންތައްވެ ހިތާމަކޮށް ހަދާއިރު ތުއްތު ދަރިފުޅު ބެލުމުގައި އިޙްމާލު ވެފައިވާކަން މަންމައަށް މިއަދު ޤަބޫލު ކުރެވެ އެވެ. މިއަދު އަޅުގަނޑުމެން ވިސްނާނުލާ ތިބުމުގެ ސަބަބުން މިފަދަ ހާދިސާތައް ތަކުރާރުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުން ދިމާވަމުންދާ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.
0 comments:
Post a Comment