Thursday, May 14, 2015

ޞައްޙަ ޢަޤީދާގެ މުހިއްމުކަން


الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه.
أما بعد:

'ޞައްޙަ ޢަޤީދާ' އަކީ އިސްލާމްދީނުގެ އަސްލު ކަމަށް ވެފައި، މިއްލަތުގެ އަސާސް ކަމުގައި ވީހިނދު މިމުޙާޟަރާގެ މައުޟޫއެއް ކަމުގައި ހަދަން ފެނުނީ 'ޞައްޙަ ޢަޤީދާ' އެވެ.

 ޤުރުއާނާއި ސުންނަތުގެ ޝަރުއީ ދަލީލުތަކުން އެނގި ބަޔާންވާ ގޮތުގައި ހަމަކަށަވަރުން ޢަމަލާއި ބަސް ޞައްހަ އެއްޗެއްކަމުގައިވެ، ޤަބޫލުވާނީ ރަނގަޅު ޢަޤީދާއެއްގެ ދަށުން އެޢަމަލު ކުރެވިއްޖެނަމައެވެ. ފަހެ ޢަޤީދާ ޞައްހަކަމުގައި ނުވާނަމަ އޭގެދަށުން ކުރެވޭ އެއްމެހައި ޢަމަލާއި ބަހެއް ބާތިލު ވާހުއްޓެވެ.
الله تعالىގެ ވަހީ ބަސްފުޅުގައި ވެއެވެ. { وَمَنْ يَكْفُرْ بِالإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ } المائدة 5. މާނައަކީ: " އީމާންކަމަށް (އީމާންކަމުގެ ރުކުންތަކަށް ނުވަތަ ރުކުނަކަށް) އިންކާރުކޮށް، ކާފިރު ވެއްޖެމީހާގެ (ހުރިހައި ހެޔޮ) ޢަމަލު ހަމަކަށަވަރުން ބާޠިލުވެއްޖެއެވެ. އަދި އާޚިރަތުގައި އޭނާވާހުށީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ."

 އަދިވެސް އެކަލާނގެ ވަހީކުރައްވައިފައި ވެއެވެ. { وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ } الزمر 65. މާނައަކީ: " (އޭ ރަސޫލާއެވެ.) ހަމަކަށަވަރުން ކަލޭގެފާނާއި، ކަލޭގެފާނުންގެ ކުރީގެ (އެއްމެހައި) ރަސޫލުންނަށް ވަޙީކުރެއްވުނެވެ. ކަލޭގެފާނުވެސް ﷲ އާއި ޝަރީކު ކޮށްފިނަމަ ހަމަކަށަވަރުން ކަލޭގެފާނުންގެ އަމަލު ބާޠިލުވާނެއެވެ. އަދި ހަމަޔަޤީނުން ކަލޭގެފާނު ވާނީ ގެއްލި ހަލާކުވީ މީހުންގެ ތެރެއިނެވެ." މިމާނައިގައިވާ އާޔަތްތައް ވަރަށްގިނައެވެ.

ހަމަކަށަވަރުން ބަޔާންވެގެންވާ ﷲގެ ފޮތާއި އެކަލާނގެ ހަޟުރަތުން އެއްމެ މަތިވެރި ޞަލަވާތާއި ސަލާމް އެބޭފުޅެއްގެ މައްޗަށް ފޮނުވިގެންވާ ރަސޫލުލް އަމީނުގެ ސުންނަތުން ދަލީލު ކުރާގޮތުގައި ޞައްހަ ޢަޤީދާ ޚުލާޞާވެގެންވަނީ: ﷲ އަށް އީމާން ވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމުގެ މައްޗަށެވެ. 

މި ހަކަންތަކަކީ ޞައްޙަ ޢަޤީދާގެ އަޞްލެވެ. ﷲގެ މާތްވެގެންވާ ފޮތް ބާވައި ލައްވައި، މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމައިގެން ފޮނުއްވުނީ މިކަންކަމައިގެންނެވެ. އަދި އީމާންވުން ވާޖިބުވެގެންވާ ޣައިބުގެ އެއްމެހައި ކަންތައްތަކާއި، ﷲ އާ އެކަލާނގެ ރަސޫލާ ޚަބަރުދެއްވާފައިވާ އެއްމެހައި ކަންތައްތަކަކީ މިއަޞްލުތަކުގެ ގޮފިތަކެވެ.

މިހަ އަޞްލުގެ ދަލީލުތައް ކީރިތި ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނައެވެ. އޭގެތެރެއިން މާތް اللهގެ ބަސްފުޅު ގައިވެއެވެ. { لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ ...} البقرة 177. މާނައަކީ: " ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގު ފަރާތަށް (ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އަދި ކިއެއް، (އަސްލު، ހަގީގީ) ހެޔޮކަމަކީ (އީމާންކަމެވެ.) ﷲ އާއި، އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާން ވުމެވެ."

 އަދިވެސް ﷲ ސުބްހާނަހޫ ވަހީ ކުރައްވާފައިވެއެވެ. { آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ لا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ...} البقرة 285. މާނައަކީ: " رسول الله صلى الله عليه وسلم އެކަލޭގެފާނުންގެ ރައްބުގެ ޙަޟުރަތުން އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވެ، ތެދުކުރައްވައެވެ. ހަމައެފަދައިން މޫމިނުންވެސް (އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވެއެވެ.) އެއެއްމެން ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނަށް އީމާންވެއެވެ. (އެމީހުން ބުނެއެވެ.) އަހަރެމެން (ޔަހޫދީންނާއި ނަޞާރާއިން ފަދައިން ބައެއް ރަސޫލުންނަށް އީމާންވެ، އަނެއްބައި ރަސޫލުން ދޮގުކޮށް) އެކަލާނގެ ރަސޫލުންގެ މެދުގައި (އީމާން ވުމުގައި) ތަފާތެއް ނުކުރަމެވެ."

 އަދިވެސް އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نزلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنزلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَدْ ضَلَّ ضَلالا بَعِيدًا } النساء 136. މާނައަކީ: " އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާ (މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށާއި، އަދި އެކަލާނގެ ރަސޫލާ (މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ބާވައިލެއްވި ފޮތަށާއި، އޭގެ ކުރީގައި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށް އީމާންވެ، (އެގޮތުގައި) ދެމިތިބޭށެވެ! އަދި ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ކާފަރުވެއްޖެ މީހާ، ފަހެ (ހައްގާއި) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."

 އަދިވެސް ﷲ ވަހީކުރައްވާފައި ވެއެވެ. { أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ } الحج 70. މާނައަކީ: "(އޭ ނަބިއްޔާއެވެ.) ކަލޭގެފާނު ދެނެވަޑައިގެން ނުވަމުތޯއެވެ! ހަމަކަށަވަރުން އުޑާއި ބިމުގައިވާހައި ކަމަކާއި ތަކެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެހުރިހައި ކަމެއްގެ ޚަބަރު ވަނީ ފޮތެއްގައި (ލައުޙުލް މަޙްފޫޡްގައި) ލިޔެވިގެންނެވެ. ހަމަކަށަވަރުން އެއީ ﷲ އަށް ފަސޭހަ ވެގެންވާ ކަމެކެވެ."

ދަންނައެވެ! މި އަޞްލުތަކުގެ މައްޗަށް ދަލީލުކުރާ ޞައްހަ ހަދީޘްތައް ވަރަށްގިނައެވެ. އޭގެތެރޭން أمير المؤمنين عمر بن الخطاب ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން مسلم އެބޭފުޅާގެ صحيح ގައި ރިވާކުރައްވައިފައިވާ މަޝްހޫރު ހަދީޘް ވެއެވެ. އޭގައިވެއެވެ. جبريل ޢަލައިހިއްސަލާމް އީމާންކަމާ ބެހޭގޮތުން النبي ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުކުރެއްވުމުން އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. (( الإِيْمَانُ أَنْ تُؤْمِنَ بِاللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَومِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ )) މާނައަކީ: " އީމާން ކަމަކީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާންގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާ ނުބައިމިންވަރަށް އީމާންވުމެވެ." މިހަދީޘް ރިވާކުރައްވާފައި ވަނީ ދެޝެއިޚުން (ބުޚާރީއާއި މުސްލިމު) އަބޫހުރައިރާގެ އަރިހުންނެވެ.

الله سبحانه ގެ ޙައްޤުގައި މުސްލިމެއްގެ މައްޗަށް އިޢުތިޤާދުކޮށް، ކަށަވަރުކުރުން ވާޖިބުވާ ކަންތައްތަކާއި، އަލުން ދިރުއްވައި ދެވަނަފަހަރަށް ފޮނުއްވުމުގެ ކަންތައްތަކާއި، މިނޫންވެސް ޣައިބަށް އީމާންވުމުގެ އެއްމެހައި ކަންތައްތަކެއް އަންނަނީ މިހަ އަޞްލުގެ ދަށުންނެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons