ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.
ފަހެ ﷲ ސުބްޙާނަހޫ ޥަތަޢާލާ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަމުރުފުޅާއިގެން ތެދުވެ ރިބްޢިއްޔު ބްނި ޢާމިރު ރުސްތުމްގެ ގާތަށް ދިޔައެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގެން ދިޔައީ ، ފަށުވި ފޮތިން ފަހައި، ރަނުން ޖަރީކުރެވިފައިވާ ބާލީސްތަކާއި، އިތާ މުތްތަކުންނާއި، އަގުބޮޑެތިހާ ޖަވާރިހުތަކުން ޒީނަތްތެރިކޮށްފައިވާ މަޖިލީހެއްގައި ރުސްތުމް އޭނާގެ ތާޖު އަޅައިގެން ރަނުން ހަދާފައިވާ އެނދެއް މަތީގައި އިށީނދެލައިގެން އިންތަނެވެ.
ރުސްތުމްގެ މަޖިލީހަށް ރިބްޢިއްޔު ބްނި ޢާމިރު ވަދެވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އިންނެވީ ވަރަށް އާދައިގެ ނިކަމެތި ހެދުންކޮޅެއް ތުރުކުރައްވައިގެން، އެކަލޭގެފާނުގެ ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން، ކުރުކުރު އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެންނެވެ.
ފަހެ ރިބްޢިއްޔު ބްނި ޢާމިރު ، އެކަލޭގެފާނުގެ އަސް، ރުސްތުމްގެ ދަރުބާރުގައި އަޅާފައިވާ ދޫލައިގެ މައްޗަށް އަރައިފުމަށް ދާންދެން ފައިބައިވަޑައިނުގެން އެސޮރުގެ މަތީ ސަވާރުވެވަޑައިގެން އިންނެވިއެވެ. އަދި އެހިސާބަށް ދެވުމާއެކު އަހުން ފައިބައިވަޑައިގެން އެތާނގައިހުރި ބާލިސްތަކުން ބާލީހެއްގައި އެކަލޭގެފާނުގެ އަހުގެ ލަގަން އެއްސެވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަހަނާކޮޅާއި ހެލްމެޓާއި ކަނޑިއާއެކު އެހުރިގޮތަށް ރުސްތުމްއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު އެކަލޭގެފާނު ހުއްޓުވާ އެކަލޭގެފާނަށް ބުނެވުނެވެ: “ތިބާގެ ކަނޑި ބަހައްޓާށެވެ!”.
ރިބްޢިއްޔު ބްނި ޢާމިރު ޖަވާބުގައި ވިދާޅުވިއެވެ: “އަހަރެން ކަލޭމެންގެ ގާތަށް މިއައީ އަހަރެން އަމިއްލަކަށް ނޫން. އަހަރެން މިއައީ ކަލޭމެން އެދިގެން. މިގޮތަށް އަހަރެން ހުރެގެން ވަންނަން ކަލޭމެން ނުރުހޭނަމަ އަހަރެން އެނބުރި މިދަނީ”.
އެހިނދު ރުސްތުމް ބުންޏެވެ: “އޭނައަށް އިޛުނަދީ”.
މިހެން ބުނެ، ރުސްތުމް އޭނާގެ ލޮންސިއަށް ބާރުލައި އެނދުމަތީގައި އޮތް ބާލީހުގައި ލެނގިލައި ރިބްޢިއްޔު ބްނި ޢާމިރުއާ ދިމާލަށް އެނބުރިލިއެވެ. އަދި ބުންޏެވެ: “ތިޔަބައިމީހުން ތިޔަ އައީ ކޮންކަމަކައިގެން؟”
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: “އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ ، ﷲ ގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުމަށް ، އަދި ދުނިޔޭގެ ތާށިކަމުން (ހިތްދަތިކަމާއި ނުތަނަވަސްކަމުން) ދުނިޔޭގެ ހިތްހަމަ ޖެހުމާއި ތަނަވަސްކަމަށް މީސްތަކުން ނެރެ ، އަދި ދީންތަކުގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ ޢަދުލުވެރިކަމަށް މީސްތަކުން ނެރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ފޮނުއްވެވި. އެކަލާނގެ ދީނަށް ދަޢްޥަތު ދިނުމަށްޓަކައި އެބައިމީހުންގެ ގާތަށް އަހަރެމެން ފޮނުއްވެވި. ފަހެ އެ ދަޢްޥަތު ޤަބޫލުކޮށްފި މީހާގެ ކިބައިން އަހަރެމެން އެކަން ޤަބޫލުކޮށް އެނބުރި ދާނަން. އަދި އެ އެދަޢްޥަތަށް އިންކާރުކޮށްފި މީހާއާ ﷲ ގެ ވަޢުދުފުޅާ ބައްދަލުވާންދެން އަހަރެމެން ހަނގުރާމަ ކުރާނަން”.
އެހިނދު ރުސްތުމް ބުންޏެއެވެ: “ﷲ ގެ ޥަޢްދަކީ ކޮބާ؟”
ޖަވާބުގައި ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: “އެއީ އެދަޢްޥަތަށް އިންކާރުކުރާ މީހާއާ ހަނގުރާމަކޮށް މަރުވާ މީހާއަށް ސުވަރުގެ. އަދި މަރުނުވެ ބާކީ ތިބި މީހުންނަށް ހަނގުރާމާގައި ކާމިޔާބު ލިބުން”
ރުސްތުމް ބުންޏެވެ: “ތިބާގެ ބަސް އަހަންނަށް އިވިއްޖެ. އެކަމަކު މިކަމާ މެދު އަހަރެމެން ވިސްނައި ފިކުރުކޮށް އަދި ތިޔަބައިމީހުންވެސް މިކަމާމެދު ވިސްނައި ފިކުރުކުރުމަށްޓަކައި ވަގުތު ދެވިދާނެތަ؟”.
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: “އާނ! އެކަމަށް ކަލޭމެން ބޭނުންވަނީ ކިތައް ދުވަސް؟ އެއްދުވަސްތަ؟ ނޫނީ ދެ ދުވަސް ތަ؟”
ރުސްތުމް: “ނޫން! އަދިކިއެއް، އަހަރެމެންގެ ވިސްނުމުގެ މީހުންނާއި، އަހަރެމެންގެ ޤައުމުގެ ބޮޑުންނާ މިކަމާ ވާހަކަ ދައްކާ މަޝްވަރާކޮށް ނިމެންދެން”.
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: “އެކަމަކު ﷲ ގެ ރަސޫލާ (صلى الله عليه وسلم)، ޢަދާޥާތްތެރިންނާ ބައްދަލުވުމަށްފަހު ތިން ދުވަހަށްވުރެ ލަހެއް ނުކުރައްވާ. އެހެންކަމުން، މިކަމާއި މެދު ކަލޭވެސް އަދި އެމީހުންވެސް ވިސްނާ. އަދި މިދިން މުހުލަތުގެ ތެރޭގައި ގޮތެއް ޚިޔާރުކުރޭ”.
ރުސްތުމް: “ތިޔައީ ތިޔަބައިމީހުންގެ ވެރި މީހާތަ؟”.
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: “ނޫން. އެކަމަކު މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ، އެބައިމީހުން އެއްބައެއް އަނެއްބައެއްގެ މައްޗަށް ރައްކާތެރިވޭ”.
ރުސްތުމް އޭނާގެ ޤައުމުގެ ބޮޑުން އެއްކުރިއެވެ. އަދި އެމީހުންނަށް ބުންޏެވެ: “މި ފިރިހެނާ މިދެއްކި ފަދަ މަތިވެރި އަދި ހެޔޮ ވާހަކައެއް ދުވަހަކުވެސް ތިބައިމީހުން އަޑުއެހިންތަ؟.”
ޤައުމުގެ ބޮޑުން ޖަވާބުގައި ބުންޏެވެ: “މި ކުއްތާގެ ވާހަކައަށް ހެއްލިވަޑައިގެން މަނިކުފާނުގެ ދީން ދޫކޮށްލެއްވުމުން ކަލާނގެ މަނިކުފާނު ރައްކާތެރި ކޮށްދެއްވާށި! އޭނާގެ ފޭރާން މަނިކުފާނަށް ނުފެނޭތަ؟”.
ރުސްތުމް ބުންޏެވެ: “ކަލޭމެންނަށް ހަލާކު ހުރި! އޭނާގެ ފޭރާމަށް ނުބަލާ. އޭނާގެ ވިސްނުމާއި، ބަސްމަގާއި ދޫފަސޭހަކަން ދެކިބަލަ. ހަމަކަށަވަރުން މުސްލިމުންނަކީ، ފޭރާމާއި ކާ ތަކެއްޗާ ހެދި އުޅޭ ބައެއް ނޫން. އެމީހުންގެ ގާތުގައި މުހިއްމީ މީހާގެ ޙަސަބާއި ނަސަބު”.
ކޮންމެއަކަސް މިކަންތައްތަކަށްފަހު މުސްލިމުންގެ ތެރެއިން އެހެން ބޭފުޅަކު ފޮނުއްވައިދެއްވުމަށް މުސްލިމުންގެ ކޮމާންޑަރު ސަޢްދު ބުން އަބީ ޥައްޤާޞްގެ އަހިރުން ރުސްތުމް އެދުނެވެ. އެގޮތުން، މިފަހަރު އެކަމަށްޓަކައި ﷲ ރުއްސުންލެއްވި މާތް ޞަޙާބީ އަލް-މުޣީރަ ބްނު ޝުޢްބާ ފޮނުއްވުނެވެ.
ރުސްތުމްގެ ގާތަށް އަލް-މުޣީރަ ބްނު ޝުޢްބާ ވަދެވަޑައިގެންނެވުމުން ރުސްތުމް ބުންޏެވެ: “ހަމަކަށަވަރުން ތިޔަބައިމީހުންނަކީ އަހަރެމެންގެ އަވަށްޓެރިން. އެހެންކަމުން އަހަރެމެން ތިޔަބައިމީހުންނަށް އިޙްސާންތެރިވީމު. އަދި ތިޔަބައިމީހުންނަށް ދިމާވާ ދަތި އުނދަގޫތަށް ތިޔަބައިމީހުންގެ ކިބައިން ފިއްލަވައިދެއްވީމު. ތިޔަބައިމީހުންގެ އަމިއްލަ ޤައުމަށް އެނބުރި ދޭ. އޭރުން ތިޔަބައިމީހުން ވިޔަފާރިކުރުމަށްޓަކައި އަހަރެމެންގެ ޤައުމަށް އެރުން މަނައެއް ނުކުރާނަން”.
އަލް-މުޣީރަ ބްނު ޝުޢްބާ ޖަވާބުގައި ވިދާޅުވިއެވެ: “ހަމަކަށަވަރުން އަހަރެމެންނަކީ ދުނިޔެއަށް އެދިގެން އުޅޭ ބަޔަކު ކަމުގައި ނުވަމު. އަހަރެމެންނަށް މުހިއްމީ، އަދި އަހަރެމެން އެދޭ އެއްޗެއް ކަމުގައިވަނީ ހަމައެކަނި އާޚިރަތް. ހަމަކަށަވަރުން ﷲ އަހަރެމެންގެ ގާތަށް ޙައްޤު ދީނައިގެން ރަސޫލަކު ފޮނުއްވެވި. އެދީނަށް ވަނުމަށް އިންކާރުކުރާ މީހާ ނިކަމެތިނުވެ ނުދޭ. އަދި އެދީނުގައި ހިފަހައްޓައިފި މީހާ ޢިއްޒަތްތެރިނުވެ ނުދޭ”.
ރުސްތުމް ބުންޏެވެ: “އެއީ ކޮން ދީނެއް؟”
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: “ފަހެ އެދީނަކީ، “ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވެ، އަދި އެކަލޭގެފާނު ﷲ ގެ ޙަޟްރަތުން ގެންނެވި އެންމެހާ ކަމަކަށް އިޤްރާރުވުން” ، މިކަންކަން ނުލައި އެހެން އެއްވެސް ކަމެއް ޤަބޫލުވެވިގެން ނުވާދީން. ފަހެ އެއީ އެދީނުގެ ތަނބު”.
ރުސްތުމް ބުންޏެވެ: “ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟”
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: “ދެން އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން”.
ރުސްތުމް ބުންޏެވެ: “ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟”
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: “އެންމެހާ މީސްތަކުންނަކީ އާދަމުގެފާނުގެ ދަރިން. ފަހެ އެބައިމީހުންނަކީ އެއްބަނޑުއެއްބަފާ އަޚުން”.
ރުސްތުމް ބުންޏެވެ: “ވަރަށް ފުރިހަމަ! އަހަރެމެން ތިޔަ ދީނަށް ވަދެއްޖެނަމަ އަހަރެމެންގެ ޤައުމުން ތިޔަބައިމީހުން އެނބުރި ދާނަންތަ؟”
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: “އާނ! ﷲ ގަންދީ ބުނަން. ވިޔަފާރި ދަތުރެއްގައި ނުވަތަ ހާޖަތެއް ޖެހިގެން ނޫނީ ތިޔަބައިމީހުންގެ ޤައުމާ ކައިރިވެސް ނުވާނަން”.
ރުސްތުމް ބުންޏެވެ: “ވަރަށް ފުރިހަމަ!”
އެއަށްފަހު، އަލް-މުޣީރަ ބްނު ޝުޢްބާ ރުސްތުމްގެ ގާތުން ނިކުމެވަޑައިގެންނެވުމުން ރުސްތުމް އޭނާގެ ޤައުމުގެ ބޮޑުން ގާތު އިސްލާދީނަށް ވަނުމާމެދު މަޝްވަރާ ކުރިއެވެ. ނަމަވެސް އެބައިމީހުން އެކަމަށް ފުރަގަސްދީ އިސްލާމްދީނަށް ވަނުމަށް އިންކާރު ކުރިއެވެ.
ކަންމިހެންވުމުން، މުސްލިމުންގެ މުޖާހިދުންގެ ލަޝްކަރާއި ފާރިސީންގެ ލަޝްކަރާ ދެމެދުގައި ވަރުގަދަވެގެންވާ ބޮޑު ހަނގުރާމަ ކުރެވުނެވެ. މިހަނގުރާމަ ތިން ދުވަހަށް ދެމިގެން ދިޔައެވެ. އަދި މުސްލިމުންގެ ތެރެއިން ވަރަށް ގިނަ މުޖާހިދުންނަށް ފާރިސީންގެ އެތްތަކުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބުނެވެ. ނަމަވެސް މުސްލިމުން ﷲ ގެ މަގުގައި ކެތްތެރިވެ ނަމާދުން ހިތްވަރު ހޯއްދެވިއެވެ. އަދި ﷲ ގެ ދީނަށް ނަޞްރު ލިބެންދެން ހަނގުރާމަ ކުރެއްވިއެވެ. އެންމެ ފަހުން ހަތަރުވަނައަށްވީ ދުވަހު ކާފިރުންގެ މައްޗަށް ﷲ ތަޢާލާ ބާރުގަދަ ވައެއް ފޮނުއްވެވިއެވެ. އޭގެ ސަބަބުން ފަރިސީންގެ ލަޝްކަރަށް ލޮޅުން އަރައިގެން ދިޔައެވެ. އަދި އެބައިމީހުންގެ ފޭލިގެތަކާއި އެހެނިހެން ސާމާނާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔައެވެ. އެންމެ ފަހުން ހަނގުރާމަ ނިމުނު އިރު، މުސްލިމުންގެ ތެރެއިން ދެހާސް ފަސް ސަތޭކައެއްހާ މުޖާހިދުން ޝަހީދުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި މުސްލިމުންގެ އަތުން ދިހަ ހާހެއްހާ ކާފިރުން ޤަތުލުވިއެވެ. އަދި އެންމެފަހުން މުސްލިމުންނަށް ގަދަކީރިވަންތަ ﷲ ތަޢާލާ ނަޞްރު ދެއްވެވިއެވެ. الله أكبر!
0 comments:
Post a Comment