Sunday, July 13, 2014

އެންމެ ފުރިހަމަ ޤާނޫނަކީ އިލާހީ ޤާނޫނެވެ.

ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް މަސައްކަތްކުރަމުންގެންދަނީ ޢަދުލުވެރިކަމުގެ މައްޗަށް ބިނާވެފައިވާ، އަދި އަނިޔާވެރިކަމުން ދުރުހެލިވެފައިވާ، ޤާނޫނުތައް އެކުލަވައިލުމަށެވެ. އިންސާނުން އަނިޔާވެރިކަމާއި ދެކޮޅަށް ޢަދުލުވެރިކަމުގެ މައްޗަށް ބިނާކޮށް ހަދާ ޤާނޫނުތަކުން ވަރަށްގިނަ ފަހަރު އެޤާނޫނު މަނާކުރާގޮތުގެ ސަބަބުން އެތަށްބަޔަކަށް އެކަމުގެ ގެއްލުންތަށް ލިބިގެންދެއެވެ. މިގޮތުން އިންސާނުން އެކުލަވާލާ ޤާނޫނުތަކަކީ އިންސާނުންގެ ޠަބީޢަތާއި ގުޅި ލާމެހިފައިވާ އެއްޗަކަށް ގިނަފަހަރަށް ނުވެއެވެ.

އެ ޤާނޫނުތަކުގައި ބޮޑަށް ވިސްނާފައިވަނީ، ވަކިބައެއްގެ މަސްލަހަތު ޚިމާޔަތް ކުރުމަށެވެ. އެބަޔަކަށް ބޮޑަށް ފައިދާއާއި ޙިމާޔަތް ލިބޭގޮތަށެވެ. ނުވަތަ ވަކިދުވަސް ވަރަކަށް ނޫނީ އެ ޤާނޫނުތަކުގެ ފައިދާނުކުރެއެވެ.


އަދި ބައެއް ފަހަރަށް އެކުލަވައިލެވޭ ޤާނޫނަކީ އަނިޔާވެރިކަން އެކުލެވިފައިވާ ޤާނޫނަކަށްވެސް ވެދެއެވެ. އެހެން އެކަން ދިމާވަނީ އެ ޤާނޫނު އެކުލަވައިލުމުގައި ޙަރަކާތްތެރިވާ މީހުންނަކީ ޢަދުލުވެރި ޙުކުމަކީ ކޮބައިކަން ނުދަްނަ މީހުންނަށްވުމެވެ. ނުވަތަ އެންމެ ޢަދުލުވެރި ޙުކުމަކީ ކޮބައިކަމާމެދު ވިސްނާފައިނުވުމެވެ. ނުވަތަ އިންސާނާގެ މި ޠަބީޢަތް ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا ﴿٧٢﴾سورة الأحزاب72 މާނައީ: "އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން އިންސާނާވީ އަނިޔާވެރި، ނުވިސްނޭ މީހަކު ކަމުގައެވެ."

އިސްލާމީ ޝަރީޢަތަކީ އެންމެ ފުރިހަމަ ޝަރީޢަތެވެ. އެ ޝަރީޢަތް އެކުލަވައިލެއްވީ އިންސާނުން ހެއްދެވި ރަސްކަލާނގެއެވެ. އެއީ ޢަދުލުވެރިކަމުގައި އެންމެ ފުރިހަމަ ގޮތުގައި ސިފަކުރެވޭ ފަރާތެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَلَا يَظْلِمُ رَبُّكَ أَحَدًا ﴿٤٩﴾سورة الكهف49 މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވައެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ ...سورة النساء40 މާނައީ: "ﷲ (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ ﴿٤٦﴾سورة فصلت46 މާނައީ: " ކަލޭގެފާނުގެ ވެރިރަސްލަކާނގެއީ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައެއް ނުވެއެވެ." އަދިވެއް ވަޙީ ކުރައްވާފައިވެއެވެ. وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١١٥﴾سورة الأنعام115 މާނައީ: " ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޙީ ބަސްފުޅަކީ ތެދުވެރިކަމާއި ޢަދުލުވެރިކަމުގައި އެންމެ ފުރިހަމަ ބަސްފުޅެވެ. އެކަލާނގެ ވަޙީ ބަސްފުޅު ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މާތްﷲ ރަޙްމަތްލެއްވި ޤަތާދަތުގެފާނު ވިދާޅުވެފައިވެއެވެ. "ބުނާ ބަހުގައި ތެދުވެރިވާށެވެ. ޙުކުމްތަކުގައި ޢަދުލުވެރިވާށެވެ." މާތްﷲ ރަޙްމަތްލެއްވި އިބްން ކަޘީރް ވިދާޅުވެފައިވެއެވެ. "މާތް ﷲ އެކަމެއް އަންގަވާފައިވާ ކޮންމެ އަމުރުފުޅަކީ ވާޖިބު ކަމެކެެވެ." އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެކަލާނގެ އަމުރުކުރައްވާފއިވަނީ ޢަދުލުވެރިވުމަށެވެ. އެކަލާނގެ ނަހީކުރައްވާ ކޮންމެކަމަކީ ބާޠިލް ކަމެކެވެ. ފާސިދު ކަމެއް ނޫނީ އެކަލާނގެ ނަހީއެއް ނުކުރައްވައެވެ.

މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ...سورة الأعراف157 މާނައިީ: "އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީކުރައްވައެވެ. އަދި ރަނގަޅު ޙަލާލު ތަކެތި އެބައިމީހުންނަށް ޙަލާލުކުރައްވައެވެ. އަދި ރަނގަޅު ޙަލާލު ތަކެތި އެބައިމީހުންނަށް ޙަލާލުކުރައްވައެވެ. އަދި ނުބައިވެގެންވާ ަކެތި އެބައިމީހުންނަށް ޙަރާމް ކުރައްވައެވެ."

ޝަރުޢީ ޢިލްމުވެރިން، ޝަރުޢީ ޙުކމްތައް ދިރާސާކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ އެންމެ ފުރިހަމަ ގޮތުގައި އަޅުތަކުންގެ މަސްލަޙަތު ރައްކާތެރިކުރުން ކަމުގައެވެ. އަލް އިމާމް އިބްން ތައިމިއްޔާ ވިދާޅުވެފައިވެއެވެ "ހަމަ ކަށަވަރުން ޝަރީޢަތު އައީ މަޞާލިޙުތައް ރައްކާތެރިކޮށް ފުރިހަމަ ކުރުމަށެވެ." ޢައްލާމާ ޢިއްޒުއްދީން އިބްންސަލާމް ވިދާޅުވެފައިވެއެވެ. "ޝަރީޢަތަކީ މުޅިންވެސް މަސްލަޙަތެވެ. އެއްގޮތަކީ ފާސިދުކަންތައް ނައްތާލުމެވެ. އަނެއް ގޮތަކީ މަސްލަޙަތުތައް ޤާއިމު ކުރުމެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons