Friday, March 21, 2014

ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު


-ފުރަތަމަ ސުވާލު: ތިބާއަކީ ކާކު ހެއްޔެވެ؟

އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ.


ނުވަތަ ޗާންސަކުންނޭ ބުނެފިނަމަ ތިބާ މިހާރު ވަގުތުން އަޅުގަޑު ގެ މަތިން ނަޒަރު ނަންގަވައި އެހެން ދިމާލަކަށް ހިނގައިދާނެއެވެ. މިދުނިޔެއާ ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގާލިޔަސް މިދެންނެވި ޙަޤީޤަތް ހާމަވާނެއެވެ. އެ އެއްޗެތި އުފެދުނީ އަމިއްލައަށޭ ބުނެވިދާނެތޯއެވެ؟ މިހާރު އެހެރަ އަންނަނީ ތިބާގެ ތުއްތު ދަރިފުޅު ރޮމުންނެވެ. ދަރިފުޅު ވާހަކަދައްކަން ފެށީ އިހަށް ދުވަހުއެވެ. ދަރިފުޅު ކައިރީ ރޮނީ ކީއްވެތޯ ކޮށްބަލާށެވެ! ދަރިފުޅު ބުނާނީ ބޭބެ ޖެހީކަމުގައެވެ. އެ ތުއްތުކުއްޖާ ވެސް އެ އެއްބަސްވީ ކޮންމެ ޢަމަލަކަށް އެ 

ޢަމަލެއް ގެނައި ފަރާތެއް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މިޒަމާނުގައިވެސް ކަލަކު ވޮޑިގެން ވާކަމަށް އިންކާރުކުރާ މީހުން ވަރަށް ގިނައެވެ. ދުނިޔެ އުފެދުމާ ބެހޭގޮތުން އެންމެ "ބޯގަޅި" ތިއަރީތައް އުފަންކުރި ޗާލްސް ޑާވިން އަކީ ރަސޫލެއްކަމަށް ޤަބޫލުކުރާ މީހުންވެސް ދުނިޔޭގެ ފަސްގަނޑު މަތީގައި އެބަތިއްބެވެ. އެއީ އެމީހުންގެ ހަވާނަފުސަށް އީމާންވެގެން ތިބިމީހުންނެވެ. އެބައިމީހުން ބުނަނީ ތިބާއަކީ ރަމާމަކުނުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެއްކަމަށެވެ.

ނުވަތަ ތިބާގެ މުނިމުނި ކާފައަކީ ރާމާމަކުނެއްކަމަށެވެ. ޑާވިން ބުނު އޭޕްސް އެވެ. ހިތާމައާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބުއްދީގެ ތަރާދުގައި ކުނޑިފުކެއްގެ ބުރަދަންވެސް ނެތް މި ތިއަރީ ޤަބޫލުކުރާ ބައެއް މީހުން މަދު މަދުން ނަމަވެސް މިހާރަކަށް އައިސް ދިވެހިރާއްޖޭއިން ފެންނަމުން ދާކަމެވެ. އެހެރަ ފެންނަ ރީތި ފިނިފެންމަލަށް ބަލާލަބަލާށެވެ. އެ މާ ރީތިކަމުން އެހެރަ ކުރެހުންތެރިޔާ އެ މާ އެކުރަހަނީއެވެ. އޭނާ އެބަލަނީ މަލުގެ ބޭރުފުށަށެވެ.

އެމަލުގައި ވާ ކުލަތަކަށެވެ. އެހެރަ ފެންނަ ވިޔަފާރިވެރިޔާ އެ މާތަށް ހިފައިގެން އެގެންދަނީ އެމާތައް ވިއްކާލެވޭތޯއެވެ. އެހެރެ ފެންނަ ސައިންސުވެރިޔާ އެހޯދަނީ އެމަލުގެ އެތެރޭގެ ޢަމަލުތަކެވެ. އަހަރެން މި ވިސްނަނީ އެ މާ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާމެދުގައެވެ. މި ދުނިޔޭގައިވާ ރީތި މާމެލާމެއްޔާ އެކިކުލަކުލައިގެ އެކިވަރުވަރުގެ ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި ކޯރުތަކާ ކަނޑުތަކާއި ވާ މަސްމަހާމެއްސާއި މިހެންގޮސް މި ތިމާވެށިން ފެންނަ ކޮންމެ އެއްޗެއްވެސް އޭގެ ޙާލުގެ ދުލުން އަބަދާއި އަބަދު ކިޔަނީ އެކެއްޗެކެވެ. އެއީ އެތަކެތި ހެއްދެވި ކުޅަދުންވަންތަ ކަލަކުވާކަމެވެ. ތިބާވެސް އަހަރެންގެ ފުރަތަމަ ސުވާލާމެދު ވިސްނާލަބަލާށެވެ!

ދެވަނަސުވާލު: ތިބާ ދުނިޔެއަށް އައީ ކީއްކުރަން ހެއްޔެވެ ؟

އަހަރެން ލިޔެ ތައްޔާރު ކުރި ފަރާތުން ބުނީ އަހަރެންގެ ބޭނުމަކީ ތިބާއަށް ފައިދާއެއް ކޮށްދިނުން ކަމަށެވެ. އަހަރެން އެބަ އެވަޒީފާ އަދާކުރަން ދެއްތޯއެވެ؟ ނޫންނަމަ އަހަރެން ލިޔެ ތައްޔާރުކުރި ފަރާތުން އަހަރެން ތިބާއާ ވަކި ކޮށްފާނެއެވެ. މިސުވާލު ދުނިޔޭގައި އުޅޭ މީހުންނާ ކޮށްފިނަމަ އެކިމީހުން ދޭނީ އެކިޖަވާބެވެ.


އެކިމީހުން އީމާންވަނީ އެކި ފޮތްފޮތަށެވެ. ނަޞާރާއިންނާއި ޔަހޫދީން ބުދަށް އަޅުކަންކުރާ މީހުންނާއި ހިންދީން އެމީހުންގެ އެ ދީންތަކުގައި ޚާލިޤުއާއެކު މަޚުލޫޤުތަކުން ޝަރީކުން ކަމުގައި ބަލައެވެ. އަހަރެންނާއެކު ކީރިތި ޤުރުއާން ނަގާ ކިޔާލަމާ ހިނގާށެވެ. ފުރަތަމަ މިފެނުނީ އަހަރެމެންނަށް ހިދާޔަތް ދައްކަވާތޯ ކުރެވޭ ދުޢާއެކެވެ. ވަޤުތުކޮޅުގެ ކުޑަކަމާއެކު ޤުރުއާނުގެ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ސޫރަތެއް ބަލަމާ ހިނގާށެވެ.

وَالْعَصْرِ (1) إِنَّ الأِنْسَانَ لَفِي خُسْرٍ (2) إِلاَّ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (3)

"ޒަމާން ގަންދެއްވަމެވެ.(1) ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ.(2) އީމާންވެ ޞާލިޙު ޢަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.(3)"

ވަޤުތު ގަންދެއްވުމަށްފަހު ދެން މިވަނީ އަހަރެމެންގެ ޙާލަތު ބަޔާންކޮށްދެއްވާފައެވެ. މިހާރު މިތިބެވުނީ ދާނެ ނުދާނެ މަގެއް ނޭގި އެހެން ނޫންތޯއެވެ؟ އެހެންވީމާ އިންސާނުން ކުރަންވީ ކަންތައް މި ސޫރަތުގައި މިއޮތީ ބަޔާންވެ ނިމިފައެވެ. އެއީ އީމާންވުމާއި، ހެޔޮޢަމަލު ކުރުމާއި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކުރުމާއި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރުމެވެ.

މި ސޫރަތާ ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ.

"لَوْ مَا أَنْزَلَ اللهُ حُجَّةً عَلَى خَلْقِهِ إِلاَّ هَذِهِ السُّورَةَ لَكَفَتْهُمْ"

"ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޚަލްޤުތަކުންނަށް ޙުއްޖަތެއް[1] ކަމުގައި މިސޫރަތް މެނުވީ އެހެން ސޫރަތެއް ބާވައިނުލެއްވި ނަމަވެސް އެމީހުންނަށް ފުދުނީހެވެ."

ދެން އެހެން އާޔަތެއް ބައްލަވާލައްވަމާ ހިނގާށެވެ.

وَمَا خَلَقْتُ الْجِنَّ وَالإِنْسَ إِلاَّ لِيَعْبُدُونِ

"ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ."

މިހާރު މިވަނީ ޖަވާބު ފެނިފައެވެ. މި ސުވާލުގެ ޖަވާބު ރަގަޅަށް ދީ އެ ޖަވާބާ އެއްގޮތަށް ޢަމަލު ކުރެވޭތޯ ބަލާށެވެ. މިހާރު އަހަރެންނާ ތިބާ އާ ވަކިވާގަޑި ޖެހުނީއެވެ. އަހަރެންނަށް އަހަރެންގެ ވަޒީފާ އަދާކުރެވިއްޖެ ދޯއެވެ؟ ތިބާގެ ވަޒީފާއައިގެން މަޝްޣޫލުވާށެވެ. އެއީ މި ލިބުނު މަޢުލޫމާތަށް ޢަމަލުކުރުމެވެ.

ތިންވަނަ ސުވާލު: ތިބާ މަރުވަނީ ކީއްވެތޯއެވެ ؟ ނުވަތަ ތިދެވެނީ ކޮންތަނަކަށް ތޯއެވެ ؟

އަނިޔާ ލިބުނު މީހުން މިޙަޔާތާ ވަކިވަނީ އެމީހުންނަށް އޭގެ ބަދަލު ނުލިބިއެވެ. އަނިޔާވެރިން ވެސް މި ޙަޔާތް ދޫކޮށް ދަނީ އެމީހުންނަށް ޙައްޤު އަދަބު ނުލިބިއެވެ. ވީމާ، އެކަންކަން ޢަދުލުވެރި ގޮތަކަށް ނިމޭނެ ދުވަހަކަށް ބޭނުން ޖެހެއެވެ. އަހަރެންގެ ބާކީ އޮތްބައި ނުނިންމާ މިހާ ހިސާބުން ނިންމާލި ނަމަ ތިބާ ބުނާނީ، ބަލަން އިން ފިލްމު މެދުތެރޭން ނިމުނިއްޔޭ ކިޔާފަ ފިލްމު ނިންމާލުމުން ތިބާއަށް އިޙްސާސް ކުރެވޭ ފަދަ އިޙްސާސްކުރުމެކެވެ. މިއީ  މިޙަޔާތާއި އުޚްރަވީ ޙަޔާތުގެ މިސާލެވެ.

އަހަރެންނަށް އަދި ތިބާއަށްވެސް އަބަދަކު މިތާކު ނުހުރެވޭނެއެވެ. މަރަކީ ކޮންމެ މީހަކާވެސް ބައްދަލުވާނެ އެއްޗެކެވެ. އަހަރެންގެ ޢުމުރުން ބާކީ އޮތީ ދެތިން ފޮޅުވަތެވެ. ތިބާ އަހަރެންގެ ވަޞިއްޔަތް ހަނދުމަކުރާށެވެ. އަހަރެންގެ މަތީން ހަދުމަކޮށް އަހަރެންގެ މިވަޞިއްޔަތުގެ ވާހަކަ ތިބާގެ ޢާއިލާއިން ފެށިގެން ގޮސް ގާތް ރަޙްމަތްތެރީން ކައިރީގައި ބުނާށެވެ.


ނިކަމެތި ޟަޢީފު ފަޤީރު މީހުން ފެށިގެން ގޮސް ކަލާނގެ ކަމަށް ދަޢުވާކުރި ޖައްބާރު މުއްސަނދި ސާދާގަރުންވެސް މަރާ ބައްދަލުކުރެއެވެ. މަރުވުމަކީ ނިމުމެއްނޫނެވެ. މަރުވުމަކީ އެހެން ޙަޔާތަކަށް ދަތުރު ކުރުމެވެ. އަދި ބަރުޒަޚުގެ ޙަޔާތަށްފަހު ދެމިގެންވާ ޙަޔާތަށް ތިމާ ދަތުރު ކުރާނެއެވެ. ހެޔޮ ޢަމަލުތައް ގިނައިން ކުރިމީހުންނަށް ކާމިޔާބެވެ. ނުބައި ޢަމަލުތައް ކުރުންމަތީ ދެމިތިބެ އެ މަރާ ބައްދަލުކުރާ މީހުންނަކީ އަބާއްޖަވެރީންނެވެ. ހެޔޮ ޢަމަލު ކުރަން އޮތީ މިދުނިޔޭގެ ޙަޔާތުގެ މިކުޑަކުޑަ ދުވަސްކޮޅެވެ.

އުޚުރަވީ ޙަޔާތުގައި އޮތީ ޢަމަލުތަކުގެ ޙިސާބުބެއްލެވުމެވެ. ތިބާ އަހަރެން ކިޔުމުގައި ތިޔަ ކުރާ ޢަމަލުތައްވެސް މަލާއިކަތުން އެދަނީ ލިޔުއްވަމުންނެވެ. އެކަމުގެ ހިސާބުވެސް ބެއްލެވޭނެއެވެ. ދުޢާއަކީ ތިބާއަށް މިދުނިޔެ އާއި އާޚިރަތުގައި ކާމިޔާބު ލިބުމެވެ. ތިބާއާ ކައްވަޅުގައި 3 ސުވާލު ކުރެވުމުގެ ކުރިން މި ތިން ސުވާލާމެދު ފުންކޮން ވިސްނާލާށެވެ. އަހަރެންނަކީ ތިބާއާ އަބަދުވެސް އެކުވެރި ތިން ސުވާލުކަމުގައި ހަދާށެވެ. - 



އަލްއަޚް މުޙައްމަދު ސިރުޙާން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons