ސުވާލު:
ރާޒުވާކުޅުމަކީ ކޮންކަހަލަކަމެއްތޯއެވެ.؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ރާޒުވާ ކުޅެނީ ހަރާދު ކިޔައިގެން ކަމުގައި ވާނަމަ ނުވަތަ އޭގެ ސަބަބުން ވާޖިބުކަމެއް ދޫވާނަމަ ނުވަތަ ނަމާދު ފަސްވާނަމަ ، ނުވަތަ ދޮގެއް ނުވަތަ ގެއްލުމެއް ހިމެނޭނަމަ ޙަރާމް ވެގެންވާ ކަމަށް ޢިލްމުވެރިން އިޖުމާޢުވެއެވެ. އެފަދަކަމެއް ނުހިމެނޭނަމަ ރާޒުވާ ކުޅުމުގެ ޙުކުމާއި މެދު ޢިލްމުވެރިން ޚިލާފުވެގެން ވެއެވެ.
ހ- ޙަނަފީ މަޛުހަބާއި، މާލިކީ މަޛުހަބާއި، ޙަންބަލީމަޛްހަބާއި، އަދި ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ތެރެއިން އައްރޫޔާނީގެ ބަސްފުޅަކީ ރާޒުވާ ކުޅުމަކީ ޙަރާމް ކަމެއް ކަމެވެ.
ށ- ޝާފިޢީގެ މަޛުހަބަކީ، ރާޒުވާ ކުޅުމަކީ މަކުރޫހަ ކަމެއް ކަމެވެ.
ޙަރާމް ކަމަށް ވިދާޅުވި ބޭކަލުންގެ ތެރޭގައި عَلِيُّ بْنُ أَبِي طَالِبٍ ، ابْنُ عُمَرَ ،ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمْ ، سَعِيدُ بْنُ الْمُسَيَّبِ ،الْقَاسِمُ ، سَالِمٌ ،عُرْوَةُ ، مُحَمَّدُ بْنُ الْحُسَيْنِ مَطَرٌ الْوَرَّاقُ ، ހިމެނެއެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އަލްއިމާމު އިބްނު ޤައްޔިމް ވެސް ހިމެނެއެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ޢަބްދުﷲ ބިންބާޒް ވެސް ހިމެނެއެވެ.- رحم الله جميع علماء المسلمين – އަދި އެއީ ސަޢުދީގެ ފަތުވާ ކޮމެޓީގެ ފަތުވާއެވެ. ބައްލަވާ ފަތުވާ ނަމްބަރު ( 3900 ) އެއީ ޢާންމުކޮށް ފިޤުހުވެރިންގެ ބަހެވެ. އިބްނުލް ޤައްޔިމް ވިދާޅުވިއެވެ” އެއްވެސް ޞަޙާބީއެއްގެ ކިބައިން ހުއްދަކަމަށް ވިދާޅުވި ކަމެއް އަދި ރާޒުވާ ކުޅުއްވިކަމެއް ޞައްޙަމަގުން އައިސްފައެއް ނުވެއެވެ. އަދި ކިއެއްތަ އެބޭކަލުންނަށް ނިސްބަތް ކުރެވިފައިވާ ވާހަކަ ތަކަކީ އޭބޭކަލުންގެ މައްޗަށް ހަދާފައިވާ ދޮގެވެ. ” الفروسية ” ( ص 311)
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ” ސަލަފުންގެ އެއްވެސް ޢިލްމުވެރިޔަކު އެއީ ހުއްދަކަމެއްކަމުގައި ވިދާޅުވެފައެއް ނުވެއެވެ. “
ﷲ ތަޢާލާ ހަނދުމަ ކުރުމުން ދުރުކުރާ އެއްޗެއް ކަމުގައި ވާތީ އާއި ބޭކާރު ގޮތުގައި ވަގުތު ހޭދަކޮށް ތިމާގެ ޢުމުރު ނަގާލާ ކުޅިވަރަކަށް ވާތީ ތާސް ކުޅުން ހުއްދަނޫންކަމަށް ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާއި ޝައިޚް ބިން ބާޒް ރަޙިމަހުﷲ ފަތުވާ ދެއްވާފައި ވެއެވެ.
ކޮންމެއަކަސް ތާސްކުޅުމުން ދުރުވެގަތުން ރައްކާތެރިކަން ބޮޑެވެ. ތާސްކުޅުންފަދަ ކުޅިވަރު ތައް ހުއްދަކަމަށް ވިދާޅުވާ ބޭފުޅުން ޝަރުޠުތަކެއް ކަނޑައަޅުއްވައެވެ. އޭގެތެރޭގައި މާތްﷲ ހަނދުމަ ކުރުމުން އެއްކިބާ ނުކުރުމާއި، ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމަށް އެކަމުގެ ސަބަބުން ފަރުވާ ކުޑަ ނުވުމާއި، ނަމާދު ފަސްކޮށްފައި ނުތިބުމާއި، މަގުމަތީގައި ނުކުޅުމާއި، ދޮގާއި މަކަރާއި އަދި އެނޫންވެސް ދީނުގައި މަނާ އެއްވެސް ކަމެއް އެކުޅިވަރެއްގެ ތެރޭގައި ނުވުމާއި، އެކަން ދެވިހިފާވަރަށް ނުކުރުމާއި މިފަދަ ޝަރުޠު ތަކެވެ. މީގެ މާނައަކީ ތާސްކުޅުން އޭގެ ޒާތުގައި ޙަރާމް ކަމަކަށް ނުވި ނަމަވެސް ޢާންމުގޮތެއްގައި ތާސްކުޅެވޭ ގޮތާއި ކުޅޭ މީހުންގެ ޙާލަތު ހުންނަގޮތުން އެކަމަކީ އޭގެ ސަބަބުން ނުބައި އަސަރުތަކެއް ކުރުވާ ކަމަކަށް ވާތީ އެކަން ހުއްދަ ނުވެދާނެއެވެ. ތާސް ކުޅުން ޙަރާމް ވުމާއި މެދު އެއްވެސް ޙަދީޘެއް ވާރިދުވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. والله أعلم -
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
0 comments:
Post a Comment