އިސްލާމުންގެ ފުރަތަމަ ޚަލީފާ އަކީ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހް އެވެ. އަބޫބަކުރުގެ ފާނުގެ ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން އަބީ ޤަޙާފާ އެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 54އަހަރު ކުރިންނެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 13ވަނަ އަހަރުގައެވެ. އަބޫބަކުރުގެފާނަކީ ސުވަރުގެ ވަދެވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވާފައިވާ 10ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ހިޖުރީ ތާރީޚް ފުރަތަމަ ޖައްސަވަން ފެއްޓެވީ ޢުމަރުގެ ފާނެވެ. އުމަރުގެ ފާނު އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 40އަހަރު ކުރިންނެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 23ވަނަ އަހަރުގައެވެ. ފުރަތަމަ ހިޖުރީ ތާރީޚް ޖެއްސެވީ ކީރިތި ރަސޫލާ މައްކާއިން މަދީނާ އަށް ހިޖުރަކުރި ހާދިސާއާ ރިއާޔަތްކޮށް ހިޖުރައިން 16ވަނަ އަހަރުގައެވެ.
އިސްލާމީތާރީޚްގައި ޕޯސްޓްގެ ނިޒާމް ނުވަތަ ޚިދުމަތް އެންމެ ފުރަތަމަ ގާއިމްކުރެއްވީ މުޢާވިޔަތު ބިން އަބީ ސުފްޔާން ރަޟިޔަﷲ ޢަންހް އެވެ. ކަސްޓަމްގެ ނިޒާމް ފުރަތަމަ ގާއިމްކުރެއްވީ ޢުމަރު ބުނުލް ޚައްތާބު ރަޟިޔަﷲ ޢަންހު އެވެ.
އިސްލާމީތާރީޚުގެ ފުރަތަމަ ވަޒީރަކީ އަހުމަދު ބިން ސުލައިމާން އަލްޚިލާލު ނުވަތަ އަބޫ ސަލަމާ އަލްޚިލާލުއެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 132 ވަނަ އަހަރުއެވެ. ފުރިހަމަ ނަންފުޅަކީ ޙަފުޞު ބިން ސުލައިމާން އަލްހަމްދާނީ އެވެ. ވަޒީރެއްގެ މަގާމަށް އަބޫ ސަލަމާ އިސްކުރެއްވީ ޢައްބާސީ ދައުލަތުގެ ފުރަތަމަ ޚަލީފާ އަބުލް ޢައްބާސް އައްސައްފާހު އެވެ. 4މަސް ދުވަހު އަބޫ ސަލަމާ ވަޒީރު ކަމުގައި ހުންނެވިއެވެ. އޭގެ ކުރީގެ އެއްވެސް ދުވަސްވަރެއްގައި ''ވަޒީރު'' މިނަން ބޭނުންކޮށް ނުވަތަ ކިޔާފައެއް ވެސް ނުވެއެވެ.
ކީރިތި ގުރުއާން މުޞްޙަފެއްގެ ސިފައިގައި ފުރަތަމަ ޖަމާކުރެއްވީ އިސްލާމުންގެ 3ވަނަ ޚަލީފާ ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހު އެވެ. އެއީ ޢުޘްމާނުގެ ފާނުގެ ޚަލީފާ ކަމުގެ ދުވަސްވަރު މީސްތަކުން ގުރުއާން ކިޔެވުމުގައި އިޚްތިލާފްތައް ގެންގުޅޭކަން ފާހަގަ ވުމުންނެވެ. އެހެންކަމުން ކީތިރި ގުރުއާން ޖަމާކުރައްވާ އިސްލާމީ ދައުލަތްތަކަށް ބައްސަވާ ހެއްދެވިއެވެ.
އެންމެ ފުރަތަމަ އަސް ބޭނުކުރެއްވި ބޭފުޅަކީ އިސްމާޢީލް ޢަލައިހިއްސަލާމް އެވެ. އޭގެ ކުރިން އަހަކީ ވަހުޝީ ޖަނަވާރެއްގެ ގޮތުގައި ބެލުނެވެ. ނަމަވެސް އިސްމާޢީލްގެ ފާނު އަސްކިޔަމަން ކުރައްވާ އެއަށް ސަވާރުވެ ވަޑައިގެން ހެއްދެވިއެވެ.އެއަށް ފަހު އިސްމާޢީލްގެ ފާނުގެ ދަރިންވެސް މިބީދައިން އަމަލުކުރެއްވިއެވެ.
އެންމެ ފުރަތަމަ ޒަމްޒަމް ފެން ހިއްޕެވި ބޭކަލަކީ އިސްމާޢީލްގެ ފާނުއެވެ. އެއީ އިބްރާހީމްގެ ފާނު އިސްމާއީލްގެ ފާނުއާއި، އިސްމާޢީލްގެ ފާނުގެ މަންމާފުޅު ހާޖަރު ސަހަރާ އަށް ދޫކޮށްފާ ދިއުމުންނެވެ. ހާޖަރުގައި އަތުގައި ޖޯރެއްގައި ފެންފޮދެއް ހުއްޓެވެ. ނަމަވެސް އެފެންފޮދު ހުސްވުމުން ހާޖަރު އިސްމާޢީލްގެ ފާނަށް ފެން ހޯދުމަށްޓަކައި ޞަފާ މަރުވާ ދޭތެރޭގައި ހިންގެވިއެވެ. މިގޮތަށް 7ވަނަ ފަހަރު ހިންގަވަނިކޮށް ޖިބްރީލްގެ ފާނު ވަޑައިގެން އިސްމާޢީލްގެ ފާނުގެ ފައިޕުޅުގެ ދަށުން ޒަމްޒަމް ފެން ނެރުއްވިއެވެ. ހާޖަރު އަށް މިފެން ފެނުމާއި އެކު ވަށައިގެން ވެލިޖަމާކޮށް ފެންގަނޑު ހިފެހެއްޓެވިއެވެ. އެއަށްފަހު އިސްމާޢީލްގެ ފާނަށް ޒަމްޒަމް ފެން ދެއްވިއެވެ.
އިސްލާމީ ތާރީޚްގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ''ގުބާއު'' މިސްކިތެވެ. މިމިސްކިތް ބިނާކުރެވުނީ ހިޖުރައިން 1ވަނަ އަހަރުގައެވެ. މިމިސްކިތަށް ''މަސްޖިދުލް ޤިބްލަތައިން''އޭ ވެސް ކިޔުނެވެ. އެއީ މިމިސްކިތުގައި ދެ ޤިބުލަ ހުންނާތީއެވެ. ފުރަތަމަ ޤިބުލަ ހުންނަނީ ގުދުސްގައިވާ މަސްޖިދުލް އަޤްޞާއާ ވީ ދިމާއަށެވެ. ދެވަނަ ޤިބުލަ ހުންނަނީ މައްކާގައިވާ މަސްޖިދުލް ޙަރާމްއާ ވީ ދިމާއަށެވެ. މިމިސްކިތް ބިނާކުރެއްވީ ކީރިތި ރަސޫލާ މަދީނާ ކައިރީގައި އޮންނަ ގުބާއޭ ކިޔޭ ހިސާބަކަށް ވަޑައިގަތުމަށް ފަހުގައެވެ.
އެންމެ ފުރަތަމަ މަތިމަސް ހެއްދެވި ( ކުރުކޮށް ކޮށުން ) ބޭފުޅަކީ އިބްރާހީމްގެ ފާނުއެވެ. އިސްތަށިގައިން ފުރަތަމަ އުފުރެއްވެވީ ވެސް އިބްރާހީމްގެ ފާނުއެވެ. ނިޔަފަތި ކެޑުމާއި، ފެނުން އިސްތިންޖާ ފުރަތަމަ ކުރެއްވީ ވެސް އިބްރާހީމްގެ ފާނުއެވެ.
ފުރަތަމަ ޚިތާނުކުރެއްވި ބޭފުޅަކީ އިބްރާހީމްގެ ފާނުއެވެ. ޚިތާނުކުރެއްވީ އުމުރު ފުޅުން 120 އަހަރުގައި ޝާމްކަރައިގެ ރަށެއްކަމުގައިވާ ''ޤުދޫމް''ގައެވެ. ޚިތާނުކުރެއްވުމަށް ފަހު 80އަހަރުފުޅު ވަންދެން ދިރިހުންނެވިއެވެ.
އެންމެ ފުރަތަމަ ޖަލު ބިނާކުރެއްވީ އިސްލާމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ބިން އަބީ ތާލިބު ރަޟިޔަﷲ ޢަންހު އެވެ. ޢަލީގެ ފާނު ޚަލީފާކަމަށް އިސްކުރެއްވުމާއި އެކު ޖަލު ބިނާކުރެއްވިއެވެ. އޭގެ ކުރިން އަބޫބަކުރުގެ ފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެ ފާނުގެ ޚިލާފަތުގައި މީހުން ހައްޔަރުކޮށްފައި ބައިތިއްބަވަނީ ވަޅުތަކުގައެވެ.
އާއްމު ލައިބްރަރީއެއް އެންމެ ފުރަތަމަ ހެއްދެވީ ޢައްބާސީ ޚިލާފަތުގައި ބަޣުދާދުގައި ޚަލީފާ ހާރޫނުއްރަޝީދު އެވެ. މިލައިބްރަރީގެ ނަމަކަށް ''ބައިތުލް ޙިކުމާ'' އޭ ކިޔައި ނަންދެވުނެވެ. މިލައިބްރަރީގައި ފޮތްލިޔާމީހުންނާއި، ތަރުޖަމާކުރާމީހުންނާއި، ފާރަވެރިން ބައިތިއްބިއެވެ. މިލައިބްރަރީގައި އިންޑިޔާއާއި، ގްރީކްއާއި، ފާރިސީ ފަދަ ހަޟާރަތްތަކުގައި ނެރެފައިވާ އެކި އެކި ދާއިރާތަކުގެ ފޮތްތަކާއި ލިޔުންތައް އަރަބި ބަހަށް ތަރުޖަމާ ކުރެވުނެވެ.
މާތް ﷲގެ މަގުގައި އެމީހެއްގެ ހުރިހާ މުދަލަކާއި ފައިސާއެއް ފުރަތަމަ ހޭދަކުރެއްވި ބޭކަލަކީ އަބޫބަކުރުގެ ފާނެވެ. އަބޫބަކުރުގެ ފާނަކީ ދީލަތިބޭފުޅެކެވެ. މައްކާގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އިސްލާމްވެ ވަޑައިގަތުމަށް ފަހު ވިޔަފާރިކުރުން ދޫކުރައްވާ އިސްލާމްދީނަށް ގޮވާލެއްވުމުގައި ކީރިތި ރަސޫލާގެ އަރިހުގައި ދެމިހުންނެވިއެވެ. އިސްލާމްވެ ވަޑައިގެންނެވި އިރު މިލްކިއްޔާތުގައި 04ހާސް ދިރުހަމް ހުއްޓެވެ. އެހުރިހާ ފައިސާއެއް އަބޫބަކުރުގެ ފާނު މާތް ﷲގެ މަގުގައި ހޭދަކުރެއްވިއެވެ. އަބޫބަކުރުގެ ފާނު އަވަހާރަފުޅުވެ ވަޑައިގެންނެވިއިރު މިލްކިއްޔާތުގައި އެންމެ ދިރުހަމެއް ނުވަތަ ދީނާރެއްގެ މިންވަރުވެސް ދޫކޮށްފައި ނުވާކަމަށް ޢައިޝަތުގެ ފާނު ޚަބަރު ދެއްވި ކަމަށް ޢުރުވަތު ބިން ޒުބައިރު ވިދާޅުވެފައިވެއެވެ. މުސްލިމު އަޅުންގެ ތެރެއިން 7މީހަކު އަބޫބަކުރުގެ ފާނު މިނިވަންކޮށްދެއްވިއެވެ. އޭގެތެރޭގައި ބިލާލު ބިން ރިބާޙު އަދި ޢާމިރު ބިން ފުހައިރާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އިސްލާމީ ދައުލަތުގެ ފުރަތަމަ ޤާޟީއަކީ އުމަރުގެ ފާނުއެވެ. މިމިގާމަށް އުމަރުގެ ފާނު އިސްކުރެވުނީ އަބޫބަކުގެ ފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެއްއަހަރު ވަންދެން އުމަރުގެ ފާނު ޤާޟީއެއްގެ މަގާމުގައި ދެމިހުންނެވިއެވެ.
ކީރިތި ގުރުއާނުގެ އެއްކޮށް ފުރަތަމަ ބާލައިލެއްވުނު ސޫރަތަކީ ''ސޫރަތުލް ފާތިޙާ'' ނުވަތަ ''އަލް ހަމްދު''އެވެ. ''ސޫރަތުލް ފާތިޙާ''ގައި ވަނީ 7 އާޔަތެވެ. މިސޫރަތަށް ތަފާތު ނަން ނަން ކިޔައި އުޅެއެވެ. އޭގެތެރޭގައި ''ފާތިޙަތުލް ކިތާބު''، ''އުއްމުލް ގުރުއާން''، ''އުއްމުލް ކިތާބު''، ''ސަބުޢުލް މަޘާނީ''، ''އައްރުޤިއްޔާ'' ފަދަ ނަންތައް ހިމެނެއެވެ.
ކީރިތި ރަސޫލާ އެންމެ ފުރަތަމަ މިނިވަންކުރެއްވި އަޅަކީ ޒައިދު ބިން ޙާރިޘާ ރަޟިޔަﷲ ޢަންހު އެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައެވެ. ޚަދީޖަތުގެ ފާނުގެ އަޅެއްގެ ގޮތުގައި ވަނިކޮށް ކީރިތި ރަސޫލާ ޚަދީޖަތުގެ ފާނުއާއި، ކާވެނި ބައްލަވައިގަތުމަށް ފަހު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. އެއަށް ފަހު ޒައިދު ބިން ޙާރިޘާ ޒައިނަބު ބިންތި ޖަޙްޝްއާ ކާވެނި ބައްލަވައި ގެންނެވިއެވެ.
އިސްލާމްދީންގައި ފުރަތަމަ ޝަހީދުވި ބޭކަލަކީ ޚަދީޖަތުގެ ފާނުގެ ދަރިކަލުން އަލްޙާރިޘް ބިން އަބީ ހާލާ ރަޟިޔަﷲ ޢަންހު އެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައެވެ. ކީރިތި ރަސޫލާ ފާޅުގައި އިސްލާމްދީނަށް ގޮވާލުމަށް އަމުރުކުރެއްވުމުން މަސްޖިދުލް ހަރާމް އަށް އެރުމަށްފަހު ހަރުއަޑުން އަންނަނިވި ޢިބާރާތް ވިދާޅުވިއެވެ. ''ﷲމެނުވީ އިލާހަކު ނުވާކަމަށްތިޔަބައި މީހުން ބުނާށެވެ. ފަހެ ތިޔަބައިމީހުންނަށް ކާމިޔާބު ލިބޭހުށީ އޭރުންނެވެ.'' މިއަޑުއިވުމުން ޤުރައިޝުންގެ މީހުން އެއްވެ، އަލް ޙާރިޘާ ބިން އަބީހާލާގެ ހަށިކޮޅުގައި ތަޅާއަނިޔާކޮށް ގަތުލުކުރެއްވިއެވެ.
އިސްލާމްދީންގައި ފުރަތަމަ ޝަހީދުވި ބޭކަނބަލަކީ ސުމައްޔާ ބިންތި ޚައްބާތު ރަޟިޔަﷲ ޢަންހާ އެވެ. އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 8ވަނަ އަހަރުގައެވެ. ސުމައްޔާ ބިންތި ޚައްބާތަކީ ޢައްމާރު ބިން ޔާސިރު ގެ މަންމާފުޅެވެ. ސުމައްޔާބިންތިޚައްބާތު އާއި، ފިރިކަލުންނާއި ދަރިކަލުން ސިއްރުގައި އިސްލާމްވުމަށް ފަހު އެކަން ފާޅުކުރެއްވިއެވެ. ސުމައްޔާއާއި އޭނާގެ އާއިލާ މުޝްރިކުންގެ އަނިޔާއިން ސަލާމަތްކޮށްދޭނޭ މީހަކު ނެތުމުގެ ސަބަބުން މުޝްރިކުންގެ އަޒާބުތައް ދެމުންގެންދިޔައެވެ. މިގޮތުން ދަނގަޑުހެދުން އެޅުއްވުމަށް ފަހު އަވިގަނޑުގެ ތެރޭގައި ބައިތިއްބިއެވެ. މިހާލުގައި ވަނިކޮށް އަބޫ ޖަހުލު އެތަނަށް ހާޟިރުވެ ސުމައްޔާ ބިންތި ޚައްތާބު ގަތުލުކުރެއްވިއެވެ.
ޢަބްދުލް ޢަޒީޒް ޙަމީދު
0 comments:
Post a Comment