-ވިޔަފާރީގެ ބާވަތްތައް އިޝްތިހާރު ކުރުމުގައި ބޭނުންކުރެވޭ ފާހިޝް މަންޒަރުތަކާއި ފޮޓޯފަދަ ތަކެތި އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢުގައިވެސްވަނީ ޢާއްމުވެފައެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމުގެ އިޝްތިހާރެއް ކަމުގައިވީނަމަވެސް، ނުވަތަ މަރުތެޔޮލާއި ނަޓު އިސްކުރުގެ އިޝްތިހާރެއް ކަމުގައިވީނަމަވެސް ނުވަތަ ބުޅިކަންވާރާއި މަސްވެރިކަމުގެ އާލާތްތަކުގެ އިޝްތިހާރެއް ކަމުގައިވީނަމަވެސް އަންހެނަކު ނުވަތަ އަންހެނުންތަކެއް އެއިން ނުފެންނަ އިޝްތިހާރެއް މަދުވާނެއެވެ.
ހަމައެފަދައިން، ފިހާރަ ފިހާރައިގެ ބިއްލޫރިގަނޑުން ބޭރަށް ފެންނަގޮތަށް ބެހެއްޓިފައި ހުންނަ މަންޒަރުތަކުގައިވެސް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާހިޝް މަންޒަރުތައް ޢާއްމު ކުރެވިފައި ހުރެއެވެ. ވަކީން ޚާއްޞަކޮށް ފިލްމު ކުއްޔަށް ދޫކުރާ ސީޑީ ފިހާރަތަކާއި، އެތެރެއިން ލައިއުޅޭ އަންނައުނު ވިއްކާ ފިހާރަތައް ފާހަގަ ކޮށްލަމެވެ.
މުސްލިމުންގެ ތެރޭގައި ފާހިޝް ޢަމަލުތައް ފެތުރުން އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެކަމަށް އެދޭމީހާއަށް ހުރި ވަޢީދުގެ ބަސްފުޅު އަންގަވައި އެކަލާނގެ ވަޙީކުރައްވާފަވެއެވެ. "إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ" (النور : 19) މާނައީ: "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުއްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ޢިލްމު ނެތިގޮސް ޖަހާލަތުގެ އަނދިރިކަން މީސްތަކުންގެ ތެރޭގައި ފެތުރިގެންދިއުން ހިމެނެއެވެ. އެހައިރުން ރާ ބުއިމާއި، ޒިނޭ ކުރުންފަދަ ޢަމަލުތަކަކީ މީސްތަކުންގެ މެދުގައި ޢާއްމު ކަމެއް ކަމުގައިވެދާނެއެވެ. މިއަދު އަޅުގަނޑުމެންގެ މިމުޖްތަމަޢުގައިވެސް މިވަނީ މިދެންނެވި ޢަމަލުތައް ކުރާމީހުން ގިނަވެ، އަދި އެއީ މާ ބޮޑުކަމެއް ނޫންކަމުގައި މީސްތަކުންނަށް ވިސްނިފައެވެ. އޮރިޔާން ނިވާނުވާފަދަ ހެދުން އަޅައިގެން އުޅޭ އަންހެނުންނާއި، ސައިކަލު މަތީގައި އާއި އަދި އެނޫން ގޮތްގޮތަށްވެސް ފިރިހެނުންނާއި އަންހެނުން ގައިގޯޅިވެގެން އުޅޭ މަންޒަރު މިހާރުވެފައިވަނީ އާދައިގެ ކަމެއް ކަމުގައެވެ. އެކަމުގެ ލަދުވެތިކަމާއި ހުތުރުކަން ވަނީ އަޅުގަނޑުމެންގެ ހިތްތަކުން ފޮހެވިފައެވެ. އެއީ މާބޮޑު ކަމެއް ނޫންކަމުގައި ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް އެއީ ﷲ ގެ ޙަޟުރަތުގައި ބޮޑުވެގެންވާ ފާފަތަކެވެ.
ޓީވީ އިޝްތިހާރު ތަކުންނާއި، މަގުތަކުގައި ބެހެއްޓިފައި ހުންނަ އިޝްތިހާރު ކުރާ ސްކްރީން ތަކުންނާއި، ފިހާރަ ފިހާރައިގެ ބޭރުގައި ހިއްޕާފައި ހުންނަ ޕޯސްޓަރުތަކުންވެސް ފެންނަނީ މުޅީންވެސް އެފަދަ މަންޒަރުތަކެވެ. ކާންބޯން ރިޒުޤު ހޯދުމަށް ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ކޮންމެ ގޮތަކުންނަމަވެސް ގިނަ ފައިސާތަކެއް ލިބޭތޯ ބެލުން ތިމާކުރާ މަސައްކަތުގެ އަސާސީ މަޤްޞަދުކަމުގައިވަނީ ވެފައެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "يَأْتِي عَلَى النَّاسِ زَمَانٌ لَا يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلَالِ أَمْ مِنْ الْحَرَامِ" މާނައީ: "މީހާ އެހޯދާ އެއްޗަކީ ޙަލާލު ގޮތުގައި ހޯދި އެއްޗެއްތޯ ނުވަތަ ޙަރާމް ގޮތުގައި ހޯދި އެއްޗެއްތޯ ބެލުމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެތެވެ."
އަޅުގަނޑުމެންނީ މުސްލިމުން ކަމުގައިވީހިނދު، ކޮންމެ މީހަކުވެސް ހަނދާންކުރަންވީ ﷲ ސުބުޙާނަހޫވަތަޢާލާ އެއީ މިކާއިނާތުގައިވާ ހުރިހާ އެއްޗެއް ބަލަހައްޓަވައި ރައްކާތެރިކުރައްވާ އިލާހުކަމާއި، އެތަކެއްޗަށް ރިޒުޤު ދެއްވުމާ ޙަވާލުވެވޮޑިގެންވަނީ އެކަލާނގެ ކަމެވެ. އަދި "އައްރައްޒާޤު" އަކީ އެކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން ހިމެނޭ އިސްމުފުޅެކެވެ. މާނައަކީ ގިނަގިނައިން ރިޒުޤުދެއްވާ ހިލާހެވެ. ވީމާ އެކަލާނގެ ނުރުއްސަވާފަދަ ގޮތްގޮތުން ރިޒުޤު ހޯދުމަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ބިރުވެތިވާންޖެހެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކުން އެއްކިބާވެ ސަލާމަތްކަން ހޯދުމަށް މަސައްކަތް ތާއަބަދުމެ ކުރަންޖެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. "أَيُّهَا الَّذِينَ آمَنُوا لا تَتَّبِعُوا خُطُواتِ الشَّيْطانِ وَمَنْ يَتَّبِعْ خُطُواتِ الشَّيْطانِ فَإِنَّهُ يَأْمُرُ بِالْفَحْشاءِ وَالْمُنْكَرِ وَلَوْ لا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ ما زَكى مِنْكُمْ مِنْ أَحَدٍ أَبَداً وَلكِنَّ اللَّهَ يُزَكِّي مَنْ يَشاءُ وَاللَّهُ سَمِيعٌ عَلِيمٌ" މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޝައިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި اللّه ގެ ފަޟުލަވަންތަކަމާއި، އެކަލާނގެ ރަޙަމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން ޠާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކު ޠާހިރުކުރައްވައި، ސާފުކުރައްވަތެވެ. اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ތިމާމެންގެ ވިޔަފާރީ އިޝްތިހާރު ކުރުމުގެ ގޮތުން ފާޙިޝް މަންޒަރުތަކާއި ފޮޓޯ ބޭނުންކުރާ ފަރާތްތަކުން އެކަން ހުއްޓައިލުމެވެ. އަދި އެންމެހައި މުޢާމަލާތެއް ﷲ ރުއްސަވާމަގުން ބެހެއްޓުމެވެ. ތިމާމެންގެ މުދަލާއި ވިޔަފާރީގައި އެކަލާނގެ ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި ޙަލާލު ތަކެތީންމެނުވީ ކައިބޮއެ ނުހަދާށެވެ.
އައްޝައިޚް ޙަސަން މޫސާ ފިކުރީ
0 comments:
Post a Comment