Sunday, April 21, 2013

ފަތުވާ: ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންގެތެރޭގައި، ރުޤްޔާހަދައިދިނުމަށް އެދޭމީހާ ނުހިމެނެނޭ ސަބަބު


ސުވާލު: ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންނާއެކު ރުޤްޔާ ހެދުމަށް އެދޭމީހާއަށް (ސުވަރުގެއަށް) ނުވަދެވެނީ ކީއްވެ ހެއްޔެވެ؟ އެހެންމީހުންގެ ގާތުގައި ރުޤްޔާހެދުމަށް އެދުން އެއީ ހުއްދަކަމެއް ނޫން ހެއްޔެވެ؟ އަޅުގަނޑަށް މެދުވެރިވާކަމެއްގެ ސަބަބުން އަޅުގަނޑަށް ވަރަށް އުނދަގޫވެއެވެ. އަޅުގަނޑު އަމިއްލަ ނަފްސަށް ރުޤްޔާހެދުމުގެ ހުނަރު ނުވަތަ ކެތްތެރިކަން އަޅުގަނޑުގެ ކިބައިގައި ނުވެއެވެ. އަޅުގަނޑު ވަރަށް ގިނަ ދުވަސްމަތިން އެކަންކުރަން ފެށީމެވެ. ނަމަވެސް ކުއްލިއަކަށް އެކަން ހުއްޓާލެވެނީއެވެ.

ޖަވާބު:

الحمد لله
ފުރަތަމަ:
އަލްބުޚާރީ (٦٤٧٢) އާއި މުސްލިމް (٢٢٠) ރިވާކުރައްވާފައިވެއެވެ.
عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (( يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ ولَاَ يكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ)) މާނައީ: އިބްނު ޢައްބާސް رضي الله عنهما ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه و سلمޙަދީޘްކުރެއްވިއެވެ. “ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ހަތްދިހަހާސް މީހުން ޙިސާބުބެއްލެވުމަކާނުލާ ސުވަރުގެއަށް ވަންނާނެއެވެ. އެއީ ރުޤުޔާހެދުމަށް ނޭދޭ މީހުންނެވެ. އަދި އެއްޗެހި ސުންޕާކަމަށް ޤަބޫލުނުކުރާ މީހުންނެވެ. އަދި ކަވާ ނުޖަހާ މީހުންނެވެ.1 އަދި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.”

މިބައިމީހުން ހިސާބުބެލުމެއް ނެތި ސުވަރުގެއަށް ވަންނަނީ މިބައިމީހުންގެ ތައުޙީދުގެ ފުރިހަމަކަމުންނާއި، ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކުރުމުގެ ސަބަބުން އަދި މީސްތަކުންގެ ކިބައިން ކަންކަމުގައި އެދުމުންފުދިގެންވާތީއެވެ.

ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންގެތެރޭގައި ރުޤްޔާ ހެދުމަށް އެދޭމީހާއަށް (ސުވަރުގެއަށް) ނުވަދެވެނީ ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުނުކުރެވުމުގެ ސަބަބުންނެވެ. އެހެނީ ރުޤްޔާ ހެދުމަށް އެދުމަކީ ނިކަމެތިކަމެކެވެ. އަދި ރާޤީއަކަށް (ރުޤްޔާ ހަދާމީހަކަށް) ބޭނުންވުމެވެ. މުސްލިމަކު އެހެން މީސްތަކުންގާތު އެއްވެސްކަމަކު ނޭދުމަކީ ފުރިހަމައަށް ވަކީލުކުރުމާއި ފުރިހަމައަށް އެއްކައުވަންތަކުރުމުގެ ތެރެއިންވާކަމެކެވެ.
އަދި އިމާމް މުސްލިމް (١٠٤٣) ރިވާކުރެއްވިއެވެ.

عن عَوْف بْن مَالِكٍ الْأَشْجَعِيُّ رضي الله عنه قَالَ : كُنَّا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ : أَلَا تُبَايِعُونَ رَسُولَ اللَّهِ؟ قَالَ : فَبَسَطْنَا أَيْدِيَنَا وَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ ، فَعَلَامَ نُبَايِعُكَ؟ قَالَ : ((عَلَى أَنْ تَعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا ، وَلَا تَسْأَلُوا النَّاسَ شَيْئًا)) 

މާނައީ: ޢައުފް ބުން މާލިކު އަލްއަޝްޖަޢީ رضي الله عنه ރިވާކުރެއްވިއެވެ. ތިމަންމެން ރަސޫލުﷲ صلى الله عليه و سلم  ގެ އަރިހުގައި ތިބީމެވެ. ނުވައެއް ނުވަތަ އަށެއް ނުވަތަ ހަތް ބޭކަލުންނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ﷲގެ ރަސޫލާއަށް ބައިޢަތު ނުހިފާނަންތޯއެވެ؟” [ޢައުފް ބުން މާލިކު އަލްއަޝްޖަޢީ رضي الله عنه] ވިދާޅުވިއެވެ. ފަހެ ތިމަންމެންގެ އަތްތައް ދިނީމެވެ. އަދި ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ.

 ތިމަންމެން ކަލޭގެފާނަށް ބައިޢަތު ހިފައިފީމެވެ. ފަހެ، ތިމަންމެން ބައިޢަތު ހިފަންވީ ކޮންކަމަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ތަޢާލާއަށް އަޅުކަންކުރުމަށާއި، އެކަލާނގެއާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށާއި، [ފަރުޟު]ފަސް ނަމާދުކުރުމަށާއި، ކިޔަމަންތެރިކަން އަދާކުރުމަށާއި، އަދި މީސްތަކުންގެ ކިބައިން އެއްވެސް ކަމަކަށް ނޭދުމަށެވެ.”
ފަހެ ތިމަން ދުށީމެވެ. އޭގެތެރެއިން ބައެއް ބޭކަލުން، އެއިން ބޭކަލެއްގެ އަތުން ޗާބޫކު ވެއްޓުނުކަމުގައިވިޔަސް މީހެއްގެ ގާތުން އެނަގައިދިނުމަކަށް ނޭދެއެވެ.

އިބްނު އަލްޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ.
“އަދި އެބައިމީހުން ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވެނީ އެބައިމީހުންގެ ތައުޙީދުގެ ފުރިހަމަކަމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެހެންމީހުންގެގާތުން ރުޤްޔާހަދައިދިނުމަށް އެދުން ނަފީކުރެއެވެ. އެހެންކަމުން މިފަދައިން ޙަދީޘްކުރައްވާފައި ވެއެވެ. ((وَعَلَى رَبِّهِمْ يَتَوَكَّلُونَ)) މާނައީ: “އަދި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.”

ފަހެ އެބައިމީހުންގެ ރައްބަށް ވަކީލުކުރުމުގެ ފުރިހަމަކަމުގެ ސަބަބުންނާއި، އެބައިމީހުންގެ ރައްބާމެދުވާ ހިތްހަމަޖެހުމާއި އިތުބާރާއި ޔަޤީންކަމުގެ ސަބަބުންނާއި، އެބައިމީހުންގެ ރައްބާމެދު ރުހިގެންވުމުގެ ސަބަބުން އަދި އެބައިމީހުންގެ އެންމެހާ ކަންކަމުގައި އެކަލާނގެ ޙަޟްރަތުން އެދޭތީ މީސްތަކުންގެ ކިބައިން އެބައިމީހުން އެއްވެސްކަމަކަށް ނޭދެއެވެ.

 އެއީ ރުޤްޔާހަދައިދިނުން ނުވަތަ އެނޫން ކަމެއް ކަމުގައިވިޔަސްމެއެވެ. އަދި އެބައިމީހުންކުރަން ޤަޞްދުކުރާކަންތައްތައް الطيرةގެ 2 ސަބަބުން (ސުންޕާކަން ޤަބޫލުކުރުމުގެ ސަބަބުން)މަނާވެ ނުގަންނާނެއެވެ. އެހެނީ طيرة އަކީ ތައުޙީދު އުނިކޮށްލާ ބަލަކަށިކޮށްލާކަމެކެވެ.”
“ޒާދް އަލްމަޢާދް” (٤٧٥/١)
ސުއޫދީ ޢަރަބިއްޔާގެ ފަތުވާދެއްވާ ދާއިމީ ކޮމިޓީގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“މުރާދަކީ: އެބައިމީހުން ރުޤްޔާހަދައިދިނުމަށް އެހެން މީހުންގެގާތުން ނޭދޭނެއެވެ. އަދި އެބައިމީހުން ކަވާޖަހައިދިނުމަކަށްވެސް ނޭދެއެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުން ﷲ ތަޢާލާއަށް ވަކީލުކުރެއެވެ. އަދި އެބައިމީހުންނަށް އުނދަގޫކުރުވާ ކަންތައްތަކާއި ގެއްލުންދެނިވިކަންތައްތައް ފިއްލަވައިދެއްވުމަށްއެދި އިޢުތިމާދުވަނީ އަދި އެބައިމީހުންނަށް ފައިދާހުރި ކަންތައްތައް ގެނެސްދިނުމަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ.”
“ފަތާވާ އައްލަޖުނަތުއްދާއިމާ” (٣٩٧/٢٤)
ދެވަނަ:
ރުޤްޔާހަދައިދިނުމަށް އެހެން މީހެއްގެގާތު އެދުމަކީ ޙަރާމްކަމެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ ގޮތާ ޚިލާފުކަމެކެވެ.
ސުއޫދީ ޢަރަބިއްޔާގެ ފަތުވާދެއްވާ ދާއިމީ ކޮމިޓީގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“ދުޢާކޮށްދިނުމަށް އެދުމާއި ރުޤްޔާ ހަދައިދިނުމަށް އެދުމަކީ މުބާޙު ދެކަމެވެ. އަދި އެދެކަމުން ދުރުހެލިވެ، އެހެންމީހުން މެދުވެރި ނުކޮށް، އޭނާގެ އަމިއްލަ ނަފްސަށް އެކަންކުރުމަކީ އެންމެ ރަނގަޅުގޮތެވެ.”

“ފަތާވާ އައްލަޖުމަތުއްދާއިމާ” (٢٦١/٢٤)
އައްޝައިޚު އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.
“މިޙަދީޘުން ދަލީލުކޮށްދެނީ (ރުޤްޔާ ހަދައިދިނުމަށް) އެދުމުން ދުރުހެލިވުން އެއީ އެންމެ މޮޅުއިތުރުގޮތްކަމެވެ. އަދި ހަމައެފަދައިން ކަވާޖެހުމުން ދުރުހެލިވުން އެއީ އެންމެ ރަނގަޅުގޮތެވެ. ނަމަވެސް އެކަމަށް ބޭނުން ޖެހިއްޖެހިނދެއްގައި ރުޤްޔާހަދައިދިނުމަށް އެދުންވެސް އަދި ކަވާޖެހުންވެސް އެއީ މައްސަލައެއްނޫނެވެ. ސަބަބަކީ ޢާއިޝާ رضي الله عنها އަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކަށް ރުޤްޔާހެއްދެވުމަށް ނަބިއްޔާ صلى الله عليه و سلم  އަމުރުކުރެއްވިއެވެ. ޖަޢުފަރު ބުން އަބީ ޠާލިބު رضي الله عنه ގެ ދަރިކަލުންނަށް ރުޤްޔާ ހަދައިދިނުމަށް އެކުދިންގެ މަންމަ، އަސްމާ ބިންތު ޢުމައިސް رضي الله عنها އަށް ނަބިއްޔާ صلى الله عليه و سلم  އަމުރުކުރެއްވިއެވެ. ފަހެ އެއިން ދަލީލުކޮށްދެނީ އެކަމަށް ބޭނުން ޖެހިއްޖެ ހިނދެއްގައި ރުޤްޔާ ހަދައިދިނުމަށް އެދުމަކީ މައްސަލައެއް ނޫންކަމެވެ.”
“މަޖުމޫޢު ފަތާވާ އިބްނު ބާޒް” (٢٥/ ١١٨-١١٩)
ތިންވަނަ:
“އަޅުގަނޑު އަމިއްލަ ނަފްސަށް ރުޤްޔާހެދުމުގެ ހުނަރު ނުވަތަ ކެތްތެރިކަން އަޅުގަނޑުގެ ކިބައިގައި ނުވެއެވެ.” މިފަދައިން ތިބާ ބުނެފައިވާ ބުނުން ދަންނައެވެ.

ކުރިންދެންނެވިފަދައިން ފަހެ ރުޤްޔާ ހަދައިދިނުމަށް އެދުމަކީ ހުއްދަކަމެކެވެ. ހަމަކަށަވަރުން ރުޤްޔާ ހެދުމަށް ހުނަރެއް ބޭނުމެއްނުވާނެއެވެ. އެހެނީ އެއީ ދުޢާކުރުންފަދަކަމެކެވެ. ކޮންމެ އިންސާނަކަށްވެސް އޭނާގެ ރައްބަށް ދުޢާކޮށް ޝިފާދެއްވުމަށްއެދި ދެންނެވޭނެއެވެ. އެއީ އުނދަގޫކަމެއް ނޫނެވެ. ސޫރަތުލްފާތިޙާ ނުވަތަ ކީރިތި ޤުރުއާނުގެ އެހެން ސޫރަތެއް ނުވަތަ އާޔަތެއް ކިޔަވައިގެންވެސް ކޮންމެ އިންސާނަކަށްވެސް އޭނާގެ އަމިއްލަ ނަފްސަށް ރުޤްޔާހެދިދާނެއެވެ. ނުވަތަ ނަބިއްޔާ صلى الله عليه و سلم  ގެ އަރިހުން ޘާބިތުވާ ދުޢާތައް ކިޔައިގެންވެސް ރުޤްޔާހެދިދާނެއެވެ. އޭގެ ތެރެއިން:

((اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اشْفِ أَنْتَ الشَّافِي لَا شَافِيَ إِلَّا أَنْتَ شِفَاءً لَا يُغَادِرُ سَقَمًا))
رواه البخاري (٥٧٥٠) ومسلم (٢١٩١)
މާނައީ: “އޭ ﷲ! މީސްތަކުންގެ ހައްދަވާ ގެންގުޅުއްވާ ވެރި އިލާހު! ބަލިކަން ގެންދަވާ(ވެރިރަސްކަލާކޮ!) ޝިފާދެއްވަވާނދޭއެވެ. ހަމަކަށަވަރުން ޝިފާދެއްވަނީ ހަމައެކަނި އިބަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފިޔަވައި ޝިފާ ދޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ.”

((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ)) رواه البخاري (٣٣٧١)
މާނައީ: ” ﷲގެ ފުރިހަމަ ކަލިމަތަކުގެ ޒަރިއްޔާއިން ރައްކާތެރިކަމަށްއެދެމެވެ. ކޮންމެ ޝައިޠާނަކާއި ޖަނަވާރެއްގެ ނުބައިކަމުންނެވެ. އަދި ގެއްލުމެއް މެދުވެރިކޮށްފާނެ ކޮންމެ ލޮލެއްގެ ނުބައިކަމުންނެވެ.”

އިމާމު މުސްލިމްއާއި (٢٢٠٢) ތިރްމިޛީ (٢٠٨٠) އުޘްމާން ބުން އަބިލްޢާޞް رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު އިސްލާމްވީއްސުރެ އެކަލޭގެފާނުގެ ހަށިކޮޅުގައި އަޅަމުންދިޔަ ވޭނެއްގެ ޝަކުވާ ނަބިއްޔާ صلى الله عليه و سلم  ގެ އަރިހުގައި ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

ضَعْ يَدَكَ عَلَى الَّذِى تَأَلَّمَ مِنْ جَسَدِكَ وَقُلْ: ((بِاسْمِ اللَّهِ،  ثَلاَثًا. وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ )).
މާނައީ: ތިބާގެ ހަށިގަނޑުގައި ތަދުވާ ތަނުގައި އަތްއަޅާ ((بِسْمِ اللَّهِ)) ތިންފަހަރު ކިޔުމަށްފަހު މިފަދައިން ހަތްފަހަރު ކިޔާށެވެ.

((أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ))
މާނައީ: “މިއަޅާއަށް އިޙުސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން، މާތްﷲއާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން މިއަޅާ ހޯދަމެވެ.”
އިމާމު އައްތިރްމިޛީ އިތުރު ޢިބާރާތެއް ރިވާކުރެއްވިއެވެ.

قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَ اللَّهُ مَا كَانَ بِي فَلَمْ أَزَلْ آمُرُ بِهِ أَهْلِي وَغَيْرَهُمْ.
މާނައީ: “(ޢުޘްމާން ބުން އަބިލްޢާޞް رضي الله عنه) ވިދާޅުވިއެވެ. ފަހެ ތިމަންއެގޮތަށް ޢަމަލުކުރީމެވެ. ފަހެ ﷲ ތަޢާލާ އެކަން (އެތަދު) ގެންދެވިއެވެ. ތިމަންގެ އަހުލުންނާއި އަދި އެހެން މީހުންނަށްވެސް ތިމަން އެކަމަށް އަމުރުކުރަމެވެ.”

އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއަކުން ތިބާއަށް ޝިފާދެއްވުމަށްއެދި ﷲ ތަޢާލާގެ ޙަޟްރަތުން އެދިދަންނަވަމެވެ.
والله أعلم
____________________________
1 މިލިޔުމުގައި ‘ކަވާ’ ބޭނުންކުރެވިފައިމިވަނީ ޢަރަބި ލަފްޒެއްކަމުގައިވާ كوى ގެ ތެރުޖަމާގައެވެ. މިކަމަށް އިނގިރޭސިބަހުގައި ދެވިފައިވާ ނަމަކީ cauterize  އެވެ.
ނަމަވެސް ދިވެހި ބަހުގައި އާންމުކޮށް ‘ކަވާޖެހުން’ ބޭނުންކޮށް އުޅެނީ ޢަރަބި ބަހުގައި حِجَامَة  އޭ ކިޔާކަމަށެވެ. އެއީ އިނގިރޭސި ބަހުގައިcupping އެވެ.
2 الطِّيَرَةُ ގެ މާނައަކީ ފެންނަކަމެއް ނުވަތަ އިވޭއަޑެއް ނުވަތަ އެނގޭ ކަމެއް އަދި މިނޫން އެހެންކަމެއް މެދުވެރިވުމުގެ ސަބަބުން ސުންޕާކަން ޙާޞިލުވާނެކަމަށް ޤަބޫލުކުރުމެވެ. މިޘާލަކަށް: ހަރުގަނޑެއްގެ ދަށުން ދިޔުމަކީ ނަސީބުދެރަވާކަމެއްކަމުގައި ޤަބޫލުކުރުމެވެ. ޢަރަބިބަހުގައި މިލަފްޒު ނެގިފައިވަނީ طَيْرٌ(ދޫނި) އިންނެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި)، ލިންކު2(އިނގިރޭސި)

    0 comments:

    Post a Comment

     
    Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons