އޭނާގެ ޢިލްމީ ފެންވަރަކީ ކެމިސްޓްރީ އިން ޕީ އެޗް ޑީ އެވެ. އަދި ޔުނެސްކޯގައި އެމެރިކާގެ އެރިޒޯނާގެ ރަށެއްކަމުގައިވާ ތޫސާން ނަމަކަށް ކިޔާރަށެއްގައި މަސައްކަތް ކޮށްފައިވެއެވެ. އަދި އެރަށުގެ މިސްކިތުގެ އިމާމެއްގެ ގޮތުގައި ހުރި ދުވަސްވަރު މީނާގެ 19 ވަނަ ޢަދަދުގެ މުޤައްދަސް ކަމާބެހޭ ބާޠިލު ޢަޤީދާ ފަތުރަން ފެށުމުން އެރަށުގެ މުސްލިމުންވަނީ މީނާ މިސްކިތުން ބޭރުކޮށްފައެވެ. އެއީ މީލާދީން 1976ގައެވެ. މީނާގެ ފިކުރުގެ އަޞްލަކީ އުންމަތުގައި މަގުފުރެދިފައިވާ ބާޠިލު ފިރުޤާއެއްކަމުގައިވާ ބަހާއީންގެ ޢަޤީދާއެވެ. މިސްކިތުގެ އިމާމަކަށް ހުރި ދުވަސްވަރު މީނާވަނީ މިފިކުރު ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަން ފަށާފައެވެ. މިފިކުރު ފަތުރަމުންގޮސް 1983 ވަނައަހަރު "ކީރިތި ޤުރްއާނުގެ މުޢުޖިޒާތް" މިނަމުގައި ފޮތެއްނެރުނެވެ.
އޭނާގެ ބާޠިލު ޢަޤީދާގެ ސަބަބުން ރަށުގެ މުސްލިމުން އޭނާ މިސްކިތުން ފައްސާލުމުން ދެން އޭނާގެ ދަޢުވަތު ފެތުރުމަށް ވަރުގަދަ މަރުކަޒެއް ބިނާކުރިއެވެ. އަދި ޙަދީޘަށް އިންކާރު ކުރުމާއި، ރަސޫލުކަމަށް ދަޢުވާކުރުމުގެ ނުބައިޢަޤީދާ ފަތުރަން ފެށިއެވެ.
ރަޝާދު ޚަލީފާގެ ބާޠިލު ބައެއްޢަޤީދާތައް:
1-ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ކިބައިން ޤުރްއާން ފިޔަވާ އެއްވެސް އެއްޗެއް ޤަބޫލުނުކުރުމަށް މުއުމިނުންނަށް މާތް ﷲ އަމުރު ކުރައްވާފައިވާކަމަށް އޭނާ ބުނެއެވެ. މިގޮތުން އިތުރު އެކަލޭގެފާނުންގެ ޙަދީޘަކީ އެއްވެސް އެއްޗެއް ނޫނެވެ.
2-އޭނާ ބުނާގޮތުގައި ޙަދީޘަކީ ޝައިޠޯނީ އެއްޗެކެވެ. އޭނާ ބުނާގޮތުގައި އަންނަނިވި އާޔަތުގައި އައިސްފައި އެވާ މަތިއޮމާންކޮށްފައިވާ ޝައިޠޯނާގެ ބަސްތަކަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަދީޘެވެ. { وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ } الآية 112 من سورة الأنعام، وانظر : قرآن أم حديث ص 49. މާނައީ ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطانން عداوةތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطلބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! “
3-ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއްގެ ތަފްސީރު ކުރުމުގެ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަކީ އިތުރު އެކަލޭގެފާނަށް މަނާކަމެއް ކަމުގައި އޭނާ ދެކެއެވެ. ( : القرآن والحديث والإسلام ص1، 2، 17، وقرآن أم حديث ص 16، وانظر : مسيلمة فى مسجد توسان ص 56.
4-ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަދީޘްތައް ނަޤުލުކުރެއްވި ޞަހާބީންނާއި ތާބިޢީންނަކީ އޭނާބުނާގޮތުގައި މުޖުރިމުންނެވެ. މިގޮތުން އަންނަނިވި އާޔަތުގައި އެވާ މުޖުރިމުންނަކީ ޙަދީޘް ނަޤުލުކުރެއްވި ޞަހާބީންނާއި ތާބިޢީންކަމުގައި އޭނާ ބުނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. { وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِنَ الْمُجْرِمِينَ وَكَفَى بِرَبِّكَ هَادِيًا وَنَصِيرًا } الآية 31 من سورة الفرقان، މާނައީ " ހަމައެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް، މުޖުރިމުންގެ ތެރެއިން عدوّއަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް نصرދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ.
وانظر: والقرآن والحديث والإسلام ص13، 14، والمسلم العاصى ص 5،6، وعذاب القبر والثعبان الأقرع ص4،5.
5-މީނާގެ މިފިކުރުގައި ޖެހުނު އަނެކަކީ أحمد صبحى منصور އެވެ. މީނާވަނީ ޤުރްއާނުގެ ޢިބާރާތްތައް ފުރިހަމަ ނޫންކަމަށް ބުނެ އެފުރިހަމަ ކުރަން ޖެހޭކަމަށް ބުނެފައެވެ. މީނާގެ ނުބައި ޢަޤީދާގެ ސަބަބުން މިޞްރުގެ އަޒުހަރުގެ ޢިލްމުވެރިން މީނާގެ ކިބައިން ބަރީއަވުމުން ދެން އެމެރިކާއަށް ގޮސް ރަޝާދު ޚަލީފާއާ ގުޅުނެވެ. ރަޝާދު ޚަލީފާ އޭނާއަށް ތަޢުރީފުކޮށް ޖާމިޢުލް އަޒްހަރަށް ބަދުބަސްތައް ރައްދުކުރިއެވެ. އޭނާ ބުނާގޮތުގައި އަޒްހަރުގެ ޢިލްމުވެރިންވަނީ މާތް ﷲ ގެ ވަޙީއަށް ކާފަރުވެ ސުންނަތާއި ޙަދީޘް ފަދަ ޝައިޠޯނީ ވަޙީއަށް އީމާން ވެގެންނެވެ. كتاب "مسيلمة فى مسجد توسان" لفضيلة الأستاذ الدكتور طه حبيشى .
6-މިބައިމީހުން ޤަބޫލުކުރާގޮތުގައި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުމަކީ ﷲ ވިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރުމެވެ. އަދި އެއީ ބުދަށް އަޅުކަން ކުރުންފަދަ ކަމެކެވެ. އަދި އޭނާ ބުނާގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم އަކީ މަޢުޞޫމު ބޭކަލެއްނޫނެވެ. އަދިކިއެއްތަ އެކަލޭގެފާނުވަނީ ޝިރުކުކޮށްފައެވެ. انظر : القرآن والحديث والإسلام رشاد خليفة ص 10، 11، 12 والأنبياء فى القرآن أحمد صبحى منصور ص 31 وما بعدها(
7-އަދި އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަކީ ﷲ ގެ ރަސޫލެކެވެ. އޭނާ ގާތަށް ވަޙީއައިގެން އަންނަނީވެސް ޖިބުރީލެވެ.
8-19އަކީ މުޤައްދަސް ޢަދަދެއްކަމަށް އޭނާ ބުނެއެވެ. މިގޮތުން19 އިން ކީރިތި ޤުރްއާނުގެ މުޢުޖިޒާތް ހާމަކޮށްދޭން ކަމަށްބުނެ މީސްތަކުންގެ ތެރެއިން ޢަރަބިބަސް ނޭނގޭ ޢަޖަމީންނަށް މީނާ ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައެވެ. މީގެ ބައެއް މިސާލުތައް މިތަނުގައި ހިމަނާލާނަމެވެ.
9- އޭނާ ބުނާގޮތުގައި ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެވުނު 5 އާޔަތުގައިވަނީ 19 ކަލިމައެވެ. ނަމަވެސް އެނަވާރަ ކަލިމަ ހަމަވަނީ ما އަދި لم އެއްކަލިމައެއްކަމަށް ބަލައިގެން ޢަދަދު ކުރީމައެވެ.
10-އަދި ހަމަ މިފަދައިން القلم ގެ 1 ން 9 އަކަށް ވަނީ 38 ކަލިމަކަމުގައި އޭނާ ބުނެއެވެ. މިއީވެސް (19×2) 19 ގެ ގުނައެކެވެ. ނަމަވެސް މިތަނުގައި ވެސް ޢަދަދު ހަމަކޮށްފައިވަނީ ما އަދި يسطرون މިއީ އެއް ކަލިމައެއްކަމުގައި ބަލައިގެންނެވެ. ބައެއް ތަންތަނުގައި ޢަދަދު ހަމަކުރަން ވެގެން މިގޮތަށް ހުރި ތަންތަން އެއީ ދެކަލިމަކަމުގައިވެސް ހަދާފައި އެބަހުއްޓެވެ. މިސާލަކަށް : ނަމްލު ސޫރަތުގެ ކަލިމަތައް ގުނިއިރު 342 (19×18)، ހަމަ ކުރަންވެގެން "ما އަދި يسطرون" އަދި "ما އަދި يقولون"، ފަދަ ކަލިމަތަކުގައި މީނާ ޢާންމުކޮށް ގެންގުޅޭ އުޞޫލު ދޫކޮށް މިފަހަރު ބަލާފައިވަނީ ދެކަލިމަ ކަމުގައެވެ. މިގޮތުން އެސޫރަތުގެ 25 ވަނަ އާޔަތުގައި ވާ "ما تُخفون" "وما تعلنون މިތަނުގައި ބަލާފައިވަނީ ދެކަލިމަ ކަމުގައެވެ. ކުރިން މިފަދަ ތަންތަން ބަލާފައިވަނީ އެއްކަލިމަ ކަމުގައެވެ. ވީމާ އޭނާ ކުރިން އެހެން ތަންތަނުގައި ގުނާގޮތަށް ގުނުމުން ޢަދަދު އަންނަނީ 340 އެވެ. ނަމަވެސް 340 އަކީ 19 ގެ ގުނައަކަށް ނުވާތީ ގުނަޢަދަދު ހަމަކުރަން އެކިފަހަރު އެކި ހަމައިން ގުނަނީއެވެ.
11-ޖަލާލަތުގެ ލަފްޒު (الله ) އޭނާ ބުނާގޮތުގައި ޤުރްއާނުގައި ތަކުރާރު ވެފައިވަނީ 2698 ފަހަރުއެވެ. އެއީ (19×142) އެވެ. ނަމަވެސް މިއީ މުޅިން ދޮގެކެވެ. ޖަލާލަތުގެ ލަފްޒު (الله ) ކީރިތި ޤުރްއާނުގައި 2699 ފަހަރު ތަކުރާރުވެފައިވެއެވެ. ނަމަވެސް އެއީ ނަވާރައިގެ ގުނައަކަށްނުވާތީ ތައުބާ ސޫރަތުގެ ފަހު ދެއާޔަތް އެއީ ޤުރްއާނަށް އިތުރުކުރެވިފައިވާ ބައެއްކަމަށް ބުނެ ޙިސާބު ދިމާކުރިއެވެ. އޭނާ ބުނާގޮތުގައި ތައުބާ ސޫރަތުގެ ފަހު ދެއާޔަތް (لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾ މިއީ ޝައިޠޯނީ ދެ އާޔަތެވެ. އެކަން އޭނާއަށް އެނގުނީ މި ދެއާޔަތްލައިގެން އޭނާގެ ޙިސާބު ދިމާނުވާތީއެވެ.
12-އޭނާގެ ރަސޫލުކަން ޘާބިތުކުރާގޮތް : ރަޝާދު ޚަލީފާ ބުނާގޮތުގައި އާލު އިމްރާން ސޫރަތުގެ 81 ވަނަ އާޔަތުގައި އެވާ މީޘާޤުގެ ވާހަކައަކީ އޭނާގެ ވާހަކައެވެ. އެކަން ޘާބިތުވަނީ އޭނާ ބުނާގޮތުގައި ކީރިތި ޤުރްއާނުގެ މުޢްޖިޒާތް 19 އިން އޭނާފާޅުކޮށްފައިވަނީ މީލާދީން 1983 ގައެވެ. ކީރިތި ޤުރްއާން ބާވައިލައްވަން ފެށިފަހުން އޭނާގެ މިނަޒަރިއްޔާ ފާޅުވި އަހަރާހަމަޔަށް ވަނީ ހަނދު އަހަރުގެ 1406 އަހަރެވެ. އެއީ 19 ގެ ގުނައެކެވެ. 1406 = 19 × 74
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. މީހެއްގެ ވިޔާނުދާކަމާއި ނުބައިކަމަށް ހާމަވުމަށް ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް މިވަރުން ފުދެއެވެ. މިފަދަމީހުން ޙަދީޘް ޤަބޫލު ނުކުރާ އެންމެ މުހިންމު ސަބަބަކީ ޙަދީޘް ޤަބުލުކޮށްގެން މިފަދަ މީހުންގެ ބާޠިލު ޢަޤިދާއެއް ނުފެތުރޭނެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅުތަކުގެ ތެރޭގައި ތިޔަބައިމީހުން އެ ދެއެއްޗެއްގައި ހިފައިފިނަމަ މަގުފުރެދިގެން ނުދާނެ ދެއެއްޗެއްގެ ގޮތުގައި ﷲ ގެ ފޮތާއިއެކު ނަބިއްޔާގެ ސުންނަތުގެ ވާހަކަ ހަދީޘް ކުރައްވާފައިއެވަނީ ބޭކާރު ގޮތެއްގައެއްނޫނެވެ. އަނެއްކޮޅުން ކީރިތި ޤުރްއާން ބާވައިލެއްވުނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށްކަމަށްވެފައި އެޤުރްއާނާއި މެދު އެކަލޭގެފާނުގެ ބަސް ޤަބޫލު ނުކުރެވި އެ ޤުރްއާނުގެ ތަފްސީރުގައި ރަޝާދު ޚަލީފާގެ ބަސް ޤަބޫލުކުރެވެންޖެހޭ އެއްވެސް ސަބަބެއްނެތެވެ.
ނަމަވެސް ހިތާމައަކީ މުސްލިމު އަޚުންނާއި އުޚްތުން މިފަދަ ބާޠިލުގެ މަގުތަކަށް ދާތީއެވެ. މާތް ﷲ އަޅަމެން އެންމެން ސަލާމަތް ކުރައްވާށި! އާމީން
ތިރީގައި މިވަނީ "އަލްބަޝީރު" ކިޔާމަޖައްލާއަކުން އަމިއްލައަށް ރަސޫލެއްކަމަށް ދަޢުވާކުރި މުރުތައްދު ރަޝާދުޚަލީފާއާއި ކުރެވުނު އިންޓަވިއުއެކެވެ.
އަލްބަޝީރު: ކަލޭގެ ތައާރަފް ނުވަތަ އައިޑީ ، ފުރިހަމަނަން، ދަރިންގެ ޢަދަދު، އަނބިންގެ ޢަދަދު؟
ރަޝާދު: ތިޔައީ ޝަޚްޞީކަންކަން.
އަލްބަޝީރު: ކަލޭގެ ޢިލްމީ ފެންވަރަކީ ކޮބާ؟
ރަޝާދު: އަހުރެންނީ ކެމިސްޓްރީ އިން PHD ޙާޞިކޮށްފައިވާ މީހަކީމު.
އަލްބަޝީރު: މުޢައްމަރުލް ޤައްޛާފީއާއި އެއްވެސް ގުޅުމެއް އޮވޭތަ؟ މާއްދީގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިންތަ؟
ރަޝާދު: އެއްވެސް ވަރަކަށް އެހީތެރިއެއް ނުވޭ. އަދިކިއެއްތަ އޭނާ އަހުރެން ޖަލުގައި ހައްޔަރުކުރި.
އަލްބަޝީރު: ކީއްވެ؟
ރަޝާދު: އޭނާ ޤަބޫލުކުރާގޮތުގައި އަހުރެންނަކީ އޭނާގެ ވެރިކަމަށް އޮތް ނުރައްކަލެއް.
އަލްބަޝީރު: ކަލޭ ލީބިޔާގައި އުޅުނީތަ؟
ރަޝާދު: ނޫން ! އަހަރެން މިތަނުގައި ހުއްޓާ އެމީހުން އަހަރެން އަތުލައިގެން ގެންގޮސް އަހަރެން ދަންޖައްސަން އަމުރުކުރީ، ނަމަވެސް އަހަރެން މުޢުޖިޒާތަކުން ސަލާމަތްވީ.
އަލްބަޝީރު: ކަލޭގެ ނަމާއި ކަލޭގެ ބައްޕަގެ ނަން ޤުރައާނުގައި ވާކަމަށް ބުނަންތަ؟
ރަޝާދު: ތިޔައީ ރަނގަޅުވާހަކައެއް. ކަލޭ އަތުގައި " އަލް މުޢްޖަމުލް މުފަހުރަސް " ގެ އަޞްލުކޮޕީ އޮތްނަމަ އެފޮތުގެ 320 ވަނަ ޞަފްޙާގައި "ރަޝަދަ" މިހެން އޮންނާނެ.
އަލްބަޝީރު: އެގޭ މާނައަކީ ކަލެއަކީ ﷲ ގެ ރަސޫލެއްކަމަށް ކަލޭ ދަޢުވާ ކުރަނިއްޔޭތަ؟
ރަޝާދު: އެއީ ހަމައެކަނީ ދަޢުވާއެއް ނޫން. އަހުރެންނީ ﷲ ރަސޫލެއްކަމަށް އަހަރެން އަތުގައި އެއްހާސް ބުރުހާނު އެބަހުރި
އަލްބަޝީރު: ތިބުނާ ބުރުހާނަކީ ކޮބާ؟
ރަޝާދު: ހުރިހާ ނަބީބޭކަލުންގެ ފަހުން އަންނާނެ ރަސޫލާގެ ނަމަކީ ރަޝާދު ޚަލީފާކަމުގައި އަހުރެންގެ ވެރި ރަސްކަލާނގެ ޤުރްއާނުގައި ބަޔާންކުރައްވާފައިވޭ.
އަލްބަޝީރު: އެހެން ވީމާ ތިބުނާގޮތުން އަހުރެންގެ ނަންވެސް ކަލޭ ތިޔަހަދާ ހިސާބު ނަންބަރުން ދިމާވެއްޖެނަމަ އޭގެމާނައަކީ އަހުރެންނަކީ ވެސް ﷲ ގެ ރަސޫލެކޭތާ؟
ރަޝާދު: ﷲ ގަންދީ ބުނަން. އަހުރެންނަށް ފުދޭވަރަށް ހެކި އެބަހުރި.
އަލްބަޝީރު: ކަލެއަށް ވަޙީ އަދޭތަ؟
ރަޝާދު: އާން! ޖިބުރީލު މެދުވެރިކޮށް.
އަލްބަޝީރު: ކިހިނެއް ޖިބުރީލު އަންނަނީ؟ ﷲ މިހެން ވަޙީކުރެއްވިޔޭ ކަލޭގާތު ބުނަނީތަ؟
ރަޝާދު: ޖިބުރީލު އަންނަނީ އަހަރެންގެ ފުރިހަމަ ބުއްދީގައި ހުއްޓާ. އަދި އަހުރެންގާތު ބުނޭ ﷲ މިހެން ވަޙީކުރެއްވިޔޭ.
އަލްބަޝީރު: އެންމެފަހުން ޖިބުރީލު ކަލޭގާތު ބުނީ ކޮންވާހަކައެއް؟
ރަޝާދު: މިދިޔަ ހަފުތާގައި ޖިބުރީލު އަހުރެންގާތު ބުނީ ޞާލިޙުއަޅުން މަރެއް ނުވާނެޔޭ.
އަލްބަޝީރު: އަހުރެމެން ދަންނަން ޞާލިޙު އެޅުންވެސް މަރުވާކަން
ރަޝާދު: ކަލޭ ދައްކާބަލަ ކޮންފޮތެއްގައިތޯ އޮތީ އެމީހުން މަރުވާ ވާހަކަ، އަހަރެން ހުރިހާ ފޮތެއް ކިޔައިފިން، ހުރިހާ މީޙުންވެސް ބުނަނީ ޞާލިޙުއަޅުން ތިބެނީ ސުވަރުގޭގައޭ.
އަލްބަޝީރު: ޢިލްމުވެރިންގެ ތެރެއިން އެމީހުން މަރުވާކަމަށް ބުނެފައިވާ ބަސްތަކާއި އެގޮތަށް ވިދާޅުވި ބޭކަލުން ގެނެސް ދީފިނަމަ ކީކޭ ބުނާނީ ؟
ރަޝާދު: އަހަރެންނަށް ބުނެވުނީ ކުށެކޭ
އަލްބަޝީރު: އެކަމަކު ކަލެއަށް އެއަންނަނީ ވަޙީއެއް ނޫންތޯ؟
ރަޝާދު: ޖިބުރީލު ނުބައިކޮށް ބުނީ،
އަލްބަޝީރު: ކަލޭ މިހާރު މިގެންގުޅޭ ތައުރާތާއި އިންޖީލަށް އީމާންވަންތަ؟
ރަޝާދު: އާން! އެއީ އަހަރެންނަށް އެނގޭ ކޮބައިކަން ބަދަލުވެފައިހުރި ތަންތަނަކީ، އަހަރެން އީމާންވަނީ އެފޮތުގެ ބޮޑުބަޔަށް.
އަލްބަޝީރު: މިދިޔަ ހަފްތާގެ ކުރިން އައި ވަހީގައިވަނީ ކީކޭތަ؟
ރަޝާދު: ކިތައްމެ ބޮޑުފާފައެއް ކޮށްފައި ވީނަމަވެސް 40 އަހަރުވުމުގެ ކުރިން މަރުވެއްޖެ މީހަކު ވަނީ ސުވަރުގޭގައިކަމަށް އަހުރެން ގާތު ޖިބުރީލު ބުނި، ޝައްކެއްނެތް މީ ވަރަށް ބޮޑު ރިސާލަތެއް ، ތިމަން ކަލޭގެމައްޗަށް ބުރަދަންހުރި ބަސްތަކެއް ބާވައިލައްވާހުށީމު
އަލްބަޝީރު: ކަލޭއަތުގައިވާ ބިމާއި މިސްކިތްފަދަ ކަލޭގެ މިލްކަކީ ޔަހޫދީ ޖަމްޢިއްޔާއަކުން ދީފައިވާ ތަކެތި . މިކަމާ ބެހޭގޮތުން ކަލޭގެ ރައުޔަކީ ކޮބާ؟
ރަޝާދު: ކޮންމެހެން ޔަހޫދީންކަމުގައި ވުން އެއީ އަހަންނަށް އެހާ ބޮޑުކަމެއް ނޫން. މުހިންމީ އެމީހުންނަށް ޤުރައާނަކީ ﷲ ބާވައިލެއްވި ފޮތެއްކަން ޘާބިތުކޮށްދިނުން.
އަލްބަޝީރު: އެތަކެއްޗަކީ އެމީހުންގެ ތަކެތިކަން ޘާބިތުކޮށްދޭ ރަސްމީ ލިޔުންތައް އަހުރެމެންއަތުގައި އެބަހުރި
ރަޝާދު: މަރުޙަބާ
އަލްބަޝީރު: ކަލޭއަތުގައި ވަރަށް ގިނަ ޢިމާރާތްތައް ހުންނަ ވާހަކަ އަޑުއެހިން. އެއީ ކޮންތާކުން ހޯދި އެއްޗެއްތަ؟
ރަޝާދު: ކަލޭ އަހުރެންދެކެ ކީއްވެ ރުޅިއައިސްފައި ތިޔަ އިންނަނީ؟ އަހަންނަކީ މލިޔަނަރެއް. މިލިޔަނަކީ އަހުރެންނަށް އެއްވެސް އެއްޗެއް ނޫން.
އަލްބަޝީރު: އެމެރިކާގެ މުޖުތަމަޢާ ބެހޭގޮތުން ކީކޭ ބުނަނީ؟
ރަޝާދު: ސަޢުދީ މީހުންނާއި މިޞްރު މީހުންނާއި، ޢިރާޤު މީހުންނަށްވުރެ މާތް ﷲ ގެ ޙަޟުރަތުގައި މާތް މަތިވެރި ﷲ އާ ކުއްތަން ބައެއްކަމަށް އަހުރެން ޤަބޫލުކުރަން. އެއީ އެމީހުންގެ ގާތުގައި މިނިވަންކަން އެބައޮތް. ފިތުނަ ޤަތުލަށްވުރެ ބޮޑުވެގެން ވޭ. އަހަރެން ސަޢުދީއަށް ގޮސްފިނަމަ އަހަރެން ޤަތުލުކުރާނެކަން ޔަޤީން.
އަލްބަޝީރު: ކަލޭ ޤަތުލު ކުރާނަމޭ ބުނީ ކާކު؟
ރަޝާދު: ޢަބްދުﷲ ބުނު ޤުޢޫދު އަހަރެންނާ ޝަޚްޞީކޮށް ވާހަކަދެއްކި އަދި އަހަރެންގެ ލޭ ހުއްދަކުރި.، (ނޯޓު: ޢަބްދުﷲ ބުނު ޤުޢޫދަކީ ސަޢުދީގެ ފަތުވާ ކޮމިޓީގެ މެމްބަރެއް)
އަލްބަޝީރު: ކަލޭ ތިބުނަނީ ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ މުޢުޖިޒާތައްވުރެ ކަލޭގެ މުޢުޖިޒާތް ވަރުގަދަކަމަށް ތަ؟
ރަޝާދު: އާން! އެހެނީ އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންގެ މުޢުޖިޒާތާ ބެހޭގޮތުން އެންގެވީ އެއީ ބޮޑުވެގެންވާކަމެއްކަމަށް.( މިތަނުގައި އޭނާ އެބުނަނީ ޤުރްއާނުގައި މުއްދައްޘިރު ސޫރަތުގެ 35 ވަނަ އާޔަތުގައި ނަރަކައާއި ބެހޭ ގޮތުން އެއީ ބޮޑުވެގެންވާ ކަމެއްކަމަށް އަންގަވާފައި ވާތީ އެއީ އޭނާގެ މުޢުޖިޒާތް ކަމަށް، އަދި އޭގެ ކުރީ އާޔަތުގައި ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންގެ ތެރެއިން 19 ބޭކަލެއްގެ ވާހަކަ އައިސްވައިވާތީ ނަވާރައަކީ މީނާގެ ނަން ޤުރްއާނުގައި އައިސްފައިވާކަމުގެ ޙިސާބު ޢަދަދު ކަމަށް ވެސް އޭނާ ޤަބޫލު ކުރާތީ )
އަލްބަޝީރު: 1990 ވަނަ އަހަރު މިޞްރު އެންމެން މަރުވެ ފަނާވެދާނެޔޭ ކަލޭ ބުނަންތަ؟
ރަޝާދު: އާން! ޖިބުރީލު އަހަރެން ގާތު އެހެން ބުނި. އެކަން އަންނާނީ ކުއްލިއަކަށް .
އަލްބަޝީރު: ކަލޭ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުމެއް ހިންގިކަމަށް ދެފަހަރަކު ޕުލުހުންގެ ގާތުގައި އިޢުތިރާފު ވީކަމަށް ލިޔެފައި ވަނިކޮށް އަހުރެން ދެކުނިން.
ރަޝާދު: ތިޔަކަހަލަ މައްސަލައެއް ނުބެލެވޭ. އެއީ މުޅިންވެސް ދޮގު.
އަލްބަޝީރު: އަހަރުމެންނަށް އެނގޭ ގޮތުގައި ރަސޫލު ބޭކަލުން އެބޭކަލުންގެ ދަޢުވަތު ފެތުރުމަށް މީސްތަކުން ގާތަށް ވަޑައިގަންނަވާ. ނަމަވެސް ކަލޭ ތިޔަ އެދެނީ މީސްތަކުން ކަލޭ ގާތަށް އައުމަށް؟
ރަޝާދު: އަހަރެން މީހުންނަށް ޒިޔާތަރްވެސް ކުރަން ، މިހާރު މިއިނީ ކަލޭގެ ގާތުގައި، ކަލެއަށް އަހަރެންގެ ރަސޫލުކަމުގެ ރިސާލަތު ހުށަހަޅަން.
އަލްބަޝީރު: އަހަރެން ޤަބޫލު ކުރަނީ ކަލެއަކީ މަގުފުރެދި މުރުތައްދުވެފައިވާ މީހެއްކަމަށް. އިސްލާމީ ޙިލާފަތެއްގެ ޚަލީފާއެއް ހުރިނަމަ ކަލޭގެ މައްޗަށް މުރުތައްދުވުމުގެ ޙައްދު ޤާއިމު ކުރުން ވާޖިބުވާނެ.
ރަޝާދު: ތިޔައީ ކަލެއަށް އޮތް ކަމެއް، ބޭނުން މީހަކު އިމާން ވާންވީ އަދި ބޭނުން މީހަކު ކާފަރުވާންވީ، ޤިޔާމަތް ދުވަހުން އަހަރެން ކަލޭޔާ ބައްދަލުކުރާނަން.
އަލްބަޝީރު: އަހަރެން ކަލެޔާ މިދެއްކި ވާހަކަތަކަށް ބަލާއިރު ކަލޭގެ ތިޔަ ޢަޤިދާއާއިމެދު ޚުދު ކަލޭގެ ނަފްސުވެސް މުޅިން ޤަބޫލު ނުކުރާކަން އަހަރެންނަށް ވަރަށް ބޮޑަށް ޔަޤީންވޭ.
ރަޝާދު: ހޭން ފެއްޓި. ކަލެއަށް ތިޔަހެން ހީކުރެވުމުގެ ޙައްޤު އެބައޮތް
އަލްބަޝީރު: އަހަރެން ޤަބޫލުކުރާ ގޮތުގައި ކަލޭއަކީ މުރުތައްދުވެފައިވާ މީހެއް.
ރަޝާދު: ކަލެއަކީ ޢަރަތްބެއް ނޫންތަ؟
އަލްބަޝީރު: އަހަރެންމީ ޢަރަތްބެއް.
ރަޝާދު: ކަލެއަކީ އަހަރެންނަށް އީމާންވުން މަނާވެފައިވާ މީހެއް. އެހެނީ ތައުބާގެ ދޮރު ކަލެއަށް ވަނީ ބަންދުވެފައި.
އަލްބަޝީރު: ކަލެއަކީ ޢަރަތްބެއްތަ؟
ރަޝާދު: ނޫން އަހަންނަކީ ޢަރަތްބެއް ނޫން.. الحمد لله.
އަލްބަޝީރު: ދެން ކަލޭގެ ޢަޞްލަކީ ކޮބާ؟
ރަޝާދު: އަހަންނަކީ މިޞްރު މީހެއް، މިޞްރުމީހުންނަކީ ޢަރަބީންނެއް ނޫން. ޢަރަބީންނަކީ ކުރުފާއި ނިފާޤުކަން އެންމެބޮޑު މީހުން.
އަލްބަޝީރު: ކަލެއަށް އީމާންވާ ޢަރަބީނާއި ބެހޭގޮތުން ކީކޭ ބުނާނީ؟
ރަޝާދު: އެއްވެސް ޢަރަތްބަކު އަހަރެންގެ ދީނަކު ނުވޭ، އަދި އެއްވެސް ޢަރަތްބަކަށް އީމާނެއްވެސް ނުނެވޭނެ. އެހެނީ އެމީހުން ވަނީ އަހަރެންނަށް އީމާންވުމުން މަނާވެފައި، ވީމާ ކަލެއަކީވެސް އީމާންކަމުން މަނާވެފައިވާ މީހެއް. އެކަމާ އަހަރެން ހައިރާނެއް ނުވޭ.
އަލްބަޝީރު: ކަލެއަށް ތަބާވާ މީހުންގެ ތެރޭގައި ޢަރަތްބަކު ނުވޭތަ؟
ރަޝާދު: އަހަރެންނަށް ތަބާވާމީހުންގެ ތެރޭގައި އެއްވެސް ޢަރަތްބަކު ނުހުންނާނެ، އަދި އެއްވެސް ޢަރަތްބަކު އަހަރެންގެ ދީނަކަށް ޤަބޫލެއްވެސް ނުކުރާނަން، އެމީހެއްގެގައިގައި ޢަރަބިނޫން ލެއެއް ހުންނަން ޖެހޭނެ، މިސާލަކަށް ބައްޕަ އިޓަލީ މީހަކަށްވުން. ނުވަތަ މަންމަ އިޓަލީ މީހަކަށްވުން.
އަލްބަޝީރު: އެއީ ޢަރަބީންނަށް ޤުރްއާނާއި ސުންނަތް ފަހުމްވާތީ،ވީމާ ކަލެޔަކަށް އެމީހުން މޮޔައެއް ނުހެއްދޭނެ. ނަމަވެސް ޢަޖަމީން ކަލެޔަށް މޮޔަހެއްދިދާނެ.
ރަޝާދު: ހުރިހާ ޢަރަބީންނާއެކު ކަލޭވެސް ޤިޔާމަތް ދުވަހުވާނީ ނަރަކައިގައި ، އަހަރެން ކަލެއަށް ތަޙައްދީ ކޮށްފައި ބުނަން. ކަލެއަށް أشهد أن لا إله إلا الله. މިހެން ކިޔާކަށް ނުކުރޭނެ.
އަލްބަޝީރު: أشهد أن لا إله إلا الله؟
ރަޝާދު: ތިހެން ކަލޭ ކީ ނަމަވެސް ކަލެއަކަށް އީމާނެއް ނުވެވޭނެ. އެއީ ކަލެއަކީ އަރަތްބަކަށްވާތީ.( މިމީހުން ޤަބޫލުކުރާ ގޮތުގައި محمد رسول الله ކިޔައިފިނަމަ ކާފަރުވާނެ)
އަލްބަޝީރު: ޤިޔާމަތްވާނީ ކޮން އިރަކު؟
ރަޝާދު: އާން ! ތިޔަޚަބަރަކީވެސް ޖިބުރީލު އަހަރެންނަށް ގެނެސްދިން ޚަބަރެއް. ޤިޔާމަތްވާނީ މީލާދީން 2280 ވަނައަހަރު. އެއީ ވެސް 19 ގެ ގުނައެއް. ޤިޔާމަތް ދުވަހު ކަލެޔާ ދިމާކުރާނަން.
އަލްބަޝީރު: ﷲ އިރާދަކުރެއްވިއްޔާ ކަލެއަކާ ބައްދަލެއް ނުވާނެ. ކަލެޔަކީ މުރުތައްދުވެފައިވާ މީހެއް ކަލޭވާނީ ނަރަކައިގައި.
ރަޝާދު: ކަލެޔާ ބައަދަލުކުރާނަން އަދި ކަލޭގެ މައްޗަށް ހެކިވާ މީހެއްކަމުގައި ވާނަން، އަދި އަހަންނަށް ކަލޭ ކައިރިޔަށް ނަރަކަށް ޒިޔާރަތް ކުރެވޭނެ.
އަލްބަޝީރު: ޗިކާގޯއަށް ކަލެއަށް ދަޢުވަތުދެން.
ރަޝާދު: ޖުލައި 1990 ގައި
މާތް ﷲ ވަޙީކުރެއްވިއެވެ" مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا ( އަޙްޒާބު:40 ) މާނައީ" ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمدގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّهގެ رسولއާއެވެ. އަދި ނަބީކަން ختمކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّهވޮޑިގެންވެއެވެ.
عن ثوبان قال : قال رسول الله صلى الله عليه و سلم لا تقوم الساعة حتى تلحق قبائل من أمتي بالمشركين وحتى يعبدوا الأوثان وأنه سيكون في أمتي ثلاثون كذابون كلهم يزعم أنه نبي وأنا خاتم النبيين لا نبي بعدي قال ابو عيسى هذا حديث حسن صحيح قال الشيخ الألباني : صحيح
މާތް ﷲ ރުއްސުންލެއްވި ޘައުބާންގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ." ތިމަންކަލޭގެފާނުންގެ އުންމަތުން ބައެއް ޤަބީލާތައް ޝިރުކާ ބައްދަލުކޮށް، ބުދަށް އަޅުކަން ކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ( ބައެއް ރިވާޔަތްތަކުގައި ތިރީހާ ގާތްކުރާ ޢަދަދަކަށް) ދޮގުވެރިން ދައްޖާލުން ފާޅުފާނެތެވެ. އެއިން ކޮންމެ މީހަކުވެސް އެއީ ނަބިއްޔެއް ކަމަށް ދެކޭނެތެވެ. ތިމަންކަލޭގެފާނީ ނަބީކަން ޚަތުމުކުރެއްވި ސާހިބާއެވެ. ތިމަންކަލެގެފާނަށްފަހު އާ ނަބިއްޔަކު ނުވެއެވެ."
عَنْ أَبِي هُرَيْرَةَ ، رَضِيَ اللَّهُ عَنْهُ ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاََ تَقُومُ السَّاعَةُ حَتَّى يَقْتَتِلَ فِئَتَانِ فَيَكُونَ بَيْنَهُمَا مَقْتَلَةٌ عَظِيمَةٌ دَعْوَاهُمَا وَاحِدَةٌ ، وَلاَ تَقُومُ السَّاعَةُ حَتَّى يُبْعَثَ دَجَّالُونَ كَذَّابُونَ قَرِيبًا مِنْ ثَلاَثِينَ كُلُّهُمْ يَزْعُمُ أَنَّهُ رَسُولُ اللهِ. ބުޚާރީ
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ" ދެބަޔަކު ހަނގުރާމައެއް ކޮށް ވަރުގަދަވެގެންވާ ޤަތުލެއް ހިނގައިފުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ. އެދެބައިމީހުންގެ ދަޢުވާއަކީވެސް އެއްދަޢުވާއެކެވެ. އަދި ތިރީހަކަށް ދޮގުވެރި ދައްޖާލުން ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ. އެ އެންމެންވެސް އެއީ ﷲ ގެރަސޫލެއްކަމަށް ހީކުރެތެވެ.
ނޯޓު: މިތަނުގައި އެ އިޝާރާތް ކުރައްވަނީ އަޞްހާބުބޭކަލުންގެތެރޭގައި ހިނގާނެ ހަނގުރާމައަކަށެވެ. އެކަންވަނީ އެގޮތަށް ހިނގާފައެވެ. ދެބައިމީހުންވެސް ދަޢުވާކުރެއްވީ އެބޭކަލުން ޙައްޤުގައިވާކަމަށެވެ. އަދި ޙައްޤަށްޓަކާކަމަށް ދެކެވަޑައިގެންނެވެ. - See more at: http://www.raajjeislam.com/?file=14906#sthash.aFGN8nBw.dpuf
0 comments:
Post a Comment