Sunday, January 3, 2016

ބޯ ބޭލުމުގެ ޙުކުމް

الحمد لله
ޢިލްމުވެރީންގެ ވާހަކަތަކުން ދޭހަވާގޮތުގައި ބޯބޭލުން ހުރީ ހަ ގިންތީއަކަށެވެ.

އެއްވަނައީ: 


އެކަންކުރާ މީހާއަށް ޘަވާބު ލިބޭ އަޅުކަމަކަށް ބޯ ބޭލުންވަނީ ހަތަރު ޙާލަތެއްގައެވެ. އެއީ: 


1)    ޙައްޖުގައި


2)    ޢުމުރާގައި - ﷲ ވަޙީކުރައްވާފައިވެއެވެ. (لَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاء اللَّهُ آمِنِينَ مُحَلِّقِينَ رُؤُوسَكُمْ وَمُقَصِّرِينَ) (الفتح : 27 ) 

މާނައި: "ހަމަކަށަވަރުން، اللَّه، އެކަލާނގެ رسولއާއަށް ހުވަފެންފުޅު ސީދާކުރައްވައި، حقގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަ ތިޔަބައިމީހުން أمان ކަމާއެކުގައި، حرمة ތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حالގައި، އަދި ކުރުކޮށް ކޮށާ حالގައެވެ."

3)    އުފަންވީތާ ހަތްވަނައަށްވީދުވަހު، އަލަށް އުފަންވާ ކުއްޖާގެ ބޯ ބޭލުން، 

މިކަމުގެ ދަލީލަކީ الترمذي (1439) ރިވާކުރައްވާފައިވާ މިޙަދީޘްފުޅެވެ. ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަސަންގެފާނުގެ ޢަޤީޤާއެއްގެ ގޮތުގައި ބަކަރިއެއް ކަތިލިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ( يا فاطمة احلقي رأسه وتصدقي بزنة شعره فضة ) މާނައި: "އޭ ފާޠިމާއެވެ! އޭނާގެ ބޯބާލައި އެއިސްތަށިކޮޅުގެ ބަރުދަނަށް ރިހީން ޞަދަޤާތްކުރާށެވެ." حسنه الألباني في صحيح الترمذي (1226) ، وانظر : تحفة المودود لابن القيم (ص : 217)

4)    ކާފަރަކު އިސްލާމްވާ ހިނދުގައި.

أبو داود (356) ދަލީލަކީ ރިވާކުރައްވާފައިވެއެވެ. ކާފަރަކު އިސްލާމް ވުމުން ނަބިއްޔާ صلى الله عليه وسلم އަމުރު ކުރެއްވިއެވެ. (ألق عنك شعر الكفر واختتن) މާނައި: "ތިބާގެ ގައިގައިހުރި ޖާހިލިއްޔަ ޒަމާނުގެ އިސްތަށިތައް ބާލައި އަދި ޚިތާނު ކުރާށެވެ." حسنه الألباني في صحيح أبي داود ، وانظر: المغني 1/276 ، وشرح العمدة لشيخ الإسلام (1/350)

މިދެންނެވި ހަތަރު ޙާލަތުގައި މެނުވީ ބޯބޭލުން މުސްތަޙައްބުވެގެންނުވާ ކަމުގައި ޢިލްމުވެރީން އިއްތިފާޤުވެފައިވެއެވެ. އިބްނު ތައިމިއްޔާގެ الاستقامة (1/256) ބައްލަވާށެވެ. 

ދެވަނައީ:


ބޯބޭލުން ޝިރުކަކަށްވެގެން ދާޙާލަތެވެ. 


އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް ކިޔަމަންގަނެ އެހެން ފަރާތެއްގެ ރުހުން ހޯދުމުގެ ގޮތުން ބޭ ބޭލުމެވެ. އަލްއިމާމް އިބްނުލް ޤައްޔިމު ރަޙިމަހު ﷲ زاد المعاد (4/159) ގައި ވިދާޅުވެފައިވެއެވެ. އެބަޔަކު ތަބާވާ ޝޭޚެއް ރުއްސުމުގެ ގޮތުން ބޯބޭލުންފަދަ ކަންކަން މިބައިގެ ތެރެއިން ހިމެނެއެވެ. އެމީހުން ބުނެ އުޅޭނެއެވެ. ތިމަންނާ ބޯބޭލީ އެވެނި މީހަކަށްޓަކައެވެ. މިކަން ވައްތަރުވަނީ އެހެން މީހަކަށްޓަކައި ސަޖިދަޖެހުމާއެވެ. އެހެނީ ބޯބޭލުމަކީ އަޅުކަމެކެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޙައްޖު ފުރިހަމަ ވުމުގެ ތެރޭގައި ބޯބޭލުން ހިމެނެނީ މިކަމަށްޓަކައެވެ.


ތިންވަނައީ: 


ބޯ ބޭލުން ބިދުޢަކަށްވާ ޙާލަތެވެ. އޭގައި އެތައް ޙާލަތެއް ހިމެނެއެވެ.



އޭގެތެރެއިން: އިސްވެ ބަޔާންކުރެވުނު ބޯބޭލުން މުސްޠަޙައްބުވެގެންވާ ހަތަރު ޙާލަތުގެ އިތުރުން، އަޅުކަމެއްގެ ގޮތުގައި ދެކިގެން ބޯބޭލުމެވެ. މިސާލަށް ބޯބޭލުމަކީ އަޅުވެރިކަމާއި ޞާލިޙު ކަމުގެ ޢަލާމާތެއް ކަމުގައި ދެކިގެން ބޯބޭލުމެވެ. ނުވަތަ އެކަމަކީ ޒުހުދުވެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ދެކިގެން ކުރުމެވެ. ޚަވާރިޖުންގެ ޢަމަލުތައް ހުންނަނީ އެފަދައިންނެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވެއެވެ.


سيماهم التحليق. މާނައީ: "ބޯ ބޭލުމަކީ އެމީހުންގެ ސިފައެކެވެ." البخاري (7007) ومسلم (1763) 
މިޙަދީޘްފުޅުގެ ޝަރަޙައިގައި ބުނެވިފައިވެއެވެ. "އެމީހުން ބޯ ބޭލުން އެއީ ދުނިޔޭގެ ޒީނަތްތެރިކަމާ އެއްކިބާވެގެންވާކަމުގެ ޢަލާމާތެއްގެ ގޮތުގައި ހެދިއެވެ. އަދި އެމީހުން ފާހަގަވެ އެނގޭނޭ ގޮތެއްކަމުގައިވެސް އެކަން ހެދިއެވެ. އެއީ އެމީހުންގެ ޖާހިލުކަމެވެ. އެމީހުންގެ އެ ޢަމަލަކީ ﷲ ގެ ދީނަށް އިތުރު ކުރެވިފައިވާ ބިދުޢައެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم އާއި އަލްޚުލަފާއުއް ރާޝިދީން އާއި އެބޭކަލުންނާ ތަބާވީ ބޭކަލުން ކުރައްވާފައިވާ ކަމެއް ނޫނެވެ. وانظر شرح العمدة (1/231) ومجموع الفتاوى (21/118)


އޭގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ: ބައެއް މީހުން ތައުބާވުމާ ގުޅުވައިގެން ބޯ ބާލައި ހަދައެވެ. މިއީވެސް ބިދުޢައެކެވެ. އެއީ ޞަޙާބީންނާއި ތާބިޢީންނާއި އެބޭކަލުންނާ ތަބާވީ އެއްވެސްބަޔަކު، އަދި ސުންނަތުގެ އެއްވެސް އިމާމަކު ކުރައްވާފައިވާ ކަމެއް ނޫނެވެ. مجموع الفتاوى (21/118)


ހަތަރުވަނައީ: 


ބޯ ބޭލުން ޙަރާމްވާ ޙާލަތްތަކެވެ. އޭގެ ތެރޭގައިވެސް އެތައް ޙާލަތެއް ހިމެނެއެވެ. 


1)    ގާތް ތިމާގެ މީހަކު ނިޔާވުންފަދަ މުޞީބާތެއް ޖެހުމުން ބޯބޭލުމެވެ. އަބޫ މޫސަލް އަޝްޢަރީ رضي الله عنه ވިދާޅުވެފައިވެއެވެ. ( إن رسول الله صلى الله عليه وسلم بريء من الصالقة والحالقة والشاقة ) رواه مسلم (149) މާނައީ: "الصالقة އާއި الحالقة އާއި الشاقة އިން ރަސޫލު ﷲ صلى الله عليه وسلم ބަރީއަވެގެންވެއެވެ." 

الصالقة އަކީ ތިމާގެ މީހަކު މަރުވުމުން ރޯހިނދުގައި އަޑުގަދަކޮށް ހަލާކަށް އެދިގޮވާހަދައި އުޅޭ މީހުންނެވެ. الحالقة އަކީ މުޞީބާތެއް ޖެހުމުން ބޯ ބާލައި އުޅޭ މީހުންނެވެ. الشاقة އަކީ ރޯހިނދުގައި ހެދުންވީދައި އުޅޭ މީހުންނެވެ.



މިފަދަ ޙާލަތުގައި ބޯ ބޭލުމަކީ ތިމާއަށް ކުރިމަތިވާ އިމްތިޙާނުތަކަށް ނުވަތަ ޤަޟާޤަދަރަށް ނުރުހެވޭ ކަމުގެ ޢަލާމާތެކެވެ. 

2)    ކާފަރުންގެ ތެރެއިން ނުވަތަ ފާސިޤުންގެ ތެރެއިން ބޯ ބާލައިގެން އުޅޭކަމަށް 


މަޝްހޫރުވެފައިވާ މީހުންނާ އެއްފަދަވުމުގެ ގޮތުން ބޭ ބޭލުމެވެ. ނުވަތަ ބޯ ބާލައި ތަލައިގައި ތެޔޮލުން ނުވަތަ ބޮލުގެ ދެއަރިމަތި ބާލައި މެދު ދިގުކޮށްފައި ބެހެއްޓުންފަދަ ކަންކަމެވެ. މިފަދައިން އެމީހުންނާ އެއްވައްތަރުވުމަކީ ޙަރާމް ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (من تشبه بقوم فهو منهم ) މާނައި: "ބަޔަކާ އެއްވައްތަރުވެއްޖެ މީހަކުވަނީ އެބައެއްގެ ތެރެއިންނެވެ." رواه أبو داود (4031) وصححه الألباني 
ފަސްވަނައީ: 


ބޯ ބޭލުން މުބާޙުވާ ޙާލަތެވެ. އެއީ ބޭނުމެއް ޖެހިގެން ބޯ ބޭލުމެވެ. މިސާލަކަށް ބޭސްފަރުވާ ކުރުމަށް ބޯ ބޭލުން ނުވަތަ އުކުނު ފިލުވައިލުމަށް ބޯ ބޭލުމެވެ. މިފަދައިން ބޯބޭލުން ހުއްދަކަމުގެ މައްޗަށް ކީރިތި ޤުރްއާނުންނާއި ސުންނަތުންނާއި އިޖްމާޢުން ދަލީލު ލިބޭކަމުގައި شيخ الإسلام رحمه الله ވިދާޅުވެފައިވެއެވެ. مجموع الفتاوى (12/117)
ހަވަނައީ: 


އެއްވެސް ބޭނުމެންނެތި ނުވަތަ އިސްވެ ބަޔާންކުރެވުނު ސަބަބަކުންކުރެ ސަބަބަކާއި ނުލައި ބޯ ބޭލުމެވެ.  


މިފަދައިން ބޯ ބޭލުމުގެ ޙުކުމާއި މެދު ޢިލްމުވެރިންގެ މެދުގައި ރައުޔުތައް ތަފާތުވެފައިވެއެވެ. އެއީ މަކުރޫހަ ކަމެއްކަމުގައި އިމާމު މާލިކުއާއި އަދި އެނޫންވެސް ބޭކަލުން ވިދާޅުވެފައިވެއެވެ. އެބޭކަލުންގެ ދަލީލަކީ އެކަމަކީ ބިދުޢަވެރީންނާއި ޚަވާރިޖުންގެ ޢަލާމާތުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި އެކަންވުމެވެ. 


އަދި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (من تشبه بقوم فهو منهم) މާނައި: "ބަޔަކާ އެއްވައްތަރުވެއްޖެ މީހަކުވަނީ އެބައެއްގެ ތެރެއިންނެވެ."
މިފަދަ ޙާލަތުގައި ބޯ ބޭލުން ހުއްދަކަމުގައި ދެކެލައްވާ ބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކުއްޑަކުއްޖަގެ ބޮލުގެ އެއްފަޅި ބާލާފައި އަނެއްފަޅި ނުބާލައި ހުއްޓާ ފެނުމުން ޙަދީޘްކުރެއްވިއެވެ. ( احلقوه كله أو اتركه كله )  މާނައީ: "އޭނާގެ ބޯ އެކީގައި ބާލާށެވެ. ނުވަތަ ނުބާލާ ބަހައްޓަނީނަމަ އެކުގައި ބަހައްޓާށެވެ." صححه الألباني في صحيح أبي داود (3535). 


މިފަދަ ޙާލަތުގައި ބޯ ބޭލުން މަނާކަމުގައި ދެކެލައްވާ ބޭކަލުންގެ ރައުޔުގައި، މިޙަދީޘްފުޅުގައި އެކުއްޖާގެ ބޯ ބޭލުމަށް އަމުރު ކުރައްވާފައި އެވަނީ ވަކި ބޭނުމެއްގައެވެ. ހަމައެފަދައިން ތުއްތު ކުދީންގެ ބޮލުގައި އުކުނު އެޅުމާއި ބޯ ދާވުން އަވަސްވުންވެސް ގާތްވެގެންވާތީއެވެ. އަދި އެއީ ތުއްތު ކުއްޖަކަށްވެފައި ބޮޑެތި މީހުންނަށް ހުއްދަ ނުވާ އެތައްކަމެއް ތުއްތު ކުދިންނަށް ހުއްދަވެގެންވެއެވެ. مجموع الفتاوى (21/119) وشرح العمدة (1/230)


މިތާނގައި ޚިލާފުވެވިފައިވަނީ މުބާޙު ޙާލަތުގައި ބޯ ބޭލުން އެއީ މަކުރޫހަ ކަމެއްތޯ ނުވަތަ ހުއްދަކަމެއްތޯއެވެ؟ އަދި އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ކޮބައިކަމާމެދުގައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ މޮޅު އިތުރުވެގެންވަނީ ޙައްޖާއި ޢުމުރާގައި މެނުވީ ބޯ ނުބޭލުމެވެ. އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلم އާއި ޞަޙާބީން رضي الله عنهم ގެވެސް ޢަމަލުފުޅުތައް ބަހައްޓަވާފައިވާ ގޮތެވެ. عون المعبود (11/248) ، والله تعالى اعلم
މިއީ الشيخ محمد صالح المنجد ދެއްވާފައިވާ ފަތުވާއެއްގެ ކުރު ޚުލާޞާއެކެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons