Saturday, December 20, 2014

ދޮގެއްނެހެދިޔަސް ހެޔޮކަމަށް ގޮވާލެވިދާނެއެވެ.

މިދުވަސްވަރަކީ ތަރައްޤީއާއި ތަހުޒީބުގައި އިންސާނުން ކުރިއަރާފައިވާ ދުވަސްވަރެކެވެ. މީގެކުރިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ ކުރިއެރުންތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. އެމީހަކު ބޭނުން ކޮންމެ ޚަބަރެއް ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރާލުމަށްޓަކައި މާކަގިނަވަގުތުތަކެއް ނުނަގައެވެ. ފޯނުތަކެވެ. އިންޓަނެޓެވެ.

 މިގޮތަށްގޮސް ތަފާތު ވަޞީލަތްތަކެވެ. ބައެއްފަހަރަށް ހެވެއްނުބައެއް، ތެދެއްދޮގެއް ވަކިނުވާވަރުވެއެވެ. ބައެއް ފަހަރަށް ވާހަކަތަކުގެ ތެދުދޮގު ބަލައިލުމެއްނެތި ތިމާގެ އެކުވެރިޔާއަށް މިޚަބަރު ދެވެއެވެ. ބައެއްމީހުން މިފަދަ ޚަބަރުތައް ފޮނުވާލަނީ ހެޔޮކަމެއް ކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވިސްނާލުން ހުއްޓެވެ.

މަސައްކަތުގެ ހަލަބޮލިވަގުތެވެ. ކުއްލިއަކަށް އަޑެއް އިވިފައި ޖީބުން އެއްޗެއް ތެޅިގެންފިއެވެ. އާދެ ފޯނު ރިންގުވެލީއެވެ. އަޑު ކަންފަތުގަޖެހުމާއެކު އެއީ މެސެޖެއްކަން އެނގުނެވެ. އަވަހަށް ފޯނުނަގައި މެސެޖު ކިޔާލީމެވެ. ދޭތެރެއަކުން އަބަދުވެސް އަންނަ ޒާތުގެ މެސެޖެކެވެ. ވަރަށް ހެޔޮކަލިމަތަކެއް މެސެޖުގައި ލިޔެފައިވެއެވެ. އެފޮނުވި އަޅުގަނޑުގެ އެކުވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

 ހެޔޮކަމަކަށް އަޅުގަނޑަށް ހަނދާންކޮށްލަ ދިނީތީއެވެ. ނަމަވެސް މެސެޖުގެ ފަހުބަޔަށް އައިއިރު މިއޮންނަނީ އެކަލިމަތައް ވަކި ޢަދަދަކަށް ކިޔާލީމަ ލިބޭ ދަރުމަތަކެއްގެ ވާހަކަ ބަޔާން ކޮށްފައެވެ. ބައެއް ފަހަރަށް އަންނަ މެސެޖުތަކުގައި އުފާވެރި ޚަބަރެއް ލިބޭނެކަމުގެ ޚަބަރެއް ދީފައިހުރެއެވެ.

 އަނެއްބައި ފަހަރަށް އެމެސެޖު ވަކި ޢަދަދެއްގެ ބަޔަކަށް ފޮނުވުމުން ދަރުމައާއި އުފާވެރި ޚަބަރު ލިބޭނެވާހަކަ ބަޔާންކޮށްފައިވެއެވެ. އަނެއްބައިފަހަރަށް އެމެސެޖުގައިވާގޮތަށް ކަންތައް ނުކޮށްފިނަމަ ލިބޭނެ ހިތާމައިގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ހަމައެފަދައިން އީމެއިލަށް އައިސްފައިވާ މެއިލްތަކަށް ބަލާލާއިރު، ފޯނަށް އެއަންނަ މެސެޖުތަކަށްވުރެ ވާހަކަތައް ފޮންޏެވެ. ވާނީވެސް އެހެންތާއެވެ. ފޯނަށް ފޮނުވާ މެސެޖުތަކުގައި ލިޔެވޭނީ ވަކިވަރަކަށް ވިއްޔާއެވެ.

މިފަދަ މެސެޖުތަކުގައިވާ ގިނަ ވާހަކަތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައި އަދި އެއިލާހު މީސްތަކުންނަށް ހިދާޔަތް ބަޔާންކޮށް ދެއްވުމަށްޓަކައި ފޮނުއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން، އަދި ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ފަރާތުންވެސް އެއްވެސް ދަލީލެއް ނެތް ވާހަކަތަކެކެވެ. ހިތަށް އަރައެވެ. މިހެޔޮކަލިމަ ކިޔާލުމުން ލިބޭ މަތިވެރި ދަރުމަޔާއި ޘަވާބުގެ ވާހަކަ ބަޔާންކޮށްފައިވާ ގިނަގުނަ ޙަދީޘްތަކެއް ޞައްޙަ ރިވާޔަތްތަކުން އައިސްފައިވާއިރު މިފަދަ ބޮޑެތި ދޮގުފަތުރަނީ ކީއްކުރަން ބާވައެވެ؟

މީސްތަކުން ހެޔޮމަގަށް އަޅުވައި އެބައިމީހުންނަށް ހެޔޮކަންތައްތައް ކުރުވުމަށް ހިތްވަރުދިނުމަށްޓަކައި ބައެއް މީހުން ދަޅަދައްކައެވެ. ވަކިހެޔޮކަމެއް ނުވަތަ ވަކި ކަލިމައެއް ކިޔާލުމުން ވަކި ދަރުމައާއި ޘަވާބުލިބޭނެ ވާހަކަތަކުގެ ދޮގު ޚަބަރުތައް މީސްތަކުންގެ ތެރޭގައި ފަތުރައެވެ. ނުރައްކާތެރިކަމަކީ ބައެއް މީހުން މިފަދަ ބުހުތާނު ދޮގުވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ނުވަތަ އެހެންވެސް ޞާލިޙު ބޭކަލެއްގެ މައްޗަށް ރައްދުކޮށްފައި ހުންނަކަމެކެވެ.

 ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގު ހަދައިފިމީހަކު ވާހުށީ ނަރަކައިގައިކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު، އެތައްއެތައް ޞަޙާބީބޭކަލުންގެ ކިބައިން ވަނީ އަހަރެމެންނާ ހަމައަށް އައިސްފައެވެ. މިފަދަ ދޮގުވާހަކަތައް މީސްތަކުންގެ ތެރޭގައި ފަތުރައިއުޅެނީ މިއަދަކު ނޫނެވެ. ޞަޙާބީންގެ ޒަމާނުއްސުރެ އެފަދަ ވާހަކަތައް ދަނީ ފަތުރަމުންނެވެ. މިގޮތުން ޚަޠީބުލް ބަޣްދާދީ ރަޙިމަހުﷲ ގެ 'އަލްކިފާޔާ' ކިޔުނުފޮތުގައި، އަދި އިބްނުލް ޖަވްޒީ ރަޙިމަހުﷲ ގެ 'އަލްމަވްޟޫ' އޭ ކިޔުނުފޮތުގައި ގެންނަވާފައިވާ ވާހަކައެއް ދަންނަވާލާނަމެވެ.

"(ކުރީގެ ޙަދީޘް ޢިލްމުވެރިއެއްކަމުގައިވާ) އަލްމުއައްމަލު ބިން އިސްމާޢީލް ގެ ކިބައިން ރިވާވެފައިވެއެވެ. އެޢިލްވެރިޔާ ވިދާޅުވިއެވެ. އުބައްޔު ބިން ކަޢުބު (ރަޟިޔަﷲ ޢަންހު) ކިބައިން، ކީރިތި ޤުރުއާނުގެ މަތިވެރިކަމާގުޅޭގޮތުން ރިވާވެފައިވާކަމަށްބުނާ ޙަދީޘެއް ތިމަންނައަށް ޝެއިޚަކު ކިޔައި ދިނެވެ. ފަހެ ތިމަންނަ އެޝެއިޚަށް ދަންނަވައިފީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟' އެޝެއިޚު ވިދާޅުވިއެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ މަދާއިން (ޢިރާޤުގެ ރަށެއް) ގެ މީހެކެވެ. އޭނަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. ފެހެ ތިމަންނަ މިމީހާއަށް ދަންނަވައިފީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟' މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ވާސިތާ (ޢިރާޤުގެ ރަށެއް) ގެ ޝެއިޚެކެވެ. އޭނަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.'

 ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ބަޞަރާ (ޢިރާޤުގެ ރަށެއް) ގެ ޝެއިޚެކެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ޢަބްދާން (އިރާނުގެ ރަށެއް) ގެ ޝެއިޚެކެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ތިމަންގެ އަތުގައި ހިފައިގެން ގެންގޮސް ގެއަކަށް ވައްދައިފިއެވެ. އެގޭގައި ބަޔަކު އެއްވެ ތިއްބެވެ. އެމީހުންގެ ތެރޭގައި ޝެއިޚަކު އިނެވެ. ތިމަން ގޮވައިގެން ދިޔަ މީހާ ބުންޏެވެ. 'ތިމަންނައަށް އެޙަދީޘް ކިޔައިދިނީ މިއިން ޝެއިޚެވެ.' ތިމަން (އެޝެއިޚަށް) ބުނީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟'

 އެމީހާ ބުންޏެވެ. 'ތިމަންނައަށް އެއްވެސް މީހަކު މިޙަދީޘް ކިޔައެއް ނުދެއެވެ. ނަމަވެސް ތިމަންމެނަށް މިފެންނަނީ ޤުރުއާނާ މީހުން ދުރަށް ދާތަނެވެ. އެހެންވެ އެބައިމީހުން ކީރިތި ޤުރުއާނާ ކައިރިކުރުމަށްޓަކައި ތިމަން ޙަދީޘް ހަދައިލީއެވެ." لا حول ولا قوة إلاّ بالله.

މިވާހަކައިން އެނގޭގޮތުގައި އެންމެ ކުރިން ފަށައިގެންވެސް، މީސްތަކުންނަށް ހެޔޮކަންތައްތަކަށް ގޮވާލުމަށްޓަކައި މިފަދަ ޝައިޠާނީ ދޮގުވާހަކަތައް މީސްތަކުންގެ ތެރޭގައި ފަތުރާ ބަޔަކު އުޅެއެވެ. ދީނުގެ ޢިލްމު ލިބިފައިނުވާ އާއްމު މުސްލިމުންނަށް ވަރަށް ފަސޭހަކަމާއެކު މިފަދަ ވާހަކަތައް ޤަބޫލުކުރެވެއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތަފާތު ވައްތަރުގެ ދުޢާތައް ގަނޑުކޮޅުތަކުގައި ލިޔެގެން ބައެއްމީހުން ގެންގުޅެއެވެ. މިފަދަ ދުޢާތަކުގެ ތެރޭގައި އެއްވެސް އަޞްލެއްނެތް ދުޢާތައް ހިމެނެއެވެ. ވުމާއެކު، މިފަދަ ދުޢާއެއް ކިޔައި، އެހެން މީހަކަށް ދިނުމުގެ ކުރިން ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ އިތުބާރުކުރެވޭ މީހެއްގެ ކިބައިން އެދުޢާގެ ތެދުދޮގު ބަލާލުން ހުއްޓެވެ.

ހަމައެފަދައިން ދޭތެރެ ދޭތެރެއިން މެއިލްގެގޮތުގައި އަންނަ މެސެޖެއްގެ ވާހަކައާއި، މިމެސެޖެށް ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ދެއްވާފައިވާ ރައްދެއް ދަންނަވާލާނަމެވެ. މިމެސެޖަކީ އަބަދުވެސް ހަލުވިކަމާއެކު އިންޓަނެޓުގައި ފެތުރެމުންދާ މެސެޖެކެވެ. މިމެސެޖުގައި ވެއެވެ.

 "މިވަޞިއްޔަތަކީ ސަޢޫދީ އަރަބިއްޔާއިން އައިސްފައިވާ، އެންމެހާ މުސްލިމުންނާ މުޚާޠަބުކޮށްފައިވާ ވަޞިއްޔަތެކެވެ. މިވަޞިއްޔަތަކީ ރަސޫލާގެ މިސްކިތުގެ ތަޅުދަނޑިއާ ޙަވާލުވެފައިވާ، ޝެއިޚް އަޙްމަދުގެ ބަސްތަކެކެވެ. ހުކުރު ދުވަހެއްގެރޭ، ޝެއިޚް އަޙްމަދު ޤުރުއާން ކިޔެވުމަށްފަހު ނިދިތަނުން ހުވަފެނުގައި މިފެނުނީ ރަސޫލާއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. 'އޭ ޝެއިޚް އަޙްމަދެވެ. މިހުކުރު ދުވަހު ގާތްގަނޑަކަށް 6000 މީހުން މަރުވެ، އެއިގެ ތެރެއިން އެކަކަށްވެސް ސުވަރުގެއަކަށް ނުވަދެވެއެވެ. އަންހެންވެރިން އެކަނބަލުންގެ ފިރިންގެ އަމުރުތަކަކަށް ކިޔަމަނެއް ނުވެއެވެ. މުސްލިމުންގެ ތެރެއިން މުދާހުރިމީހުން ފަޤީރުންނަކަށް އެހީއެއްނުވެއެވެ. މީސްތަކުންނަށް އަންގަވާ ދެއްވާފައިވާގޮތަކަށް އެބައިމީހުން ޙައްޖެއް ނުވެއެވެ. ނަމާދުގައި ކިޔަންޖެހޭ ތަކެއްޗެއް ނުކިޔައެވެ. ޝެއިޚް އަޙްމަދެވެ. މީސްތަކުންގެ ކައިރީ މިވަޞިއްޔަތް އައީ ތިބާގެ ފުށުންނޭ ބުނާށެވެ. އަދި މިދުނިޔޭގެ އެންމެހާ މުސްލިމުންނަށް މިވަޞިއްޔަތް ފޯރުކޮށްދިނުމަށްޓަކައި، އެބައިމީހުން މީގެ ކޮޕީތަކެއް ހަދައިގެން، އެހެން މުސްލިމުންނަށް ދޭހުށިކަމެވެ. މީގެކޮޕީތައް ހަދައިގެން އެހެން މުސްލިމުންނަށް ބަހާ އުޅޭމީހާއަށް އެކަމުގެ އަޖުރު ފެންނާނެއެވެ. އަދި ތިމަންކަލޭގެފާނުގެ ޝަފާޢަތް އެމީހަކަށް ލިބި، އެތައް އެތައް ދަރުމަޔަކާއި ޘަވާބެއް ލިބޭނެއެވެ. އަދި މިވަޞިއްޔަތަށް އަހައްމިއްޔަތުކަމެއްނުދީ، މިވަޞިއްޔަތް އެއްލައިލައިފިނަމަ އެމީހަކު އެކުރީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މި ނުބަހައިފިމީހަކަށް ޤިޔާމަތްދުވަހު ﷲގެ ރަޙްމަތް ނުލިބޭހުއްޓެވެ."

 ޝެއިޚް އަޙްމަދު ބުންޏެވެ. "މިވަޞިއްޔަތުގެ 20 ކޮޕީ ބަހާށެވެ. އެއިރުން ރަސޫލާގެ ޝަފާޢަތް ލިބޭނެއެވެ. އަދި ހީވެސްނުކުރާފަދަ ކަންތައްތައް މެދުވެރިވާ ހުއްޓެވެ." މަދި މިސެޖުގައި މިވަޞިއްޔަތް ނުބެހި ބައެއް މީހުންނަށް ދިމާވި ޙާދިޘާތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިވަޞިއްޔަތް ބެހިމީހުންނަށް ދިމާވި ހެޔޮގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިވަޞިއްޔަތް ތަފާތު އެތައް ޢިބާރާތްތަކުން ފެތުރިފައިވެއެވެ.

ހައިރާންވެ އަންތަރީސްވާވަރުގެ މެސެޖެކެވެ. ހިތާމަޔަކީ ކޮންމެ މީހަކުވެސް ބަލާލުމެއްނެތި ތިމާގެ އެކުވެރިންނަށް މިމެސެޖު ފޮނުވާލާކަމެވެ. މިވަޞިއްޔަތާ ބެހޭގޮތުން ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ދެއްވަވާފައިވާ ރައްދު ދަންނަވާލާނަމެވެ.
"ޙަމްދު ހުރީ ﷲ އަށެވެ. ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 'ތިމަންމެން މިދޮގު ވަޞިއްޔަތުގެ ޚަބަރު އެތައްފަހަރަކު މީގެ އެތައް އަހަރުތަކެއް ކުރިން އަޑުއަހަމެވެ. މީސްތަކުންގެ ތެރޭގައި އެކި ފަހަރުފަހަރު މަތިން މިވަޞިއްޔަތްވަނީ ފެތުރިފައެވެ. ޚާއްޞަކޮށް ޢާއްމުންގެ ތެރޭގައެވެ.

 މީގެ ބައެއްފަހަރަށް އިބާރާތްތައް ތަފާތުވެފައިވެއެވެ. މިވާހަކަ ކިޔައިދިން މީހަކު ބުނެފައިވަނީ އެމީހާއަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ފެނުނުވާހަކައެވެ. އަދި މިމީހާއަށް ރަސޫލާ މިޚަބަރުތައް ދެއްވެވި ވާހަކައެވެ. އަދި މިވާހަކަ ފަތުރަން ޙަދީޘްކުރެއްވި ވާހަކައެވެ...... މިވާހަކަ ހެދިމީހަކު ވަނީ ބަޔާންވެ ފާޅުވެގެންވާ އެތައް ދޮގު ބާޠިލު ވާހަކަތަކެއް ބަޔާންކޮށްފައެވެ. މީގެ ކުރީ އަހަރުތަކުގައިވަނީ ތިމަންނައަށް މީގެ ޚަބަރު ލިބިފައެވެ. މިއަކީ ފާޅުވެގެންވާ ދޮގެއްކަމަށާއި، ބާޠިލު ވާހަކައެއްކަން ތިމަންވާނީ މީސްތަކުންނަށް ބަޔާންކޮށްދީފައެވެ.

ނަމަވެސް އެންމެ ފަހުން މިވާހަކަ ފެތުރުނު އިރު، އެއަށް ރައްދު ދިނުމަށް ތިމަން ތަރައްދުދު ވިއެވެ. އެއީ މިވާހަކައިގެ ދޮގުކަމާއި ބާޠިލުކަން ފާޅުކަމުންނެވެ. ތިމަންނައަށް ހީވާގޮތުން ބުއްދި ސަލާމަތުން ހުރި އެކަކުވެސް މިވާހަކަތައް ޤަބޫލެއް ނުކުރާނެއެވެ.

ނަމަވެސް މިވަޞިއްޔަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަގުފުރެދި، އެބައިމީހުންގެ ތެރޭގައި މިވަޞިއްޔަތް ބަހައި، އަދި ބައެއް މީހުން މިވަޞިއްޔަތް ޤަބޫލުކޮށްފިކަމުގެ ޚަބަރުތައް ތިމަންގެ ވަރަށްގިނަ އަޚުންގެ ފަރާތުން ތިމަންނައަށްވަނީ ލިބިފައެވެ. ވުމާއިއެކު، މިވަޞިއްޔަތާ ދެކޮޅަށް އެއްޗެއް ދަންނަވާލުމަކީ ތިމަންފަދަ މީހަކު ކުރަންޖެހޭފަދަކަމެއްކަމުގައި ދެކެމެވެ.

 އެއީ އެއްވެސް މީހަކު މިވަޞިއްޔަތުގެ ސަބަބުން މަގުފުރެދި ނުދިޔުމަށްޓަކައި، އެވަޞިއްޔަތަކީ ބާޠިލު، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގެއްކަން ބަޔާންކުރުމަށްޓަކައެވެ. ދީނުގެ ޢިލްމުލިބިފައިވާ، އީމާންކަމުގެ، ނުވަތަ ފިޠުރަތު ސަލާމަތުންހުރި ހޭޖެހޭ ކޮންމެ މީހަކަށް މިވަޞިއްޔަތަކީ ވަރަށް ގިނަ ގޮތްގޮތުން ހަދާފައިވާ ބާޠިލު އެއްޗެއްކަން އެނގޭނެއެވެ.

ޝެއިޚް އަޙުމަދުގެ ބައެއް އާއިލާ މީހުންގެ ކައިރީ ތިމަން މިވަޞިއްޔަތާ ބެހޭގޮތުން ސުވާލުކުރީމެވެ. އެބައިމީހުން ބުނެފައިވަނީ އެއީ ޝެއިޚް އަޙުމަދުގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށެވެ. އެއީ އެޝެއިޚް ބުނި ވާހަކައެއްވެސް ނޫނެވެ. މިވާހަކައިގައިވާ ޝެއިޚް އަޙުމަދުވަނީ މީގެ ދުވަސްގަނޑެއް ކުރިން ނިޔާވެފައެވެ.

 ޝެއިޚް އަޙުމަދު ވިޔަސް އަދި އެހެން އެއަށްވުރެ ބޮޑު ޢިލްމުވެރިއެއްވިޔަސް، ހުވަފެނުގައި ނުވަތަ ހޭލާހުއްޓައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފެނި، މިފަދަ ވަޞިއްޔަތެއް ކޮށްފިކަމުގައިވާނަމަ، އަހަރެމެންނަށް އެނގޭނެކަމަކީ ހަމަޔަޤީނުންވެސް އެމީހަކު އެހަދަނީ ދޮގުކަމެވެ. ނުވަތަ އެމީހަކަށް މިފަދަ ވަޞިއްޔަތެއް ކުރީ ޝައިޠާނާކަމެވެ. ރަސޫލާއެއް ނޫންކަމެވެ. އެއީ ބައިވަރު ސަބަބުތަކަކަށްޓަކައެވެ. އޭގެ ތެރޭގައި އަންނަނިވި ސަބަބުތައްވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ޙަޔާތުގައިވެސް އަދި އަވަހާރަވުމަށްފަހުވެސް ޙައްޤުބަހެއް ފިޔަވައި ޙަދީޘެއް ނުކުރައްވާނެއެވެ. ތިރީގައި ބަޔާންވެގެންވާ ފަދައިން، މިވަޞިއްޔަތަކީ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތާ ޚިލާފު ވަޞިއްޔަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހުވަފެނުގައި ފެނިދާނެއެވެ. އެކަލޭގެފާނުގެ ޞޫރާގައި ހުވަފެނުގައި ފެނިއްޖެނަމަ ފަހެ އެމީހަކަށް އެކަލޭގެފާނު ފެނިއްޖެއެވެ. އެހެނީ ޞައްޙަ ޙަދީޘްތަކުގައި ވާފަދައިން ޝައިޠާނާއަށް އެކަލޭގެފާނުގެ ސިފާގައި ފާޅުނުވެވޭ ހުއްޓެވެ. ނަމަވެސް މިހުރިހާ ކަމެއް ބިނާވެފައިވަނީ ފެނުނު މީހާގެ އީމާންތެރިކަމަށާއި، ތެދުވެރިކަމަށާއި، ޢަދުލުވެރިކަމަށާއި، ހަނދާންހުރުމާއި، ދީންވެރިކަމަށާއި، އަމާނާތްތެރިކަމަށެވެ.

 އަދި ހަމަޔަޤީނުންވެސް އެމީހަކަށް އެފެނުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ޞޫރައިގައިތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނަވައި ޙަދީޘްކުރެއްވިކަމަށްބުނާ ޙަދީޘެއް އިތުބާރުކުރެވޭ ރާވީންގެ ކިބައިން ރިވާވެފައި ނުވާނަމަ އެއީ އިޢްތިމާދުކުރެވޭނެ ޙަދީޘެއް ނޫނެވެ. އަދި އެއީ ޙުއްޖަތެއްވެސް ނޫނެވެ. ނުވަތަ އިތުބާރުކުރެވޭ ރާވީންތަކެއް، އެއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ ރާވީންގެ ކިބައިން އައިސްފައިވާ ޙަދީޘަކާ ޚިލާފުވާކަމުގައިވެފައި، އެދެޙަދީޘްގެ ތެރެއިން ހަދީޘެއް ނަސްޚުވެފައިވާތީވެ، ޖަމްޢުނުކުރެވިއްޖެނަމަ، މަންސޫޚަވި ޙަދީޘަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އަދި ނާސިޚު ޙަދީޘަށް އެއިގެ ޝަރުޠުތަކާއެކު ޢަމަލުކުރެވޭނެއެވެ. 

ނަމަވެސް މިޤަވާޢިދާ ޚިލާފުވެ، ދެޙަދީޘް ޖަމާނުކުރެވިއްޖެނަމަ، ވާޖިބުވެގެންވަނީ ދަސްކުރުމުގެ ބާރުދަށް، އަދި ޢަދުލުވެރިކަން ދަށް ރާވީންގެ ކިބައިން އައިސްފައިވާ ޙަދީޘް ދޫކޮށްލުމެވެ. އެފަދަ ޙަދީޘެއްގެ ޙުކުމަކީ ޝާޛު ޙަދީޘެއްގެ ޙުކުމެވެ. އެޙަދީޘަކަށް ޢަމަލެއް ނުކުރެވޭނެއެވެ. ކަންމިހެންހުރިއިރު ޢަދުލުވެރިކަމެއް، އަދި އަމާނާތްތެރިކަމެއް ނޭނގޭ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ވަޞިއްޔަތެއް ގެނެސްފިނަމަ ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

 މިފަދަ ވަޞިއްޔަތެއްގައި ޝަރީޢަތާ ޚިލާފުވާހަކައެއް ނެތްނަމަވެސް، މިފަދަ ޙާލަތެއްގައި ޖެހޭނީ އެވަޞިއްޔަތެއް ދޫކޮށްލައި، އެއަށް ސަމާލުކަންނުދިނުމެވެ. ވީއިރު، ވަޞިއްޔަތެއްގައިވާ ވާހަކަތަކެއް ބާޠިލުކޮށްލާނެ އެތައް ޙުއްޖަތްތަކެއްހުރެފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގު ހަދައިފައިވާ، އަދި ﷲ ހުއްދަނުކުރައްވާ ވާހަކަތަކެއް ހުރި ވަޞިއްޔަތެއް ވާނީ ކިހިނަކުންތޯއެވެ؟

އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

مَنْ قَالَ عَليَّ مَا لَمْ أَقُلْ فَلْيَتَبَوَّأ مَقْعَدَهُ مِنَ النَّارِ
މާނައީ: "ތިމަންކަލޭގެފާނު ވިދާޅުނުވާ ބަސްފުޅެއް ތިމަންކަލޭގެފާނުގެ މައްޗަށް ބުނެއްޖެމީހާ، ފަހެ ނަރަކައިން އޭނާގެ ޖަގަހަ ހޯދާހުށިކަމެވެ." (މިހާހިސާބަށް ޝެއިޚުގެ ޖަވާބު ކުރުގޮތަކަށް ނިމުނީއެވެ.)

މިއީ މިވަޞިއްޔަތާބެހޭގޮތުން އެންމެ ޢިލްމުވެރިޔަކު ދެއްވަވާ ފައިވާ ރައްދެކެވެ. މިނޫން އެހެން ޢިލްމުވެރިންވެސް މިވަޞިއްޔަތައް ރައްދު ދެއްވާފައިވެއެވެ. ދިގުވެދާނެކަމަށް މިހައިވަރުން ފުއްދައިލީމެވެ.

ކޮންމެއަކަސް، މިއީ މިފަދަ އެންމެ މިސާލެކެވެ. މިފަދަ އެތައް މެސެޖުތަކަކާއި، ދުޢާތަކެއް ވަނީ މީސްތަކުންގެ މެދުގައި ފެތުރިފައެވެ. އިސްލާމްދީން ބާވާލެއްވި ޢާލަމްތަކުގެ ވެރިއިލާހު ވަނީ އެދީން ފުރިހަމަކުރައްވާފައެވެ. އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ހެޔޮކަމެއް އޮތްނަމަ އެކަން އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ.
 އުއްމަތަށް އެކަލޭގެފާނު ދައްކަވައި ދެއްވާފައިވަނީ ސާފުސީދާ ކަސިޔާރުކަމެއް ނެތް މަގެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا އަލް މާއިދާ: 3
މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."

އަދި ޢިރުބާޟް ބިން ސާރިޔާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
قَدْ تَرَكْتُكُمْ عَلَى الْبَيْضَاء، لَيْلُهَا كَنَهَارِهَا لاَ يَزِيْغُ عَنْهَا بَعْدِي إِلاَّ هَالِك (رواه ابن ماجه – السلسلة الأحاديث الصحيحة)
މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުން ދޫކުރައްވާފައިވަނީ ސާފުސީދާ ތެދުމަގެއްގައެވެ. އެމަގުގެ ރޭގަނޑު ދުވާލުފަދައެވެ. ތިމަންކަލޭގެފާނަށްފަހު ހަލާކުވެއްޖެމީހަކުމެނުވީ އެމަގުން އެއްކިބާނުވާނެއެވެ."

ހަމައެފަދައިން، ގިނަގުނަވެގެންވާ ޛިކުރުތަކަކާއި، ދުޢާތަކަކާއި، ވަޞިއްޔަތްތަކެއް އެކަލޭގެފާނުގެ ކިބައިން ޞައްޙަ ރިވާޔަތްތަކުން ވަނީ އަޅުގަނޑުމެނާ ހަމައަށް ފޯރާފައެވެ. އެޛިކުރުތަކާއި، ދުޢާތަކުގެ މަތިވެރިކަމާގުޅޭގޮތުން އައިސްފައިވާ ޙަދީޘްތަކަކީ އިތުރު މިސާލަކަށް ބޭނުންނުވާނެ، ހެޔޮކަމަށް ދަހިވެތިވެފައިވާ މީހަކަށް ފުދިގެންވާނެ ޙަދީޘްތަކެކެވެ.

 ވުމާއިއެކު، އިތުބާރުނުކުރެވޭ، ޙަޤީޤަތެއްނެތް ތަކެތި އެހެން މީހަކަށް ދިނުމުގެ ކުރިން، ނުވަތަ އެފަދަ އެއްޗެއް ކިޔުމުގެ ކުރިން، ޢިލްމު ލިބިފައިވާ އިތުބާރުކުރެވޭ މީހެއްގެ ފަރާތުން އެފަދަ ތަކެތީގެ ޙަޤީޤަތް ހޯދުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށާއި، ތިބާއަށް ހިދާޔަތް ދައްކަވާށި!

والله تعالى أعلم وأحكم، وصلى الله وسلم وبارك على عبده ورسوله محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين، والحمد لله ربّ العالمين.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons