Monday, November 10, 2014

މިފަދަ ނިމުމެއް ﷲ ތަބާރަކަ ވަތަޢާލާ މިންވަރުކުރައްވާށިއެވެ


މިޙާދިޘާހިނގީ މީގެ އަހަރުތަކެއްކުރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ކަމުގައިވާ ރިޔާޟުގައެވެ. ޢާއިލާއެއްގައި ހުރި ގާތްގަނޑަކަށް އުމުރުން 15 އަހަރަށް އަޅާފައިވާ އަންހެންކުއްޖެކެވެ. ކިޔަވަމުންދިޔައީ ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާއެއްގައެވެ. އެމަދަރުސާގެ ތިންވަނަ ގުރޭޑުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުން 28 ފޮތް މި ކުޑަ ކުޑަ އުޚުތާ ދަސްކޮށްފައިވެއެވެ. އޭރު މިކުޑަކުޑަ އުޚުތާ ކިޔަވަމުންދިޔައީ ދެވަނަ ސެމެސްޓަރގައެވެ. އަދި ރޯދަމަސްކަމުން ބުރަކޮށް މަސައްކަތްކުރަމުން ދިޔައީ އެއަހަރު ޤުރުއާން ހިތުދަސްކޮށް ނިންމާލުމަށެވެ.



ރޯދަމަހުގެ ދުވަސްތަކުގެ ތެރޭން އެއްދުވަހެއްގެ އަޞުރު ނަމާދުގެ ފަހުގެ ވަޤުތެކެވެ. މިކުޑަކުޑަ އުޚުތާ ދިޔައީ ޤުރުއާނުން ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރަމުންނެވެ.

މިހެން ދަސްކުރަން އިންދާ މިކުޑަކުޑަ އުޚުތާގެ ދައްތަ އައިސް މަންމަ ގޮވާލާ ކަމަށް ބުންޏެވެ.

މިއުޚުތާ ޖަވާބު ދިނެވެ. ” އަހަރެންނަށް ފަސްމިނެޓް ދޭށެވެ. އަހަރެން މިތަން ކިޔަވާލާފައި މަންމަގެ ގާތަށް އެބަދަމެވެ.” އަދި މިކުޑަކުޑަ އުޚުތާގެ ދައްތަ އެނބުރި ހިނގައްޖެއެވެ.

އޭރު މިކުޑަކުޑަ ޞާލިޙު އުޚުތާ ކިޔަވަމުންދިޔައީ ޙައްޖު ސޫރަތެވެ.

އަދި ތިލާވަތުގެ ސަޖިދައާއި ޖެހުމުން ސަޖިދައަށް ހިނގައްޖެއެވެ. ދެންވީ ކިހިނެއްކަން ދެނެހުރީމުތޯއެވެ؟


އެއީ މިކުޑަ ކުޑަ އުޚުތާގެ ފަހު ސަޖިދައެވެ. މިކުޑަ ކުޑަ އުޚުތާ މަރުވެގެން އެދިޔައީ ކޮންފަރާތަކަށް ސަޖިދައަށް އޮއްވާ ހެއްޔެވެ؟ މިކުޑަކުޑަ ހެޔޮލަފާ އުޚުތާގެ ފަހުނޭވާއާ އެބައްދަލުކުރީ ކޮންފަރާތަކަށް ރޯދައަށް ހުއްޓާހެއްޔެވެ؟ މިކުޑަ ކުޑަ ލޮބުވެތި އުޚުތާ ނިމިގެން އެދިޔައީ ކޮންފަރާތަކަށް އެދިގެން ޤުރުއާން ކިޔަވަނިކޮށް ހެއްޔެވެ؟ ﷲ އަށްޓަކައެވެ. ﷲ ގެ ބަސްފުޅު ކިޔަވަނިކޮށެވެ.


އަޅުގަނޑުމެން މަރުވާނީ ކޮންފަދަ ކޮންފަދައަކުން ކޮންހާލަތެއްގައި ތިއްބާކަމާމެދު އެންމެ ފަހަރަކު ވެސް ވިސްނާލީމުތޯއެވެ؟ އަޅުގަނޑުމެންގެ މަރުވާނީ ކޮންފާފައެއްގެ ޣަރަޤުވެފައި ތިއްބާ ކަމާމެދު ވިސްނާލީމުތޯއެވެ؟ އޭފާފައިގެ އަހުލުވެރިންނޭވެ. ތައުބާގެ ދޮރު މަރު ހާޒިރުވުމުގެ ކުރީގައި ވަނީ ހުޅުވިފައެވެ. އަވަސްވެގަންނާށެވެ. ﷲ މުސްތަޢާން.


ނިކަން ވިސްނާލާށެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަމެއްކުރަނިކޮށް މަރުވެގެންދާ މީހަކާއި ރޯދައަށް ހުރެ އެއިލާހަށް ސަޖިދަކުރާ ހާލު އެއިލާހުގެ ފޮތްކިޔަވަމުންދަނިކޮށް މަރުވާ މީހަކާއި އެއްވަރުވާނެ ހެއްޔެވެ؟

އަޅުގަނޑުމެންގެ މަރަށް ތައްޔާރުވެއްޖައީމުތޯއެވެ؟ މަރާމެދުގައި އެންމެފަހަރަކުވެސް ފިކުރު ކޮށްލެވުނުތޯއެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވާފައިވެއެވެ.

“مَنْ مَاتَ عَلَى شَيءِ بَعَثَهُ اللهُ عَلَيْهِ” (السلسلة الصحيحة للشيخ الألباني)

މާނައީ: އެމީހަކު އެކަމެއްގެ މައްޗެއްގައި މަރުވިކަމެއްގެ މައްޗަށް އެމީހަކު ފޮނުވޭ ހުއްޓެވެ.” މިހަދީޘްގެ ޝަރަޙައެއްކަމަށް އިމާމު އަލްމަނާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އެމީހަކު މަރުވާހުށީ އެމީހަކުކޮށްއުޅުނު ކަމެއްގެ މައްޗަށެވެ.”

ވީމާ އަޅުގަނޑުމެން ދުޢާކުރަންވީ ހެޔޮވެގެންވާ ނިމުމެއް ދެއްވައި ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ހާލު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި މަގަށް ތަބާވާ ބަޔެއްކަމުގައިވާ ހާލު އަޅުގަނޑުމެންގެ މަރު ގެންދެވުމެވެ. އަދި މަތިވެރިގެންވާ ސުވަރުގެތައް އަޅުގަނޑުމެންނަށް ދެއްވުމެވެ. އަދި ފާފަކުރާ ހާލުގައިވަނިކޮށް އަޅުގަނޑުމެންގެ މަރުނުގެންދެވުމެވެ. އާމީން.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons