އިސްލާމީ ޝަރީޢަތުގައި ޢުޤޫބާތާއިބެހޭ ބާބުގައި ޖަރީމާތައް ބެހިގެންދަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ މާތް ﷲ ގެ ޙައްޤަކަށް އަރައިގަތުމުން ދެވޭ ޢުޤޫބާތެވެ. މިބަޔަށް ޖަމާޢަތުގެ ޙައްޤޭ ނުވަތަ މުޖްތަމަޢުގެ ޙައްޤޭވެސް ކިޔެއެވެ. އަނެއް ބަޔަކީ ފަރުދީ ޙައްޤުތަކެވެ.
ޙައްދުތަކުގެ ތަޢުރީފުގައި ފިޤުހު ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދައިންނެވެ. "އެއީ މާތް ﷲ ގެ ޙައްޤަކަށްޓަކައި ވާޖިބު ޢުޤޫބާތެކެވެ." މި ސަބަބަށްޓަކައި ޙައްދުގެ ޢުޤޫބާތް ސާބިތުވެއްޖެނަމަ ޙުކުމް ކުރެއްވި ފަނޑިޔާރު ކަމުގައިވިޔަސް، ނުވަތަ އެ ދައުލަތެއްގެ ވެރިޔާ ކަމުގައިވިޔަސް އެ ޙުކުމަކަށް ދެން މަޢާފެއް ނުދެވޭނެއެވެ.
ނަމަވެސް ޙައްދުގެ ޖަރީމާތަކުގައި، ޙާކިމާ ނުވަތަ ފަނޑިޔާރާއި ހަމައަށް މައްސަލަ ދިޔުމުގެ ކުރީގައި މަޢާފު ކުރުމަށް ދީނުގައި ބާރު އަޅުއްވައެވެ. ނަމަވެސް ޙާކިމާއާއި ހަމައަށް މައްސަލަ ހުށަހެޅުމަށް ފަހުގައި ދެން މާޢާފު ކުރެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ.
عَنْ صَفْوَانَ بْنِ أُمَيَّةَ قَالَ كُنْتُ نَائِمًا فِى الْمَسْجِدِ عَلَى خَمِيصَةٍ لِى ثَمَنُ ثَلاَثِينَ دِرْهَمًا فَجَاءَ رَجُلٌ فَاخْتَلَسَهَا مِنِّى فَأُخِذَ الرَّجُلُ فَأُتِىَ بِهِ رَسُولُ اللَّهِ -صلى الله عليه وسلم- فَأَمَرَ بِهِ لِيُقْطَعَ. قَالَ فَأَتَيْتُهُ فَقُلْتُ أَنَقْطَعُهُ مِنْ أَجْلِ ثَلاَثِينَ دِرْهَمًا أَنَا أَبِيعُهُ وَأُنْسِئُهُ ثَمَنَهَا قَالَ « فَهَلاَّ كَانَ هَذَا قَبْلَ أَنْ تَأْتِيَنِى بِهِ » أخرجه أبو داود
މާނައި: ޞަފްވާނު ބުނު އުމައްޔާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މަސްޖިދުއްނަބަވީގައި، ތިރީސް ދިރުހަމުގެ (ރިހި ފައިސާ ފޮތީގެ) އަގުހުރި ރިދާކޮޅަކާއިގެން އޮންނަވަނިކޮށް މީހަކު އައިސް އެ ރިދާކޮޅު ޖަހައިގަނެގެން ވަގަށް ނަގައިގެން ދިޔައެވެ. ދެން އެމީހާ ހިފާ ހައްޔަރު ކޮށްގެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެނެވުނެވެ. އެހިނދު އެ ވަގުކަލޭގެ އަތް ބުރިކުރުމަށް އަމުރު ކުރެވުނެވެ.
ދެން ތިމަންކަލޭގެފާނު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް ދެންނެވީމެވެ. "ތިރީސް ދިރުހަމާއިހުރެ އަތް ބުރިކުރެވެނީ ތޯއެވެ؟ ތިމަންނާ އޭނާއަށް އެ ފޮތިގަނޑު ވިއްކައިފާނަމެވެ. އަދި އޭގެ އަގު ބައިބަޔަށް ދައްކަން އެއްބަސްވެދާނަމެވެ." ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހަށް (ވަގުކަލޭގެ ގޮވައިގެން) އައުމުގެ ކުރީގައި ތިޔަގޮތަށް ކަންތައް ކުރެއްވިނަމައެވެ." އެބަހީ: ޙާކިމާއާއި ހަމައިން ޙުކުމް ކުރުމަށް އަމުރު ކުރުމުން ދެން މަޢާފު ނުދެވޭނެއެވެ.
ހަމައެފަދައިން، ޢުޤޫބާތް ތަންފީޛު ކުރުމަށް ކަނޑައެޅިފައިވާ މީހަކަށް މަޢާފު ދިނުމަށްއެދި އިތުރު އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ ބޭބޭކަލުން ވަޑައިގެން އެވާހަކަ ދެއްކެވުމުން އެކަމާ ކޯފާ އިސްކުރައްވާ ޙަދީޘްކުރެއްވިކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ. « إِنَّمَا هَلَكَ الَّذِينَ مِنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا » متفق عليه މާނައި: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައް ހަލާކުވެގެން ދިޔައީ (މިފަދައިން ކަންތައް ކުރުމުންނެވެ.)
އެމީހުންގެ ތެރެއިން ޢިއްޒަތްތެރިއަކު ވައްކަން ކުރުމުން އޭނާއަށް ޢުޤޫބާތްނުދީ ދޫކޮށްލައެވެ. އަދި ނިކަމެއްޗަކު ވައްކަން ކުރުމުން އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރެއެވެ. މާތް ﷲ ގަންދީ ހުވާކޮށް ބުނަމެވެ. މުޙައްމަދުގެފާނުގެ ދަރިކަބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިޔަސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާ ހުށީމެވެ."
މިޙަދީޘްފުޅުންނާއި އަދިވެސް މިނޫން ޙަދީޘްފުޅުތަކުންވެސް އެނގޭ ގޮތުގައި ޤާޟީއާއި ހަމައަށް ޙައްދުގެ މައްސަލައެއް ދިއުމުން މަޢާފު ކުރެވޭނޭ ހަމައެކަކުވެސް ނުވެއެވެ.
އައްޝައިޚް ޙަސަން މޫސާ ފިކްރީ
-
0 comments:
Post a Comment