Sunday, May 19, 2013

ރައްޔިތުން މަޖްލީހުގެ މެންބަރުންނަށް ފޮނުވި ސިޓީ


ރައްޔިތުން މަޖްލީހުގެ މެންބަރުންނަށް ފޮނުވި ސިޓީ


ކަރަންކާގެ
ށ ފޯކައިދޫ


—— ދާއިރާގެ ޢިތްޒަތްތެރި މެންބަރު އަލްފާޟިލް ——–
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މިސިޓީ ލިޔަންޖެހުނު ސަބަބަކީ މިހާރަކަށް އައިސް ބައެއް ވެރިންނާއި ޤާޟީންނާއި މުޙާމީންނާއި ޤާނޫނީ މީހުންނާއި، ޤާނޫނު ހަދާމީހުނާއި،އަދި ޢާންމުންކަމުގައިވިޔަސް އެބައިމީހުންގެ ތެރޭގައި ޙުކުމް ކުރެވޭ ނުވަތަ ފައިސަލާކުރެވޭ މަގަކީ މާތް ﷲ ބާވައިލެއްވި ގޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި ޚިލާފަށް ކަމުގައިވުމެވެ.

 އަދި ކޮންމެކަމެއްގައިމެ މާތް ﷲ ބާވައިލެއްވިގޮތަށް ޢަމަލުކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއްކަމުގައި ވީހިނދުވެސް އެކަމަކީ މާބޮޑުކަމެއްކަމުގައި މިއަދު ބައެއް މީހުން ނުދެކުމެވެ. ކަން މިހެން ހުރިއިރު ނަޞީޙަތުގެ ގޮތުން އަޅުގަނޑުގެ ޝަރުޢީ ޛިންމާ އަދާކުރުމަށް މިފަދަ ކަމެއްކުރުން ލާޒިމުކަމުގައި ދެކެ މިސިޓީ ލިޔުނީއެވެ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ ޒިންމާ އަދާކުރިންކަމުގައި ދެންނެވުމުގެ ޙުއްޖަތެއްގެ ގޮތުންނެވެ.

 އަދި ނަޞީޙަތަކީ މުއުމިނުން އެކަކު އަނެކަކަށް ދޭންޖެހޭ އެއްޗެއްކަމުގައިވެ،އެނަޞީޙަތުން މުއުމިނުންނަށް ފައިދާ ކުރާނެ ކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާތީއެވެ.

     އަޅުގަނޑު ބެލިބެލުމުން ބައެއްމީހުން ﷲ ގެ ޝަރީޢަތުން އެއްކިބާވެ ފައިސަލާކުރުމާއި،ޤާނޫނުތައް ހަދަމުންދާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

1-     މާތް ﷲ ގެ ޝަރީޢަތާއި ޚިލާފަށް ކަންކަން ކަނޑައެޅުމުގެ ޙުކުމް ނޭނގުމާއި މާތް ﷲ ގެޙުކުމްފުޅާ ޚިލާފުވެވޭ ގޮތަކީ ކޮބައިކަން އެނގިފައި ނުވުން.
2-    މާތް ﷲ ބާވައިލެއްގޮތާ ޖަދަލުކޮށް އިންކާރުކުރުމުގެ ގޮތުން.
3-    އަމިއްލައަށް ﷲ ގެ ޝަރީޢަތުން އެއްފަރާތްވެ ހަދާ ޤާނޫނުތަކާއި ޤަވާޢިދުތައް ޝަރީޢަތަށްވުރެ މިޒަމާނުގެ ޙާލަތަށް މާބޮޑަށް ފެތޭކަމަށް ދެކުން.
4-     އެޙުކުމްތަކުން އެއްކިބާވެ އަމިއްލައަށް ގޮތެއްކަނޑައެޅުން އެއީ ދީނީގޮތުން މައްސަލައެއް ނޫންކަމުގައި ދެކުން.
5-     މީސްތަކުންގެ ތޭރޭގައި ޙުކުމް ކުރެވެންޖެހޭނީ އެބައިމީހުންގެ ތެރެއިން ގިނަމީހުން ތާއީދުކުރާގޮތް ބަލައިގެންކަމުގައި ދެކުން.
6-     ޣައިރު މުސްލިމުންގެ ނުރުހުންތެރިކަން އައިސް ތިމާމެންގެ ރިޒްޤު ބަންދުވެ ދަތި އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުހީވުން.
7-     ތިމާމެންނަކީ ޙައްދުފަހަނައަޅާފައިވާ ނާތަހުޒީބީ ބައެއްކަމުގައި ލޭބަލްކުރެވިދާނެއަތީ.
8-    ޝަރީޢަތުގެ ޙުކުމްތަކަށް ތާއީދުކޮށް،ވަކާލާތުކުރުމަކީ މީހާގެ ނާތަހުޛީބުކަމާއި ކަޓުކަންކަމުގައި “ތަހުޛީބު”މީހުން ދެކި ، ތިމާއަކީ އެމީހުން ކުރިމަތީގައި ދަށްމީހަކަށް ވެދާނެތީ.

އަޅުގަނޑު އުއްމީދުކުރަނީ މިނަޞީޙަތަކީ އޭގެސަބަބުން ކަމުގެ ޙުކުމް އެނގިފައިނުވާ މީހަކަށް އެކަމުގެ ޙުކުމް އަންގައިދޭ އަދި ޣާފިލުވެ ހަނދާން ނެތިފައިވާ މީހަކަށް ހަނދާންކޮށްދޭ އެއްޗެއްކަމުގައި ވުމެވެ. އަދި މި ނަޞީޙަތަކީ ﷲ ގެ އަޅުތަކުން ސީދާވެގެންވާ ތެދުމަގުގައި ސާބިތުވެ ހިނގުމުގެ ސަބަބެއްކަމުގައި ވުމެވެ. އެއީ މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

وَذَكِّرْ فَإِنَّ الذِّكْرَى تَنْفَعُ الْمُؤْمِنِينَ (الذاريات: 55) މާނައީ ” ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمنންނަށް މަންފާކުރާނޭ ކަމެކެވެ.”

     މާތް ﷲ ވަޙީކުރެއްވިއެވެ. وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ (آل عمران : 187) މާނައީ ” ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهدއަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيانކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهدއެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުގެ މިޢަމަލުގައި ބަރަކާތްލައްވައި، އިޚްލާޞްތެރިކަން މިންވަރުކޮށްދެއްވުމެވެ. އަދި އެންމެހާ މުސްލިމުތަކުންނަށް މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމް ފުޅަށް ޙުކުމް ކުރުމުގެ ހެޔޮތައުފީޤުދެއްވުމެވެ.

އިސްލާމްދީނުގެ ސަބަބުން މާތް ﷲ ޢިތްޒަތާއި ޝަރަފު ދެއްވާފައިވާ ލޮބުވެތި މެންބަރުން!

އަޅުގަނޑުމެން އެންމެންނީ މާތް ﷲ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާފައިވާ އެކަލާނގެ އަޅުންކަން މިއީ އެއްވެސް ބޭފުޅަކު ދެކޮޅުހައްދަވާނެކަމެއް ނޫނެވެ. އަދި އެކަލާނގެ އަޅުގަނޑުމެން ދުނިޔޭގައި ވުޖޫދުކުރެއްވުމުގެ މަޤުޞަދަކީވެސް އެކަލާނގެ އެއްކައުވަންތަކަމަށް،ހެކިވެ އެކަލާނގެ އެންގެވިގޮތަށް ދުނިޔޭގެ ޙަޔާތް ވެއިތުކުރުން ކަމުގައި،ތިޔަ އެންމެހާ ބޭފުޅުން ޤަބޫލުކުރާނެކަމީ އަޅުގަނޑު ޝައްކު ކުރާކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات :56)  ” މާނައީ ” ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. “

އިސްވެދިޔަ އާޔަތުން އެނގި ސާފުވެ ބަޔާންވަނީ މާތް ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް އަޅުކަން ކުރަންކަމެވެ. އަދި މާތް ﷲ އާއި އެއްވެސް މާނައެއްގައި އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ އެކަލާނގެ އެންމެ ބޮޑަށް ޙަރާމްކުރައްވާގައި ޢަމަލުކަމެވެ. އަދި އެއީ އަޅުތަކުން އުފެއްދެވި މަޤުޞަދާ މުޅިން ފުށުއަރާ ޢަމަލެއްކަމެވެ.

އަޅުކަމުގެ މަފްހޫމް:
މާތް ﷲ އަޅުގަނޑުމެން އުފެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްކަން އަޅުގަނޑުމެން ޤަބޫލުކުރާއިރު އަޅުކަމުގެ މާނައަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. އަޅުކަމުގެ މާނައިގައި شيخ الإسلام ابن تَيْمِية رحمه الله  ވިދާޅުވެފައިވެއެވެ. އެއީ ” އެތެރެފުށުގެ ޢަމަލެއްކަމުގައިވިޔަސް އަދި ބޭރުފުށުގެ ޢަމަލެއްކަމުގައިވިޔަސް އެކަމަކަށް މާތް ﷲ ގެ ލޯބިވެވޮޑިގަތުމާއި ރުއްސެވުން ހުރި ކޮންމެ ޢަމަލަކާއި ކޮންމެ ބަހަކަށްކިޔާ ނަމެކެވެ.”

އިސްވެދިޔަ ތަޢާރަފުން އެނގިސާފުވެ ބަޔާންވަނީ އަޅުކަމަކީ އިންސާނާގެ ހިތުން ޤަބޫލުކުރާ ޢަޤީދާއާއި ގުންނަންތަކުން ކުރާ އެންމެހާ ޢަމަލުތަކާއި ބޭރުކުރާ އެންމެހާ ބަސްތަކާއި މިހުރިހާކަމެއް މާތް ﷲ އެންގެވި ގޮތުގެ މަތީގައި ބެހެއްޓުންކަމެވެ. ވީމާ މާތް ﷲ އަށް އަޅުކަންކުރުމުގެ މާނައަކީ އިސްވެދެންނެވި ހުރިހާކަމެއް މާތް ﷲ ގެ އަމުރުފުޅުތަކާއި ނަހީގެ މައްޗަށް ބިނާކުރުމެވެ.

 އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުވެ ރައްކާތެރިވުމެވެ. މާތް ﷲ ގެ ޙަޟްރަތުންދަރުމަޔާއި ޘަވާބަށް އެދޭ ޙާލުގައެވެ. ވީމާ އިންސާނާގެ މުޅިޙަޔާތް ޤާއިމުވެފައި އޮންނަން ޖެހޭނީ ﷲ ގެ ޝަރީޢަތުގެ މަތީގައެވެ. ތިމާގެ ނަފްސުގެ އެދުންތަކުން އެއްކިބާވެ، އެ ޝަރީޢަތުގައިވާ ޙަލާލުކަންކަން އެއީ ޙަލާލުކަމުގައި ޤަބޫލުކޮށް ޙަރާމްކުރެވިފައިވާ އެންމެހާ ކަންކަން އެއީ ޙަރާމްކަންކަންކަމުގައި ދެކިގެންނެވެ. މިކަމުގައި އިންސާނާގެ ހިތުގައި އެއްވެސް ކުރަކިކަމެއް،ނުރުހުންތެރިކަމެއް ހުރެގެން ނުވާނެއެވެ. މިކަމުގައި ފަރުދުންނާއި މުސްލިމު ޖަމާޢަތާއި ފިރިހެނުންނާއި އަންހެނުން ހަމަހަމަވެގެންވެއެވެ.

އިންސާނާ އޭނާގެ ޙަޔާތުގެ ބައެއްކަންކަމުގައި ﷲ އެންގެވިގޮތަށް ކިޔަމަންތެރިވެ އަނެއްބައި ކަންކަމުގައި ﷲ ގެ އެންގެވުމާ ޚިލާފަށް އެކަލާނގެ މަޚުލޫޤުންނަށް ކިޔަމަންތެރިވާމީހާ އެއީ ﷲ އަށް އަޅުވެތިވާ އަދި ﷲ އަށް ކިޔަމަންތެރިވާ ފަރާތެއްކަމުގައި ނުވާނެއެވެ.  މި މާނަ އަންނަނިވި އާޔަތުގައި މާތްﷲ ވަނީ ތައުކީދު ކުރައްވާފައެވެ.

 މާތް ﷲ ވަޙީކުރެއްވިއެވެ. فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ( النساء :65)  މާނައީ ” އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكمވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمانއެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ. ”

އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ.” أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ (المائدة :50 ) ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ “

ވީމާ މާތް ﷲ އަށް ފުރިހަމައަށް އީމާންވެ އެކަލާނގެ ޙުކުމްފުޅަށް ހުރިހާ ޙާލަތެއްގައިވެސް ރުހި ކިޔަމަންތެރިވެ ތިމާގެ ޙަޔާތުގެ ހުރިހާކަމެއްގައިމެ، އެއީ ތިމާގެ ފުރާނަޔާއި ގުޅުންހުރި މައްސަލައެއްކަމުގައިވިޔަސް ، ނުވަތަ  މުދަލާއި ގުޅުންހުރި މައްސަލައެއްކަމުގައިވިޔަސް، ނުވަތަ އަބުރާއި ގުޅުންހުރި މައްސަލައެއްކަމުގައި ވިޔަސް އަދި މިނޫން މައްސަލައެއްކަމުގައިވިޔަސް ހުރިހާ ޙާލަތެއްގައިވެސް މަތިވެރިވަންތަ ﷲ ގެ ޝަރީޢަތް އެއީ އޭގެމައްޗަށް ފައިސަލާކުރެވޭ ޙުކުމްކަމުގައި ރުހިއްޖައުމަށް ދާންދެން އެއްވެސްމީހަކު އީމާންވީކަމުގައި ނުވާނެތެވެ. އެހެން ނޫންކަމުގައިވާނަމަ އޭނާ އެއީ ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުވެތިވާމީހެކެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ.وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ( النحل : 36) މާނައީ “  ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّةއަކަށްމެ رسولއަކު ފޮނުއްވީމެވެ. އެއީ، اللَّهއަށް އަޅުކަންކުރުމަށާއި، ބުދުތަކާ(އެކަލާނގެފިޔަވައި އަޅުކަންކުރެވޭ އެންމެހާ ތަކެތީން) ދުރުހެލިވުމަށް އެންގެވުމަށެވެ.

އިސްވެދިޔަ އާޔަތުން އެނގި ސާފުވެ ބަޔާންވަނީ ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެ ޝަރީޢަތުގެމައްޗަށް ފައިސަލާކޮށްފި މީހާ އެއީ ﷲ އަށް އަޅުކަންކުރާމީހާކަމެވެ. އަދި ﷲ  ފިޔަވާ އެހެން ފަރާތަކަށް ކިޔަމަންތެރިވެ އެކަލާނގެ ބާވައިލެއްވި ޝަރީޢަތް ނޫން އެހެން އެއްޗަކަށް މައްސަލައިގައި ފައިސަލާކުރަން ރުހޭ މީހާ އެ އަޅުކަންކުރަނީ ޠޯޣޫތަށް (ޝައިޠޯނާއަށް)ކަމެވެ. 

 މާތް ﷲ ވަޙީކުރެއްވިއެވެ. أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا (النساء : 60) މާނައީ ” ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمانވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكمލިބިގަންނާން، މާތް ﷲ ފިޔަވާ ފައިސަލާކުރާ އެހެންފަރާތެއްގެ(ޠާޣޫތުގެ) ފައިސަލާއަށް ދިޔުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافرވުމަށް އެއުރެންނަށް أمرކުރައްވާފައިވާ حالގައެވެ. އަދި، شيطانއާ އެދެނީ،  (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.”
ޢިތްޒަތްތެރި މެމްބަރުން !

ހަމައެކަނި ﷲ އަށް އަޅުވެތިވެ،އެކަލާނގެއަށް ކިޔަމަންތެރިކަން ޚަލާޞްކޮށް، ޝައިޠޯނާއަށް  އަޅުވެތިނުވުމާއި ، ﷲ ތަޢާލާފިޔަވާ އަޅުކަންކުރެވޭ އެހެނިހެން ފަރާތްތަކުން ބަރީއަވުމާއި، އެކަލާނގެ ބާވައިލެއްވި ޝަރީޢަތުގެ މައްޗަށް ފައިސަލާކޮށް ޙުކުމްކުރުމަކީ ޝަހާދަތުގެ ދެކަލިމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކުރާކަމެކެވެ.
ފަހެ ﷲ ތަޢާލާ އެއީ އަޅުތަކުންގެ ވެރި ރަސްކަލާނގެއެވެ. އެއީ އަޅުކަން ޙައްޤުވާ ހަމައެކަނި ފަރާތެވެ. އެބައިމީހުން އުފެއްދެވީ މަތިވެރިވަންތަ ﷲ އެވެ. ވީމާ ކަންކަމަށް އެއިންސާނާއަށް އަމުރުކުރައްވާނީވެސް އެކަލާނގެއެވެ.

 އަދި ކަންކަން މަނާކުރައްވާނީވެސް އެކަލާނގެއެވެ. އެބައިމީހުން މަރުގަންނަވާނީވެސް ހަމަ އެކަލާނގެއެވެ. އަދި އެބައިމީހުންގެ ހިސާބުބައްލަވައި ޢަމަލުތަކުގެ ޖަޒާދެއްވާނީވެސް ހަމަ އެކަލާނގެއެވެ. އެކަލާނގެއީ އަޅުކަން ޙައްޤު ހަމައެކަނިފަރާތެވެ. އެނޫން ފަރާތަކަށް އަޅުކަންކުރުން ހުއްދަވެގެން ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ( الأعراف: 54) މާނައީ ” ދަންނާށެވެ! ހެއްދެވުމާއި أمرކުރެއްވުންވަނީ، އެކަލާނގެއަށް  خاصވެގެންނެވެ. عالمތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.”

ވީމާ އަމުރުކުރުން ޙައްޤުފަރާތަކީ ހުރިހާ ތަނަކާއި ހުރިހާ ކަމަކާއި  ހުރިހާ ތަކެއްޗެއްގެ މިލްކުވެރި ރަސްވަންތަ ރަސްކަލާނގެއެވެ. ޙަރާމް ކަންކަމާއި ޙަލާލުކަންކަން ކަނޑައެޅުމުގެޙައްޤު ލިބިގެންވާ ހަމައެކަނި ފަރާތަކީވެސް މަތިވެރިވަންތަ ﷲ އެވެ. އެނޫން އެއްވެސް ފަރާތަކަށް ކަންކަން ޙަރާމްކުރުމާއި ޙަލާލުކުރުމުގެ އިޛްނަ މާތް ﷲ ދެއްވާފައެއް ނުވެއެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވެސް އެއީ އެބޭކަލުން އަމިއްލަފުޅަށް ދައްކަވާ ވާހަކަތަކެއް ނޫނެވެ. 

 އަދި ކިއެއްތަ އެބޭކަލުން ޙަރާމްކަންކަމާއި ޙަލާލުކަންކަން އެބަޔާންކޮށްދެއްވަނީ މާތް ﷲ އެބޭކަލުންނަށް އަންގަވާގޮތުގެ މަތިންނެވެ. މާތް ﷲ އެކަލާނގެ ރަސޫލުބޭކަލުންގެ ދޫފުޅުމަތިން އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތްނޫން އެހެން ގޮތަކުން ނުވަތަ އެހެން ފަރާތަކަށް ކަންކަން ޙަރާމްކުރުމާއި ޙަލާލުކުރުމުގެ ބާރުލިބިފައިވާކަމަށް ޤަބޫލުކުރުމަކީ މާތް  ﷲ ފިޔަވާ އެފަރާތްތަކަށް އަޅުކަން ކުރުމެވެ.

 މާތް ﷲ ވަޙީކުރެއްވިއެވެ. اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ (التوبة : 31)  މާނައީ ” އެއުރެންގެ علمވެރިންނާއި، ފާދިރީންނާއި، مريمގެފާނުގެ ދަރިކަލުން المسيح  (عيسىގެފާނު) އަކީ، اللَّه ފިޔަވައި إلهން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ إلهއަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް أمرކުރައްވާފައި ނުވެތެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެތެވެ. އެއުރެން އެ شريكކުރާ ތަކެތިން، އެކަލާނގެ ހުސްطاهرވެ ވޮޑިގެންވެތެވެ.”

ވީމާﷲ ނޫންފަރާތަކަށް އަޅުކަންކުރުމަކީ ހަމައެކަނި އެފަރާތްތަކަށް ސަޖިދަޖަހައި، ތަކެތި ކަތިލައި ޤުރްބާންކުރުމެއް ނޫނެވެ. މާތް ﷲ ރުއްސުންލެއްވި ޢަދިއްޔުނިބް ހާޠިމް ކިބައިން ރިވާވެގެންވެއެވެ. ޢަދިއްޔު ބިން ޙާތިމް ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާގެ އަރިހަށް މަދީނާއަށް ވަޑައިގަތުމުން އިސްވެދިޔަ އާޔަތް އެކަލޭގެފާނު ކިޔަވާތީ އަޑުއިވި ވަޑައިގެން ދެންނެވިއެވެ.

އަހަރުމެން އެމީހުންނަކަށް އަޅުކަމެއް ނުކުރަމެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެމީހުން މާތް ﷲ  ޙަލާލުކުރެއްވިކަންކަން އެއީ ޙަރާމްކަންކަން ކަމުގައި ހެދުމުން އެގޮތް ތިޔަބައިމީހުން ޤަބޫލުކުރީމުނޫންހެއްޔެވެ؟ އަދި އެމީހުން މާތް  ﷲ ޙަރާމްކުރެއްވި ކަންކަން އެއީ ޙަލާލުކަންކަންކަމުގައި ހެދުމުން އެގޮތް ތިޔަބައިމީހުން ބަލައިގަތީމު ނޫންހެއްޔެވެ؟

  ޢަދިއްޔުބިން ޙާތިމް ދެންނެވިއެވެ. ތިކަން ތިޔަގޮތަށް އަހަރުމެން ކުރީމުއެވެ. ދެން ޙަދީޘްކުރެއްވިއެވެ. އެބައިމީހުންނަށް އަޅުކަން ކުރުމަކީ އެއީއެވެ. رواه أحمد والترمذي وحسنه )

މާތް ﷲ ގެ ޙުކުމްފުޅާ ޚިލާފަށް ގޮތް ކަނޑައެޅުމަކީ އީމާންކަމާ ފުށުއަރާކަމެއް:
މާތް ﷲ ބާވައިލެއްވިމަގުން ޙުކުމް ނުކުރާ މީހުން ކީރިތި ޤުރްއާނުގައި ބަޔާންވެފައިވާ ތިންބައިންގެ ތެރެއިން ކޮންމެވެސް އެއްބައެއްގައި ހިމެނޭނެއެވެ. އެއްގޮތަކީ މުރުތައްދުވެ ކާފަރުވުމެވެ. އަނެއްގޮތަކީ އެމީހަކީ އަނިޔާވެރިއެއްކަމުގައި ވުމެވެ. އަނެއްގޮތަކީ ފާސިޤެއްކަމުގައި ވުމެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ (المائدة :44) މާނައީ “  اللَّه ބާވައިލެއްވި حكمން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافرންނެވެ.

އެހެން އާޔަތެއްގައި ވެއެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ (المائدة : 45) އެ توراةގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاصގެ أصول) ކަނޑައެޅުއްވީމެވެ.
 ހަމަކަށަވަރުން، نفسއަކަށް نفسއެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخمތަކަކީ قصاصހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارةއެކެވެ.އަދި اللَّه ބާވައިލެއްވި حكمން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ.

އެހެން އާޔަތެއްގައި ވެއެވެ. وَلْيَحْكُمْ أَهْلُ الْإِنْجِيلِ بِمَا أَنْزَلَ اللَّهُ فِيهِ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ (المائدة:47) إنجيلގެ أهلވެރިން އެ إنجيلގައި اللَّه ބާވައިލައްވާފައިވާ حكمން حكمކުރާހުށިކަމެވެ! އަދި اللَّه ބާވައިލެއްވި حكمން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسقންނެވެ.

މާތް  ﷲ ގެ ޙުކުމްފުޅާ ޚިލާފުވުމަކީ ޖާހިލިއްޔަތަށް ޙުކުމްކުރުން، އަދި ﷲ ގެ ޙުކުމްފުޅުން މޫނުއަންބުރާލުމަކީ އަނިޔާވެރިންނަށް ނައިސްނުދާނޭ މާތް ﷲ ގެ ކޯފާއަށްހުށައެޅުމުގެސަބަބެއް.
މާތް ﷲ ވަޙީކުރެއްވިއެވެ. “ وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ (المائدة : 49) 

އަދި اللَّه ބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!

ފަހެ،    އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން،      اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން،އެއުރެންނަށް عقوباتދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަން ކަށަވަރެވެ.

أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ (لمائدة : 50)  ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقي
ކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟
އިސްވެދިޔަ އާޔަތްތަކަށް ވިސްނާ ފިކުރުކޮށްލުމުން މާތް ﷲ ޙުކުމްފުޅަށް ޙުކުމް ކުރެއްވުމަށް ކުރެއްވި އަމުރުފުޅު 8 ގޮތަކުން ތައުކީދުކުރައްވާފައިވާތަން ފެންނާނެއެވެ.
1-    އެކަމަށް ކުރެއްވި ސީދާ އަމުރުފުޅު: وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ “ މާނައީ: ”އަދި اللَّه ބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! “

2-    އެއްވެސް ޙާލެއްގައި މީސްތަކުންގެ ހަވާނަފުސުގެ އެދުންތައް އެއީ މާތް ﷲ ގެ ޙުކުމްފުޅަށް ޢަމަލުކުރުމުން އެއްކިބާކުރާ ކަމެއްކަމުގައި ނުހެދުމަށް އަންގަވާފައިވުން: وَلَا تَتَّبِعْ أَهْوَاءَهُمْ ” މާނައީ: ”އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! “
3-    މަދުކަންކަމާއި ގިނަކަންކަމާއި، ކުދިކަންކަމާއި ބޮޑެތިކަންކަމުގައިވެސް ﷲ ގެ ޝަރިޢަތުން އެއްކިބާވުމުން މާތް ﷲ އިންޒާރުދެއްފާފައިވުން: وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ ” މާނައީ: ”އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! “
4-    މާތް ﷲ ގެ ޙުކުމްފުޅުން އެއްކިބާވެ އެއިން އެއްވެސްކަމަކުން މޫނު އަނބުރާލުމަކީ ވޭންދެނިވި ޢުޤޫބާތް ޙައްޤުވާ ބޮޑުވެގެންވާ ފާފައެއްކަން: فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ  ” މާނައީ:  ”ފަހެ،    އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް
عقوباتދެއްވުމަށެވެ.”
5-    ގިނަމީހުންގެ ގޮތަށް ތަބާވެގެން އެޙުކުމްފުޅުން އެއްކިބާވުމުގެ ނުބައިކަން ބަޔާނުކުރައްވާފައިވުން. އެހެނީ އަޅުތަކުންކުރެ މާތް ﷲ އަށް ޝުކުރުކުރަނީ މަދުބައެއްކަން: وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ ” މާނައީ: “އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަން ކަށަވަރެވެ. “
6-    މާތް ﷲ ބާވައިލެއްވި ޙުކުމްފުޅުން އެއްކިބާވެ ކުރާ ޙުކުމަކީ ޖާހިލީ ޙުކުމެއްގެ ގޮތުގައި    ޞިފަކުރެވިފައިވުން:  أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ  މާނައީ:  ”ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟”
7-     މާތް ﷲ ގެ ޙުކުމްފުޅު އެއީ އެންމެ ޢަދުލުވެރި އެންމެ ރަނގަޅު އެންމެ ފުރިހަމަ ޙުކުމްފުޅުކަން ބަޔާންކުރެއްވުން: وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا  މާނައީ: ” اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟”
8-    މާތް ﷲ ގެ ޙުކުމްފުޅު އެއީ އެންމެ ފުރިހަމަ ޙުކުމްފުޅުކަން ޔަޤީންވުން ބިނާވެފައިވަނީ ތިމާއަށް އެޙުކުމްފުޅުތަކުގެ މަތިވެރިކަން އަންގައިދޭ ޢިލްމުގެމައްޗައްކަން: وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ ” މާނައީ: ”اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ އެއީ ޔަޤީންކުރާ ބަޔަކަށެވެ.”
އިސްވެދިޔަ މާނަތައް ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އަދި ސަލާމާއި ޞަވާތްލެއްވި ކީރިތި ރަސޫލާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން އިސްދެ ދެންނެވި މާނަތައް ތައުކީދުކުރައްވާފައިވެއެވެ.
އިސްވެ ދެންނެވި މާނަ ތައުކީދުކުރާ ބައެއް އާޔަތްތައް:
1-     فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ (النور:63) މާނައީ” ފަހެ، އެކަލޭގެފާނުގެ أمرފުޅާ خلافވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذابއެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!”
2-     فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء:65) މާނައީ” އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكمވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمانއެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”
3-    اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ(الأعراف :3) މާނައީ” ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبعވާށެވެ!”
4-    وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا (36) މާނައީ” އަދި اللَّهއާއި، އެކަލާނގެ رسولއާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”

އިސްވެދިޔަ ބަސްފުޅުތަކުން އެނގިފާޅުވަނީ ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމްފުޅުގެ މައްޗަށް އެއްވެސް މީހަކަށް ބަސްނުކިޔޭނެކަމެވެ. އެއީ ކޮންމެ މީހެއްގެ ބަސްކަމުގައިވީނަމަވެސް މެއެވެ.

ޢަބްދުﷲ ބުނު ޢައްބާސް رضي الله عنهما އެކަލޭގެފާނާ ޖަދަލުކުރި ބައެއް ބޭކަލުންނާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. ” މާތް ﷲ ގެ ރަސޫލާ صلى الله عليه وسلمޙަދީޘްކުރެއްވިޔޭ  އަހުރެން ބުނީމާ އޭގެ މައްޗަށް ” އެކަމަކު އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ވިދާޅުވީ މިވެނި ގޮތަކަށޭ، ތިޔަބައިމީހުން އެބަބުނަމުއެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލައިގެ ކޯފާއެއް  އަތުވެދާނެފަދަ ބޮޑުބަހެކެވެ.”
ޤާނޫނުހައްދަވާބޭފުޅުން ސަމާލުވާންޖެހޭ ބައެއް ނުކުތާތައް:
1- ކޮންމެ ކަމެއްގައިވެސް މާތް ﷲ ގެ ޝަރީޢަތާ އެއްގޮތަށް ގޮތް ކަނޑައެޅުން އެއީ ވާޖިބެއްކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމާއި މާތް ﷲ ޙުކުމްފުޅު އެއީ އަޅުތަކުންނަށް ހުރިހާ ޒަމާނެއްގައިވެސް އެންމެ މަޞްލަޙަތުހުރިގޮތްކަން ޔަޤީންކުރުން.

2-  އިންސާނުން އެމީހުން ނިސްބަތްވާ މަޖްލީސްތަކާއި ވުޒާރާތަކާއި  ސްކޫލު މަދަރުސާތަކާއި ކުލަބުތަކާއި އަދި މިނޫންވެސް ތަންތަނުގައި އަމަލުކުރެވޭނެ ޤަވާޢިދާއި ޤާނޫނުތައް އަމިއްލައަށް ހަދައި އޭގެމައްޗަށް ޢަމަލުކުރުން ލާޒިމުކޮށް އެއާ ޚިލާފުވާމީހަކަށްއަދަބުދީ ، އެ ޤާނޫނީ ނިޒާމާ ޚިލާފަށް ޢަމަލުކުރެވޭ ކޮންމެފަހަރަކު އެކަން ހަނދާންކޮށްދެވެމުންދާއިރު، މާތް ﷲ އުޑާއި ބިން އުފައްދަވައި ބިމުގައި އިންސާނާލެއްވީމާ،އިންސާނާ އެކަލާނގެ ބިމުގައި ހިތުހުރިހައި ގޮތަކަށް ޢަމަލުކުރަން ދޫކުރެވިފައި ނުވާނެކަން ދެނެހުރުން.

3- މާތް ﷲ ގެ ޙުކުމްފުޅަށް ޙުކުމްކުރާމީހުންނަކީ ޤިޔާމަތްދުވަހު ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ މީހެއްކަން ހަނދުމަކޮށް މާތް ﷲ ގެ ޙަޟުރަތުން މަތިވެރި ދަރަޖައަށް އެދުން. އަދި އެދުވަހުން ﷲ ގެ ހިޔާވަހިކަމުން ފައްސާލެވިއްޖެ މީހަކަށް ހިޔާވަހިކަން ދެވޭނެ އެއްވެސް ފަރާތެއް ނުވާނެކަން ދެނެހުރުން.

4-  ކޮންމެކަމެއްގައިވެސް ﷲ ގެ ދީނުގައި ކަން އޮތްގޮތް ބެލުން، އެހެނީ ކަންކަމުގެ ޙުކުމް ދީނުގައި އޮތްގޮތް ނުބަލާނަމަ އެކަންކަމުގައި ތިމާއަށް ދީނާ ޚިލާފަށް ވާހަކަދެއްކުނަސް ނޭނގޭނެއެވެ.

5- ﷲ ގެ ޝަރީޢަތާޚިލާފަށް ޤާނޫނެއް ފާސްކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަން ދަތުން، އަދި އެފަދަ ކަމެއްގައި ބައިވެރިވެ ތައުބާނުވެ ދުނިޔެ ދޫކޮށްފިނަމަ މަރުވުމަށް ފަހުގައިވެސް އެޤާނޫނަކަށް ޢަމަލުކުރެވޭހާ ހިނދަކު އެކަމުގެ ސުންޕާކަން ކަށްވަޅުގައިވެސް ތިމާއަށް ކުރިމަތިވާނެކަން ދަތުން.

6- މާތް ﷲ ގެ ޢަދުލުވެރިކަމުގެ ދަރުބާރުގައި ތިމާހުންނަންޖެހޭދުވަހުގެ ބިރުވެރިކަން ހިތްމައްޗަށް ގެނެސް ހުރިހާ ޙާލަތެއްގައިވެސް ﷲ އަށް ތަޤުވާވެރިވުން.

7- މާތް ﷲ ގެ ޙުކުމްފުޅު އޮއްވައި އެނޫންގޮތަކަށް ޤާނޫނެއް ފާސްކުރުމަށް ވޯޓުދިނުން ވެގެންދާނީ މާތް ﷲ ގެ ޙުކުމްފުޅަށްވުރެ ތިމާ ތާއީދުކުރިގޮތް އަޅުތަކުންނަށް ފައިދާބޮޑުކަން ޤަބޫލުކުރުންކަމުގައިވެ، އެފަދަ ޙާލަތުގައި ތިމާ އިސްލާމްދީނުގެ ތަރަހައިން ބޭރުވެގެންދާނެކަން ދެނެހުރުން.

8- ﷲ ގެ ދީނުގެ މަތިވެރިކަން ވަކިމީހެއްގެ ޝަޚްޞިއްޔަތަށްވުރެ ނުވަތަ ވަކި ޖަމާޢަތަކަށް ނަޞްރުދިނުމަށް ތިމާގެ ހިތުގައި އޮންނަ ލޯތްބަށްބުރެ ، ނުވަތަ ތިމާގެ އަމިއްލަ ނަފްސުގެ އެދުންތަކަށްވުރެ މަތިވެރިވެގެންވާކަން ދެނެހުރުން.

ދަންނައެވެ! މާތް ﷲ ގެ ޙުކުމްފުޅަކީ  އިންސާނާގެ މެދުގައި ފައިސަލާނިންމޭނެ އެންމެ ފުރިހަމަ މަގެވެ. އެހެނީ މާތް ﷲ ޝަރީޢަތް ބާވައިލައްވާފައިވަނީ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގަންނަވާ ޙާލުގައެވެ. އަދި އިންސާނުންނަކީ ތިމާފަދަ އިންސާނުންގެ ޙުކުމަށް ރުހޭނެބައެއް ނޫނެވެ.

ވީމާ އަބަދުވެސް ޖެހެނީ އެ ޤާނޫނުތައް ބަދަލުކުރާށެވެ! އޭގެ ބަދަލުގައި ތިމާގެމައްޗަށް އިއްވިފައިވާ ޙުކުމަކީ މާތް ﷲ ގެޙުކުމްފުޅުކަން އެނގުމުން ދެން އެކަމުގައި ދައްކާނެ ވާހަކައެއް ނޯންނާނެއެވެ.

އަޅުގަނޑާއި ތިޔަ އެންމެ ބޭފުޅުންނަކީ ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ގޮތުގައި ފިސާރި ވަރުގަދައަށް ހިފަހައްޓަވައިގެންތިއްބެވި އިޚްލާޞްތެރިންކަމުގައި މާތް ﷲ ލައްވާށި! وَمَا عَلَيْنَا إِلَّا الْبَلَاغُ.
وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
14 ޝަޢުބާން 1433
4 ޖުލައި 2012
                                                           ޚާދިމުކުމް
                                                    އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން
(ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ނަމްބަރު2007/3:)

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons