އިސްލާމްދީނަކީ އެންމެހައި މީސްތަކުންނަށް ހެވާލާބަހުރިދީނެކެވެ. އަދި އެދީނުގެ އުޞޫލުތަކާ އެއްގޮތަށް އެމީހެއްގެ ޙަޔާތްބައްޓަންކޮށްފިނަމަ، ދެދުނިޔޭގެ ޙަޔާތްބާއްޖަވެރި ކޮށްދޭނެ އަލިގަދަ ދައްމަރެކެވެ. މާތް ﷲ އެކަލާނގެ ނިޔާކަނޑައަޅުއްވާފައިވާގޮތުން ޢާއިލާއެއްފެށިގެން އަންނަނީ އަންހެނަކާ ފިރިހެނެއްގެ ޝަރުޢީ ހަމަތަކުގެ މަތީންކުރެވޭ ކާވެނީގެ ޛަރީޢާއިންނެވެ.މިގޮތުން އެދެމީހުންކުރެ ކޮންމެމީހަކަށް ޙައްޤުތަކެއްލިބިދީފާވެއެވެ.މާތްﷲ އުރެދުމަކަށްނުވާކޮންމެކަމަކަށް ފިރިމީހާ އަމުރު ކޮށްފިނަމަ، ކިޔަމަންވުމީ އަނބިމީހާގެ މައްޗަށްވާޖިބުކަމެކެވެ. އަދި އަނބިމީހާއާއި އޭނާގެ ދަރީންނަށް ކުރަންޖެހޭ ޚަރަދު ބަރަދުގެ ކަންތައްތައް ބަލަހައްޓައި އެމީހުންނަށް ލާބަޔާއިމަންފާހުރި ގޮތްތައް ތަދުބީރުކޮށް ހެޔޮމަގަށް އެޅުވުމަށްޓަކާ އުފުލަންޖެހޭ ބުރަމަސްއޫލިއްޔަތު އުފުލުމުގައި ދެމިހުރުމުން ދީނުގައިފިރިމީހާޔަށް އެކަބުލޭގެ މައްޗަށް މަތިވެރިކަމެއްވަނީ ދެއްވާފައެވެ.
"( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِم )النساء/34 .މާނައީ:"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުގައި ޤާއިމުވެތިބޭބަޔެކެވެ.(އެއީ)އެއުރެންގެ އެއްބަޔަކު މައްޗަށް އަނެއްބަޔަކު ﷲމާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ.އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ"
.އަދި ﷲގެ ރަސޫލާވަނީ ފިރިމީހާޔަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ސުންނަތް ރޯދަވެސް އެކަނބުލޭގެ ފިރިމީހާ ގާތުވަނިކޮށް އޭނަގެ އިޛްނައަކާނުލާ ނުހިފުމަށް އަންގަވާފައެވެ. " لاَ يحَِلُّ لِلْمَرَأَةِ أَنْ تَصُومَ وَزَوْجَهَا شاَهِدُ إِلاَّ بِإِذْنِهِ وَلاَ تَأْذَنْ فِي بَيْتِهِ إِلاَّ بِإِذْنِهِ " رَوَاهُ الْبُخَاري (4899)
.މާނައީ:"އަންހެނާއަށް އެކަނބުލޭގެ ފިރިމީހާ އެކަބުލޭގެ ޙާޟިރުގައިވަނިކޮށް އޭނަގެ އިޛުނައަކާލާގެންމެނުވީ ސުނަތްރޯދަ ހިފުން ޙަލާލުވެގެނެނުވެއެވެ.އަދި އޭނަގެ ގެއަށް އޭނާނުރުހޭ (ފިރިހެނަކުވިޔަސް އަދި އަންހެނަކުވިޔަސް) ހުއްދައަކާލާގެން މެނުވީ ވަނުމަށް ހުއްދަދީގެން ނުވާނެއެވެ".
الإِمَامُ اْلأَلْبَانِى رَحمَهُ اللهُ (آدابُ الزَّفَافُ ص،282)ވިދާޅުވެފައިވެއެވެ. އަނބިމީހާގެ ކިބައިން އޭނާގެ ފިރިމީހާ ޝަހުވަތުގެ އެދުންފުއްދުމަށް އަނބިމީހާ ކިޔަމަންވުމަށް ވާޖިބުވާއިރު ފަހެ، އޭނާގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައްޔާއި އަދި ޢާއިލާއަށް ފައިދާކުރަނިވި ކަންތައްތަކުގައި އެހީތެރިވެ ކިޔަމަންވުން އަވްލާކަން އަނބިމީހާގެ މައްޗަށް މާބޮޑުވެގެން ވެއެވެ.އަދި އަނބިމީހާ ފިރިމީހާޔަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެކަނބުލޭގެ ސުވަރުގެވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްވެސް މެއެވެ.މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި أَبُوهُرَيْرَةُ ގެފާނުއަރިއަހުން އިބްނު ޙިއްބާނު ރިވާކުރައްވާފައިވާ ޙަދީޘު،އިމާމު އަލްބާނީ صَحِيْحُ الْجَامِعُ ،رَقم 660 .ޞައްޙަކުރައްވާފައިވެއެވެ.
"إِذَا صَلَّتْ المَْرَأَةُ خمَسَهَا وَ صَامَتْ شَهْرَهَا وَ حَصَّنَتُ فَرْجَهَا وَ أَطَاعَتْ زَوْجَهَا قِيْلَ لهَاَ : اُدْخِلِيْ الْجَنَّةَ مِنْ أّيِّ أَبْوَابَ الجَْنَّةِ شِئْتِ " މާނައީ:އަންހެނާ ފަސްވަގުތު ނަމާދުކޮށް އަދި ރަމަޟާންމަހު ރޯދަހިފާ އަދި އެކަނބުލޭގެ ލަދުވެތިގުނަވަން (ޢިއްފަތްތެރިކަން) ރައްކާތެރިކޮށް އަދި އެކަނބުލޭގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފި، ކަމުގައިވަނީނަމަ، އެކަނބުލޭގެޔަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ!
ސުވަރުގެޔަށް ކަނބުލޭގެ އެދޭދޮރަކުން ވަންނާށެވެ! ކިހާމަތިވެރި ކަމެއްތޯއެވެ! ޙަޤީޤީ ކާމިޔާބު ލިބޭނެމީހަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވަދެވުނު މީހާއަށެވެ. މިއަދު އަޅުގަނޑުމެން ތަހުޛީބާއި ތަމައްދުނުގެ ރޮގުންކުރިއަރާ ތިންވަނަދުނިޔޭގެ ޤައުމުތަކުންނެއްޓި ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގައި މިކުޑަ ރާއްޖެ ހިމެނެން ތައްޔާރުވާއިރު، އިސްލާމީ އުސޫލުތަކަށް ތަބަޢަނުވުމުގެ ސަބަބުން ޢާއިލީ މައްސަލަތައް ގިނަ އިސްލާމީ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ ހިތާމަކުރަން ޖެހޭކަމެކެވެ.
މިހެން ދިމާނުވާންވީ ސަބަބެއްނެތެވެ. އަންހެނުނަށް ދީނުގައި ދެއްވާފައިވާ ޢިއްޒަތާ ކަރާމާތްތައް އަމިއްލަޔަށް ވެއްޔާމޮޑެލަނީ ކިތައް އަންހެނުން ތޯއެވެ؟މާތްﷲގެ ޢަޛާބަށް ބިރުވެތި ވުމެއްނެތި ޒަވާޖީޙަޔާތް ފެށުމަށްފަހު ސިއްރުގުޅުންތައް ބާއްވަނީ ކިތައް މީހުންތޯއެވެ؟ ފިރިމީހާއަކީ އެކަނބުލޭގެ ސުވަރުގެ ނުވަތަ ނަރަކައެވެ.
އެއްދުވަހަކު މާތް ނަބިއްޔާ އަރިއަހަށް އެކަލޭގެފާނުގެ ބޮޑުދާތައެއް ބޭނުމަކަށް އެދިގެން އައުމުން އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ކަމަނާގެ ފިރިޔަކުވޭތޯއެވެ. އެހިނދު އެކަމަނާ ދެއްނެވިއެވެ.ލައްބައެވެ.އެއަށްފަހު ދެންނެވިއެވެ. ކަނބުލޭގެ ފިރިމީހާދޭތެރޭ ކަންތަކުރައްވަނީ ކިހިނެއްތޯވެ؟
ދެން އެކަމަނާ ޖަވާބުގައި ދެންނިވިއެވެ. ތިމަންކަމަނާ އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއްފިޔަވައި އޭނާގެ ޙައްޤު އަދާކުރުމުގައި ފަރުވާކުޑައެއް ނުކުރައްވަމުއެވެ.ޖަވާބުގައި ޙަދީޘުފުޅުކުރެއްވިއެވެ. ފަހެ، ކަނބުލޭގެ އޭނަޔާދޭތެރޭ ކަންތައްކުރެވޭ ގޮތާމެދު ބަލާށެވެ! ފަހެ، ހަމަކަށަވަރުން ފިރިމީހާގެ ޙައްޤުއަދާކުރުންމަތީ ދެމިހުރުމަކީ ކަނބުލޭގެ ސުވަރުގެއަށް ވަނުވުމުގެ ސަބަބެކެވެ.
އަދި ފިރިމީހާގެ ޙައްޤުއަދާކުރުމުގައި ފަރުވާކުޑަކޮށްފިނަމަ،ކަނބުލޭގެ ނަރަކަޔަށް ވަނުމުގެ ސަބަބެއް ކަމުގައި އެކަންތައް ވެގެންދެއެވެ.އެއްދުވަހަކު މުޢާޛު ބިން ޖަބަލް ޔަމަނުން ވަޑާގެން ކީރިތި ރަސޫލާ ފެނިވަޑާގެން އިޙްތިރާމް އަދާކުރުމުގެ ގޮތުން ސަޖިދަޔަށް ތިރިވަޑާގަތެވެ.އެހިނދު ﷲގެ ނަބިއްޔާދެންނެވެއެވެ. އޭމުޢާޛެވެ! މިއީ ކޮންކަމެއްތޯއެވެ؟ ދެންނެވިއެވެ. އެރަށުގެ މީހުން މާތްމީހުނަށް އިޙްތިރާމު ކުރުމުގެ ގޮތުން ސަޖިދަ ކުރައްވާތީ ދެކެވަޑައިގަތީމެވެ.
ދެން ޙަދީޘުފުޅު ކުރައްވާ އެގޮތަށް އެކަންތައް ނުކުރައްވާށެވެ! މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުމަށް އަމުރު ކުރެއްވިނަމަ، އަނބިމީހާ ފިރިމީހާޔަށް ސަޖިދަކުރަން އަމުރު ކުރެއްވީމުހެވެ. ހަމައެފަދައިން އަނބިމީހާގެ ޙައްޤުތަކާ ވާޖިބުތައް އަދާކުރުމަކީ ވެސް ފިރިހެނާގެ މައްޗަށް އޮތްވާޖިބެކެވެ. -- އައްޝައިޚް ޢިއްޒައްދީން ޢަދުނާން
0 comments:
Post a Comment