Wednesday, December 19, 2012

ދުޢާކުރުމާއި ﷲ އެއްކައުވަންތަކުރުމާ ދެމެދުގައިވާ ގުޅުން



ޤުރުއާނާއި ސުންނަތުގެ ދަލީލުތަކަށް ރިޢާޔަތްކުރައްވައި، ޢިލްމުވެރިން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުން (التوحيد) ތިން ބަޔަކަށް ބައްސަވާލައްވައެވެ.

(1) ربّ ވަންތަކަމުގައި އެއްކައުވަންތަކުރުން (تَوْحِيْدُ الرُّبُوبِيَّةِ): އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރައްވާ އެންމެހައި ޢަމަލުފުޅެއްގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިން އެއްވެސް ކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ޝަރީކުނުކުރުމެވެ. މިސާލަކަށް: ޚަލްޤުކުރެއްވުމާއި، ތަދުބީރުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، މަރުގެންނެވުމާއި، ދިރުއްވުން ފަދަ ކަންތައްތަކެވެ.

(2) އަޅުކަންކުރުމުގައި އެއްކައުވަންތަކުރުން (تَوْحِيْدُ الأُلُوهِيَّةِ): އެއީ އެންމެހައި އަޅުކަމެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. އެބަހީ ހުރިހާ އަޅުކަމެއް އެއިލާހަށް ޚާލިޞްކުރުމެވެ. އެއްވެސް އަޅުކަމެއްގައި އެއިލާހާ އެހެން ފަރާތެއް ޝަރީކުނުކުރުމެވެ.

(3) އިސްމުފުޅުތަކުގަޔާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން (تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ): އެއީ ޤުރުއާނާއި ސުންނަތުން ސާބިތުވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އެއްވެސް ތައުވީލު ކުރުމަކާއި، ވައްތަރު ކުރުމަކާއި ނުލައި އެއިލާހުގެ ޒާތުފުޅަށް ސާބިތުކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

 ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ)) الشورى: ١١ މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމިފުޅުތަކާއި ސިފަފުޅުތަކުގައި ޝިރުކުކުރެވޭ ގޮތަކީ، އެއިލާހުގެ އިސްމުފުޅެއް އެހެން ފަރާތަކަށް ނިސްބަތްކުރުމެވެ. ނުވަތަ އެއިލާހުގެ ސިފަފުޅަކުން އެހެން ފަރާތެއް ސިފަކުރުމެވެ. ނުވަތަ އެއިލާހުގެ އިސްމުފުޅުތަކަށާއި ސިފަފުޅުތަކަށް އިންކާރުކުރުމެވެ. ނުވަތަ ބައެއް އިސްމުފުޅުތަކާއި ބައެއް ސިފަފުޅުތައް ޤަބޫލުކޮށް އަދި ބައެއް އިސްމުފުޅުތަކަށާއި، ބައެއް ސިފަފުޅުތަކަށް އިންކާރުކުރުމެވެ. ނުވަތަ އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ތައުވީލުކުރުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިވެ، ހަމައެކަނި އެއިލާހަށް ދުޢާކުރާމީހާ އެ އިޤުރާރުވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމުގެ މިތިން ބަޔަށެވެ. އެހެނީ ޝަރުޢުގައި ބަޔާންވެގެންނުވާ އެއްވެސް ފަރާތެއް މެދުވެރިނުކޮށް ހަމައެކަނި އެއިލާހަށް ދުޢާކުރާމީހާ އެ އިޤުރާރުވަނީ އެއިލާހަކީ މިކާއިނާތުގައިވާ އެންމެހާ އެއްޗެއް ހައްދަވައި، އެހުރިހާ ތަކެއްޗެއް ތަދުބީރު ކުރައްވައި، އަދި ހަމައެކަނި އެއިލާހަކީ އެންމެހާ ދުޢާތައް އިޖާބަކުރައްވާ ފަރާތްކަމެވެ. އަދި އެމީހަކު އެއީމާންވެ ތެދުކޮށް ކަށަވަރުކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކީރިތި ފޮތުގައި، އެއިލާހީ ޚަލްޤުކުރައްވައި، އެންމެހާ ކަންތައްތައް ތަދުބީރުކުރައްވާ ފަރާތްކަމުގައި ބަޔާންވެގެން އައިސްފައިވާ އާޔަތްތަކަށެވެ.

 އަދި އެމީހާ އެދައްކައިދެނީ އެމީހަކީ މިއާޔަތްތަކަށް ބަހުންނާއި ޢަމަލުން ތެދުކޮށް ކިޔަމަންތެރިވާ މީހެއްކަމެވެ.
ހަމައެފަދައިން ކުރީގައި ބަޔާންކުރެވިފައިވާނޭ ފަދައިން ދުޢާކުރުމަކީ އަޅުކަމެކެވެ. އެއްވެސް އަޅުކަމެއް އެއިލާހަށް ފިޔަވައި ނުވަތަ އެއިލާހަށް އަދާކުރާ އަޅުކަމެއްގައި އެހެން ފަރާތެއް ކިތަންމެ ކުޑަކޮށް ނަމަވެސް ބައިވެރިކޮށްފިކަމުގައިވާނަމަ، އެއަޅުކަމެއް ޝިރުކުގެ ތެރެއަށް ވަންނާނެއެވެ. ވުމާއިއެކު، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިވެ، ހަމައެކަނި އެއިލާހަށް ދުޢާކުރާމީހާ އެއިޤުރާރުވަނީ ޝަހާދަތުގެ ކަލިމަ “لاَ إِلٰهَ إلاَّ اللهُ” އަށެވެ. އެހެނީ އެފަދަ މީހެއް ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެވެ.

ހަމަމިފަދައިން، ދުޢާކުރުމުގައި އިސްމުފުޅުތަކުގަޔާއި ޞިފަފުޅުތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުން ހިމެނިފައިވެއެވެ. އެހެނީ ދުޢާކުރުމުގައި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ބޭނުންކުރުމަކީ ދުޢާކުރުމުގެ އަދަބެކެވެ. އަދި އެއިލާހުގެ ނަބިއްޔުން ދުޢާކުރައްވާފައިވާ ގޮތެވެ. އެބޭކަލުން ކުރައްވާފައިވާ ދުޢާތަކަށް ވިސްނާލައިފި ކަމުގައިވާނަމަ މިކަމުގެ ރިވެތި މިސާލު ފެނިގެންދާނެއެވެ.

 ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އިސްމުފުޅުތަކުންނާއި ޞިފަފުޅުތަކުން ދުޢާ ކުރުމަށް އަންގަވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى )) الإسراء: ١١٠ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ.”

އެއިލާހަށް އިޚްލާޞްތެރިކަމާއެކު ދުޢާކުރާމީހާ، ދުޢާ ކުރާއިރު އެމީހާގެ ހިތުގައި ޔަޤީންކަން އުފެދިގެންވާނީ އެއިލާހީ މީސްތަކުންކުރާ ދުޢާތައް މޮޅަށް އައްސަވާވޮޑިގެންވާ، ރަޙީމްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ފަރާތްކަމެވެ. އެހައިރުން އެމީހާ އެކުރާ ދުޢާއަކާ ގުޅޭގޮތުން އެއިލާހަށް ލިބިވޮޑިގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އިޤުރާރުވެވުނީއެވެ. އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ތެރެއިން السميع، البصير، الرحيم، الغفور ފަދަ އެތައް އިސްމުފުޅުތަކާއި ޞިފަފުޅުތަކެއް ދުޢާ ކުރުމުގައި ހިމެނިގެންދާނެއެވެ.

އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއްކައުވަންތަ ފަރާތްތަކަމުގައި ޤަބޫލުކޮށް ކަށަވަރުކުރުމުގެ ނިޢުމަތެވެ. ވުމާއިއެކު، ދުޢާކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމުގެ ތިންބަޔާ ގުޅިލާމެހިފައިވާ އަޅުކަމެކެވެ. ހަމައެހެންމެ މިތަވްޙީދުގެ އަހުލުވެރިއަކަށްވުމުގެ ބޮޑު ނިޢުމަތް ޙާޞިލުވުމަށް އޮތް މަގެކެވެ.

އަޅުގަނޑުމެންނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙައްޤުގޮތުގައި އަޅުކަންކުރާ ބައެއް ކަމުގައި ލައްވާށި!

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons