Saturday, July 25, 2015

ކާފިރުކަމުގެ ތަޢުރީފާއި އޭގެ ވައްތަރުތައް


ތަޢުރީފު:
ބަހުގެ އަޞްލަށް ބަލާއިރު ކުފުރު މި ލަފްޒުގެ މާނައީ މަތިޖަހާ ބަންދުކުރުމެވެ. ނުވަތަ ނިވާކުރުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ކުފުރަކީ، އީމާންކަމުގެ އިދިކޮޅެވެ. އެހެނީ ކާފަރުކަމަކީ ﷲއާއި އަދި އެ ކަލާނގެ ރަސޫލުންނަށް އީމާންނުވުމެވެ. އެދެފަރާތް ދޮގުކުރިޔަސް ނުކުރިޔަސް ހަމަހަމައެވެ. އަދި ކިޔެއްހެއްޔެވެ. ޝައްކު އުފެދިގެން ނުވަތަ މޫނު އަނބުރާލައި ނަމަވެސް ނުވަތަ ޙަސަދަވެރި ވެގެންނަމަވެސް ނުވަތަ ބޮޑާކަމުން ނުވަތަ ރަސޫލުންނާ ތަބަޢަވުމަށް ހުރަސްއަޅާފަދަ ބައެއް ކަންކަމާއި ތަބަޢަ ވެގެންނަމަވެސް ފަރުވާލެއް ނެތެވެ.

އަދި ﷲ އާއި އެކަލާނގެ ރަސޫލުން ދޮގުކުރުމުގެ ކާފަރުކަންބޮޑުވިޔަސް މެއެވެ. އެބަހީ: ﷲ އާއި އެކަލާނގެ ރަސޫލުން ދޮގުކުރުމާއި އެކު އެދެފަރާތަށް އީމާން ނުވިނަމަ އަދި ކާފަރުކަން ބޮޑުވެގެން ވެއެވެ. އެދެފަރާތް ދޮގުކުރުމެއްނެތި އެދެފަރާތަށް އީމާންނުވުމީވެސް ކާފަރުކަމެވެ. ކުރީ ޢިބާރާތުގައި އެވަނީ އެވާހަކައެވެ. والله أعلم. އަދި ހަމަ އެފަދައިން ރަސޫލުބޭކަލުންގެ ރަސޫލުކަން އެއީ ތެދުކަން ޔަޤީންވުމާއިއެކު ޙަސަދަވެރިކަމުންދޮގުކުރި މުލްޙިދު މީހާވެސް ކާފަރުކަން ބޮޑުވެގެން ވެއެވެ. (مجموع فتاوى ابن تيمية)

ކާފަރުކަމުގެ ވައްތަރުތައް:

ކާފަރުކަން ހުރީ ދެވައްތަރަކަށެވެ.

ކާފަރުކަމުގެ ފުރަތަމަ ވައްތަރު: އެއީ އިސްލާމްދީނުން ބޭރުވާ ބޮޑު ކާފަރުކަމެވެ. އެކަންހުރީ ފަސްބަޔަކަށެވެ.

1- ފުރަތަމަބައި: އެއީ ދޮގުކުރުމުގެ ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ.﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ﴾ [العنكبوت:٦٨]މާނައީ: ﷲ ތަޢާލާއަށް ބޮޑުދޮގެއް އުފައްދައިގެންފި މީހަކަށްވުރެ ވަކީންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެބަހީ: އެޔަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ. ނުވަތަ އޭނާގެ ގާތަށް ޙައްޤު އައިހިނދު އެބަހީ ޙައްޤާއިގެން ރަސޫލުބޭކަލުން ވަޑައިގެންހިނދު އެޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ އަޅެފަހެ ކާފަރުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭ ހެއްޔެވެ. މިއެވެ.

2- ދެވަނަބަޔަކީ: ތެދުކުރުމާއި އެކުވެސް ބޮޑާކަމާ މަނާވެގަތުމުގެ ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ﴾ [البقرة :٣٤]މާނައީ: އަދި އާދަމުގެފާނަށް ސަޖިދަ ކުރާށޭ މަލާއިކަތް ބޭކަލުންނަށް ތިމަން ރަސްކަލާނގެ ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެންމެހާ މަލާއިކަތް ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެސޮރު މަނާވެގަތީ އެވެ. އަދި ބޮޑާވެގަތީއެވެ. އަދި އެސޮރުވީ ކާފިރުންގެ ތެރެއިންނެވެ. މިއެވެ.

3- ތިންވަނަބަޔަކީ: ޝައްކުވުމުގެ ކާފަރުކަމެވެ. އެއީ ހީކުރުމުގެ ކާފަރު ކަމެވެ. އޭގެ ދަލީލަކީ ﷲތަޢާލާގެ ބަސްފުޅެވެ. ﴿وَدَخَلَ جَنَّتَهُ وَهُوَ ظالِمٌ لِنَفْسِهِ قالَ ما أَظُنُّ أَنْ تَبِيدَ هذِهِ أَبَدًا (35)وَما أَظُنُّ السَّاعَةَ قائِمَةً وَلَئِنْ رُدِدْتُ إِلى رَبِّي لَأَجِدَنَّ خَيْرًا مِنْها مُنْقَلَبًا (36) قالَ لَهُ صاحِبُهُ وَهُوَ يُحاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا (37) لكِنَّا هُوَ اللَّهُ رَبِّي وَلا أُشْرِكُ بِرَبِّي أَحَدًا (38)﴾[الكهف]މާނައީ “އޭނާގެ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު އޭނާގެ ބަގީޗާއަށް ވަނެވެ. އަދި ބުންޏެވެ. އަހުރެންނަށް ހީވާ ގޮތުގައި ދުވަހަކުވެސް މިތަކެތި ހަލާކުވެ ބަރުބާދު ވެގެން ނުދާނެއެވެ. އަދި އަހުރެންނަށް ހީވާގޮތުގައި ޤިޔާމަތް ޤާއިމް ނުވާނެއެވެ. އަދި އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވިއްޖެއްޔާ މިއަށްވުރެ ރަނގަޅު މާހެޔޮތަނެއް އެނބުރި، ދެވޭ ތަނެއްގެ ގޮތުން އަހުރެން ދެކޭނޫއެވެ. އޭނާގެ އެކުވެރިޔާ އޭނާޔާ އިދިކޮޅަށް ވާހަކަ ދައްކާ ޙާލު އޭނާޔާ ދިމާލަށް ބުންޏެވެ. ކަލޭ ވެލިން ހައަދަވައި ދެން ނުޠްފާ އަކުން ހައްދަވައި ދެން ފުރިހަމަ ފިރިހެނަކަށް ބަރާބަރުކޮށްދެއްވި ކަލާނގެއަށް ކާފަރު ވެއްޖައީމުއެވެ. އެހެނެއްކަމަކު އަހުރެން އަހުރެންގެ ރައްބާއި ހަމަ އެކަކާއިވެސް ޝަރީކުކޮށް ބައިވެރިކޮށް ނުހަދާނަމެވެ. މިއެވެ. (ނުޠްފާގެ މާނައަކީ މަނިތިއްކެވެ.)

4- ހަތަރުވަނަބަޔަކީ: އެނބުރި ފުރަގަސްދީ ޤަބޫލު ނުކުރުމުގެ ކާފިރު ކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ﴿وَالَّذِينَ كَفَرُوا عَمَّا أُنْذِرُوا مُعْرِضُونَ﴾ [الأحقاف: ٣] މާނައީ: ކާފިރުވި މީސްތަކުން (ދަންނައެ!) އެމީހުން އެވަނީ އެމީހުންނަށް އިންޒާރު ކުރެވޭ ބިރުގެންނެވޭ ކަންތައްތަކާއި މެދު އެނބުރި ފުރަގަސްދޭ ބަޔަކުކަމުގައެވެ.”

5- ފަސްވަނަބަޔަކީ: ނިފާޤު ކަމުގެ (ދެފުށްދެގޮތްކަމުގެ) ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲތަޢާލާގެ ބަސްފުޅެވެ. ﴿ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ﴾ [المنافقون: ٣]މާނައީ: “އެގޮތަކީ ހަމަކަށަވަރުން އެމީހުން އީމާންވިއެވެ. ދެން ކާފަރުވީއެވެ. އަދި އެމީހުންގެ ހިތްތަކުގެ މަތީގައް ސިއްކަޖެހެވި ބަންދުވެގެން ވެއެވެ. ފަހެ އެމީހުންނަކަށް ނުވިސްނޭނެއެވެ. މިއެވެ. ކާފަރުކަމުގެ ދެވަނަ ވައްތަރަކީ: އެކަމުން ދީނުން ބޭރުނުވާ ކުޑަ ކާފަރުކަމެވެ. އެއީ ޢަމަލީ ކާފިރުކަމެވެ. އަދި އެއީ ކީރިތި ޤުރްއާނާއި މާތްވެގެންވާ ސުންނަތުގައި ކާފިރުގެ ނަމުން ނަން ކިޔާފައިވާ ފާފަތަކެވެ. އަދި އެކަން ބޮޑު ފާފައިގެ ދަރަޖައަށް ވާސިލުނުވާ ކަންކަމެވެ. އެއީ އަންނަނިވި އާޔަތުގައި އެވާފަދައިން ނިޢުމަތަށް ކާފަރުވުމެވެ. ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ.

﴿ وَضَرَبَ اللهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللهِ…﴾ [ النحل112]

މާނައީ: “ހަމަޖެހި އަމާންވެގެންވާ ރަށެއްގެ މިސާލު ﷲ ޖައްސަވައެވެ. އެރަށަށް ހުރިހައި ފަރާތަކުން ތަނަވަސްކަމާއި އެކު ރިޒުޤު އައިސް އައިސް ހުރިކަމުގައި ވިއެވެ. ދެންފަހެ ﷲގެ ނިޢުމަތަށް އެރަށް އެބަހީ އެރަށުގެ އަހުލުވެރިން ކާފަރު ވެއްޖެއެވެ…” މިއެވެ.

އެބާވަތުގެ ކާފިރުކަމުގެ އަނެއް މިސާލަކީ މުސްލިމު މީހާއާއި ހަނގުރާމަ ކުރުމުގެ ކާފަރުކަމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވެފައިވާ އަންނަނިވި ބަސްފުޅުގައިވާފަދަ ކާފިރު ކަމެވެ.

((سِبَابُ الْمُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ)) [ رواه البخاري ومسلم]

މާނައީ: “މުސްލިމް މީހާއަށް ހުތުރު އެއްޗެހި ގޮވުމީ ފާސިޤު ކަމެކެވެ. އަދި އޭނާއާ ހަނގުރާމަ ކުރުމީ ކާފަރުކަމެވެ.” މިއެވެ.

އަދިވެސް އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

((لاَ تَرْجِعُوا بَعْدِي كُفَّارًا، يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ)) [رواه الشيخان]

މާނައީ: “ތިމަންކަލޭގެފާނަށް ފަހު ކަލޭމެން އެއްބަޔަކު އަނެއްބަޔަކުގެ ބޯކަނޑައި އަލުންވެސް ކާފިރުނުވާ ހުށިކަމެވެ.” މިއެވެ.

އެބާވަތުގެ ކާފިރުކަމުގެ އަނެއް މިސާލަކީ ﷲ ނޫން އެހެން އެއްޗެއް ގަންދީ ހުވާކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ حَلَفَ بِغَيْرِ اللهِ كَفَرَ أَو أَشْرَكَ)) [رواه الترمذي وصححه الحاكم]

މާނައީ: “ﷲ ނޫން އެހެން އެއްޗެއް ގަންދީ ހުވާކޮށްފިމީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ. ނުވަތަ ޝަރީކުކޮށްފިއެވެ.” މިއެވެ.
އަދި ދަންނައެވެ! ބޮޑުފާފައަކަށް އަރައިގަންނަ މީހާއަކީވެސް ﷲ މުއުމިނެއްކަމުގައި ހިމަނުއްވާފައިވާ މީހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى﴾ [ البقرة 178]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ތެރެއިން ޤަތުލުވެ މަރުވެގެންދާ މީހުންނާމެދު ޤިޞާޞް [ޔައުނީ މަރަށް މަރުހިފުން] ކަލޭމެންގެ މައްޗަށް ފަރުޟުކުރެވިއްޖެއެވެ.” މިއެވެ.

ފަހެ މީހަކު މެރި މީހާވެސް މުއުމިނުންގެ ލިސްޓުގެ ތެރެއިން ނުނެރުއްވައެވެ. އަދި އޭނާ ލެއްވީ ޤިޞާޞްގެ ވެރިޔާގެ އަޚެއްކަމުގައެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ…﴾ [البقرة:178]

އެބަހީ އެމީހެއްގެ އަޚުގެ ފަރާތުން މަޢާފު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާ ރަނގަޅުގޮތުގައި ތަބާވުން ހުއްޓެވެ. [އެބަހީ: މަރުވިމީހާގެ ވާރުތަވެރިޔާ ރަނގަޅުގޮތުގައި މަރުގެ ދިޔައަށް އެދޭ ހުށިކަމެވެ.] އަދި ޤާތިލުގެ ފަރާތުން އިޙްސާންތެރިކަމާއެކު މަރުގެ ދިޔަ އަދާކުރުން ހުއްޓެވެ.” މިއެވެ.
މިއާޔަތުގައި މިވާ އަޚުގެ މުރާދަކީ ޝައްކެއްވެސް ނެތްގޮތުގައި ދީނުގެ ގޮތުން އަޚުގެ މުރާދެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا…﴾ [الحجرات 9]

މާނައީ:”މުއުމިނުންކުރެ ދެޖަމާއަތެއްގެ މީހުން ހަނގުރާމަކޮށް ތަޅާފޮޅަންޏާ ފަހެ ކަލޭމެން އެދެމެދު ޞުލްޙަކުރާށެވެ…” މިއެވެ.

މިދެންނެވި އާޔަތް އެތަނުން ފެށިގެން ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ…﴾ [الحجرات 10] މިހާތަނަށް އާޔަތުގެ މާނައީ: “އެންމެހާ މުއުމިނުންނީ އަޚުންނެވެ. ފަހެ ކަލޭމެން ދޭދޭ އަޚުންގެ ދެމެދު ޞުލްޙަކުރާށެވެ…” މިއެވެ.ބޮޑުކާފަރުކަމާއި ކުޑަކާފިރު ކަމާއި ދެމެދުގެ ފަރަޤު ކުރުގޮތަކަށް

1- ބޮޑު ކާފަރުކަން އިސްލާމްދީނުން ބޭރުކޮށްލައެވެ. އަދި އެންމެހާ ހެޔޮ ޢަމަލު ބާޠިލު ކޮށްލާނެއެވެ. ކުޑަކާފަރުކަން އިސްލާމްދީނުން ބޭރު ކޮށްނުލައެވެ. އަދި ހެޔޮޢަމަލުތައްވެސް އެކީ އެކަށް ބާޠިލް ނުކުރާނެއެވެ. އަކަމަކު އެކާފަރުކަމުގެ ނިސްބަތުން ހެޔޮ ޢަމަލު މަދުވަމުން ދާނެއެވެ. އަދި އެކަމުގެ ވެރިޔާ ބިރުވެރިކަމުގެ ތެރެއަށް ހުށަހެޅޭނެއެވެ.
2- ބޮޑު ކާފަރުކަމުގެ ވެރިޔާ ނަރަކައިގައި ދެމިހުންނާނެއެވެ. ކުޑަ ކާފަރުކަމުގެ ވެރިޔާ ނަރަކައަށް ވަނަސް ދެމިނުހުންނާނެއެވެ. އަދި ބައެއްފަހަރު އެފަދަ މީހާއަށް ﷲ ތައުބާ ލައްވައި އެއްގޮތަކަށް ނަރަކައަށް ނުވައްދަވާ ގޮތްވެސް ވެދާނެއެވެ.
3- ބޮޑުކާފަރުކަމުން އެކަމުގެ ވެރިޔާގެ ލެޔާއި މުދާ ޙަލާލުވާނެއެވެ. ކުޑަކާފަރުކަމުގެ ވެރިޔާގެ ލެޔާއި މުދާ ޙަލާލު ނުވާނެއެވެ.
4- ބޮޑު ކާފަރުކަމުގެ ވެރިޔާއާއި މުއުމިނުންނާއިމެދު ޚާއްޞަ ޢަދާވާތްތެރިކަން އޮތުން ވާޖިބު ކުރާނެއެވެ. އަދި އޭނާއަކީ ކިތަންމެ ގާތް މީހަކުނަމަވެސް އޭނާއަށް ލޯބިވެތިކަން ބެހެއްޓުމާއި އޭނާއަށް އިތުބާރު ކުރުމާއި މުއާލާތް ބެހެއްޓުމާއި މިބާވަތުގެ އެއްވެސް ކަމެއް ބެހެއްޓުން މުއުމިނުންގެ މައްޗަށް ހުއްދަވެގެން ނުވެއެވެ. އެކަމަކު ކުޑަކާފިރު ކަމުގެ ވެރިޔާއަށް ޢާންމު ގޮތެއްގައި މުއާލާތް ބެހެއްޓުން މަނައެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ. އޭނާގެ ކިބައިގައި ހުރި އީމާންކަމެއްގެ މިންވަރަކުން އޭނާއަށް ލޯބިވެތިކަމާއި މުއާލާތް ބެހެއްޓުން ހުއްދައެވެ. އަދި އޭނާގެ ކިބައިގައި ހުރި އުރެދުމެއްގެ ފެންވަރުން ޢަދާވާތްތެރިވުންވެސް ހުއްޓެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons