Saturday, September 13, 2014

އިމާމު މާލިކުގެ މުޥައްޠާ (موطأ)


ހ. ފޮތުގެ ނަން
މިފޮތުގެ ނަމަކީ އަލްމުޥައްޠާ އެވެ. މިފޮތަކީ އެންމެފުރަތަމަ ބާބުތަކަށް އެކަށައަޅުއްވައި ލިޔެވުނު ޙަދީޘްފޮތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަދީޘްފޮތެވެ.





 (ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތައް އެކަލޭގެފާނު އަވަހާރަވުމުގެ ކުރިންނާއި އަދި ފަހުންވެސް ފަތްފުތްތަކުގައި ޙަދީޘްލިޔެވިފައިވެއެވެ) މިފޮތަށް މުޥައްޠާގެ ނަމުން ނަންދެވުނު ސަބަބެއްކަމަށް ތަދުވީނުއް ސުންނަތުއް ނަބަވިއްޔާގައި މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާފައިވާ ޕުރޮފެސަރ ޑރ.މުޙައްމަދު މަޠަރުއް ޒަހުރާނީ ލިޔުއްވާފައިވެއެވެ.

އިމާމު މާލިކުގެ ފޮތަށް މުޥައްޠާ މިނަމުން ނަންދެއްވީ ކީއްވެގެންހެއްޔެވެ؟

އެނަން ދެއްވާފައިވަނީ ދެސަބަބަކާ ހުރެއެވެ.
1.  ޙަދީޘްތައް މީސްތަކުންނަށް ފަސޭހަ (وطأ)ކޮށް ދެއްވާފައިވުމެވެ. (އެބަހީ ޢަރަބި އެލަފުޒާއި ގުޅުވައިގެންނެވެ(.

2. އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތަށް މަދީނާގެ ޢިލްމުވެރިން އެއްބަސްވެލައްވައި (مواطأة މާނަ އެއްބަސްވުން، ރުހުން ދިނުން) އެކަލޭގެފާނަށް (ފޮތުގައި ލިޔުއްވާފައިވާ ތަކެއްޗާއިމެދު ރުހޭކަން) އެބޭކަލުން ހާމަކުރެއްވުން.

އިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” މަދީނާގެ ފަޤީހުންގެ ތެރެއިން ހަތްދިހަ ފަޤީހުންނަށް ތިމަންކަލޭގެފާނުގެ މިފޮތް ދެއްކީމެވެ. އަދި އެހުރިހައިބޭކަލުން މިފޮތާއި މެދު އެއްބަސްވެލެއްވިއެވެ. އަދި ތިމަންކަލޭގެފާނު އެކަމުގެ ސަބަބުން މިފޮތަށް އަލްމުޥައްޠާ މިނަން ދެއްވީމެވެ.” ޝައިޚު ޒަހުރާނީގެ ބަސްކޮޅު ނިމުނީ.

އަދި ދެވަނަ ސަބަބަކީ ފޮތަށް އެނަން ދެއްވުމުގައި  އެންމެ ޞައްޙަ ސަބަބެވެ.

ށ. މުއައްލިފު

އެކަލޭގެފާނު އުފަންވެވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށަކަށް ހިޖުރަކުރެއްވި މަދީނާއަށެވެ. އެއީ ގާތްގަނޑަކަށް ހިޖުރީ ސަނަތުން 93 (މީލާދީ ސަނަތުން ގާތްގަނޑަކަށް 717ވަނަ) އަހަރެވެ.

 އެކަލޭގެފާނު އުފަންވީ އަހަރެއްކަމަށްބުނެވޭ އަހަރުތަކުގެ ތެރެއިން އެންމެ ޞައްޙަ އަހަރެއްކަމަށް ބެލެވޭ އަހަރަކީ މިއެވެ.

 އެކަލޭގެފާނު އަސްލު ނަންފުޅަކީ އަބޫ ޢަބްދުﷲ މާލިކު ބިން އަނަސް ބިން އަބީ ޢާމިރު އަލްއަޞްބަޙިއްޔުއެވެ. އެކަލޭގެފާނުގެ ކާފާފުޅަކީ މަދީނާގެ މަޝްހޫރު ޞަޙާބީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވާ ނަންނަކުގެ ތެރޭގައި ދާރުލް ޙިޖުރައިގެ އިމާމުގެ ނަން ފާހަގަކޮށްލެވެއެވެ.
އެކަލޭގެފާނު ޢިލްމު ޙާޞިލުކުރައްވަން ފެއްޓެވީ ވަރަށް ތުއްޕުޅު އުމުރުގައެވެ. އެގޮތުން އެކަލޭގެފާނު ޠާބިޢީންނާއި އަދި އެނޫންވެސް ބޮޑެތި ޢިލްމުވެރިންގެ އަރިހަށް ވަޑައިގަންނަވާފައިވެއެވެ.

 އޭގެ ތެރޭގައި އަބޫބަކުރު ޢަބްދުﷲ ބިން ޔަޒީދު (މަޝްހޫރު ނަމުންނަމަ އިބްނު ހުރުމުޒް އައްތާބިޢީ، އަވަހާރަވެޑައިގެންފައިވާ ތާރީޚު: 148 ހ) އަދި މަޝްހޫރު ތާބިޢީ ބޭކަލެއްކަމަށްވާ އިބުނި ޝިހާބުއް ޒުހުރީ (އަވަހާރަވެވަޑައިގެންފައިވާ ތާރީޚު: 124 ހ) އަދި ރަބީޢާ ބިން އަބީ ޢަބްދުއްރަޙުމާނު (އަވަހާރަވެވަޑައިގެންފައިވާ ތާރީޚު: 136 ހ) ހިމެނިވަޑައިގަނެއެވެ.

އަދިވެސް އޭގެތެރޭގައި އިބުނު ޢުމަރު ރަޟިޔަﷲ އަންހުގެ މިނިވަންކޮށްފައިވާ (އެކަލޭގެފާނުގެ  ކުރީގެ އަޅެއްކަމަށްވާ) ބޭކަލެއްކަމަށްވާ ނާއިފު ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.

މިބޭބޭކަލުންގެ އަރިހުން އެކަލޭގެފާނު ޙަދީޘް ރިވާކުރައްވާ ޢިލްމު ޙާޞިލުކުރައްވާފައިވެއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގައި އެންމެ ބޮޑު ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އެއްޢިލްމުވެރިޔާއެވެ.
އެކަލޭގެފާނު  މަޖުބޫރުކޮށްގެން ކުރެވޭވަރި ބާތިލުވާނެކަމަށް ދެއްވި ފަތުވާޔާއި ގުޅިގެން އެކަލޭގެފާނަށް ގާތްގަނޑަކަށް މިލާދީ ސަނަތުން 764 ވަނައަހަރު، މަދީނާގެ އަމީރު ވަރަށް އަނިޔާކުރިއެވެ.

 އެގޮތުން އައްސާ އެކަލޭގެފާނަށް އަނިޔާކުރުމުގެ ސަބަބުން އެކަލޭގެފާނުގެ ދެއަތް ނަމާދުގައި ނުއުފުލެއެވެ. އަދި އެކަލޭގެފާނު މިކަމުގެ ސަބަބުން ދެއަތް ދޫކޮށްލަވައިގެން ނަމާދުކުރައްވަން ފެއްޓެވިއެވެ. ބައެއް މާލިކީ މަޛުހަބުގެ ތައައްސުބީން ނަމާދުގައި ހަރަމް ނުބަންނަނީ މިކަން ދަލީލަކަށް ދައްކާފައެވެ. ނަމަވެސް މިއީ އެކަލޭގެފާނަށް ދިމާވި ހާލަތަކާއި ގުޅޭގޮތުން އެކަލޭގެފާނު ކުރެއްވިކަމެކެވެ. އެއްވެސް ހާލެއްގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުން ސާބިތުނުވަނީސް ދީނުގެ ކަމެއްކުރުން ހުއްދަނުވާނެއެވެ.

އަދި އެކަލޭގެފާނުގެ އެތައްހާސް ދަރިވަރުންނެއް އެކަލޭގެފާނުގެ އަރިހުން ކިޔަވާ ވިދާޅުވިއެވެ. ގާތްގަނޑަކަށް 40 އަހަރު އެކަލޭގެފާނު މަސްޖިދުއްނަބަވީގައި ކިޔަވައިދެއްވުމަށް ހޭދަކުރެއްވިއެވެ. އެކަލޭގެފާނަކީ ރީތި ހެދުންތުރުކުރެއްވުމަށް ލޯބިކުރެއްވި ޢިލްމުވެރި ތަޤުވާވެރި ބޭކަލެކެވެ.

އެކަލޭގެފާނަށް މަދަހަކިޔުއްވަމުން އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ.

“އެކަލޭގެފާނަކީ އިމާމު ޙާފިޡު މިއުއްމަތުގެ ފަޤީހު ޝެއިޚުލް އިސްލާމްއެވެ…”

އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ އުމުރުފުޅުން 83 އަހަރުގައި ހިޖުރީ ސަނަތުން 179 ވަނަ އަހަރުއެވެ. އެއީ މިލާދީ ސަނަތުން ގާތްގަނޑަކަށް 801 ވަނަ އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ އެންމެމަތިވެރި ދަރަޖައިން ނިޢުމަތް ދެއްވާށިއެވެ. އާމީން

ނ. މުޥައްޠާއަށް އަވަސް ނަޒަރެއް

މައުޟޫއު

މިފޮތުގައި ހިމެނިގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކާއި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކާއި އަދި ތާބިޢީ ބޭކަލުންގެ ފަތުވާތަކެވެ. އެކަލޭގެފާނު މިރިވާޔަތްތައް ހޮއްވަވާފައިވަނީ އެއްލައްކަ ޙަދީޘްއިންނެވެ.

ފޮތުގެ ޙަދީޘްތަކުގެ ޢަދަދު

މުޥައްޠާގެ އެންމެ މަޝްހޫރު ރިވާޔަތުގައި (ޔަހުޔާ ބިން ޔަހުޔައް ލައިޘީގެ ރިވާޔަތް) 853 ޙަދީޘް ހިމެނެއެވެ.

އަބޫބަކުރުލް އަބުހަރީ ވިދާޅުވެފައިވެއެވެ. މުޥައްޠާގައި ހުރި ޙަދީޘްފުޅުތަކާއި ޞަޙާބީންގެ އަޘަރުތަކާއި އަދި ތާބިއީބޭކަލުންގެ ބަސްފުޅުތައް ލައިގެން ޖުމްލައަކީ 1720 ޙަދީޘެވެ. އެއީ މުސްނަދު 600 ޙަދީޘާއި، މުރުސަލު 222 ރިވާޔަތާއި، އަލްމައުޤޫފު 613 ރިވާޔަތާއި އަދި ތާބިޢީންގެ ބަސްފުޅުތައް 285އެކެވެ.

އެކި ރިވާޔަތްތަކުގައި އެކި ޢަދަދު އައިސްފައިވެއެވެ. ސަބަބަކީ އިމާމު މާލިކު އެފޮތްކިޔަވައިދެއްވި ސާޅީސް އަހަރުގެ ތެރޭގައި އަބަދުވެސް އެކަލޭގެފާނު ދިޔައީ ފޮތް އިސްލާހު ކުރައްވަމުންނެވެ. ރިވާޔަތްތައް ކަނޑުއްވައި އިތުރުކުރައްވަމުންނެވެ. އަދި މިތަފާތު އެކަލޭގެފާނުގެ އަރިހުން އެކިއިރުގައި ކިޔެވި ދަރިވަރުންގެ ރިވާޔަތްތަކުގައި ވެއެވެ.

މިފޮތުގެ މަޤާމު

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲގެ ފޮތަށްފަހު (އެބަހީ ޤުރުއާނަށްފަހު) އެންމެ ޞައްޙަ ފޮތަކީ އިމާމު މާލިކުގެ މުޥައްޠާއެވެ.”

މިބަސްފުޅާއި އަދި ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވާފައިވާ ގޮތްކަމަށްވާ ﷲގެ ކަލާމްފުޅަށްފަހު އެންމެ ޞައްހަ ފޮތަކީ ޞަހީހުބުޚާރީއައި ޞަޙީހްމުސްލިމުކަމަށް އޮންނަ އޮތުމާއި ތަޢާރުޟެއްނުވެއެވެ. ސަބަބަކީ

1. އިމާމް ޝާފިޢީގެ ބަސްފުޅަކީ ޞަހީހްބުޚާރީއާއި ޞަޙީހް މުސްލިމު ވުޖޫދުވުމުގެ ކުރިން ވިދާޅުވެފައިވާ ބަސްފުޅެއްކަމަށްވުން. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 204 ވަނަ އަހަރުއެވެ. އެއީ އިމާމު މުސްލިމް ރަޙިމަހުﷲ އުފަންވެ ވަޑައިގަތް އަހަރެވެ. އަދި އިމާމު ބުޚާރީ އެއިރު އުމުރުފުޅަކީ ގާތްގަނޑަކަށް ދިހައަހަރެވެ.

2. މުޥައްޠާގައި ހުރި އެންމެ ވަރުގަދަ ޙަދީޘްތައް ޞަޙީޙް ބުޚާރީ އަދި ޞަޙީހް މުސްލިމުގައި ގެންނަވާފައިވާ އިރު އަދި އެހެން ޙަދީޘްތައް އެންމެ ބޮޑު 6 ޙަދީޘްފޮތުގެ ބާކީ ފޮތްތަކުގައި ގެންނަވާފައިހުރުން. އަދި މުޥައްޠާގައި ހުރި ޢަދަދަށްވުރެ ގިނަ ޞައްހަ ޙަދީޘް މިފޮތްފޮތުގައިވުން

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުޥައްޠާގައި ހުރި ހުރިހާ ޙަދީޘަކީ ޖުމްލަގޮތެއްގައި ޞައްޙަ ޙަދީޘެވެ. އަދި ޙާފިޡު އިބްނު ޙަޖަރު އަދި އިން ޞަލާޙު ވަނީ މިކަމަށް އިޘާރާތްކުރައްވާފައެވެ.

ނަމަވެސް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި މުޥައްޠާ އަންނަނީ ދަރަޖައިގެ ގޮތުން ޞަޙީހް ބުޚާރީއާއި ޞަޙީހްމުސްލިމްއަށްފަހުގައެވެ. والله أعلم

އަދި ބައެއް ޢިލްމުވެރިން ވަނީ މުޥައްޠާ އެންމެ ބޮޑު ޙަދީޘްފޮތްތަކުގެ ތެރޭގައިވެސް ގެންނަވާފައެވެ. އޭގެ ތެރޭގައި ރަޒީން ބިން މުޢާވިޔާ (އަވަހާރަވެވަޑައިގެންނެވި ތާރީޚަކީ: 535ހ) އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަލްޖަމްޢު ބައިނަ ކުތުބުއް ސިއްތާ އަދި އަލްމަޖްދު އިބުނުލް އަޘީރު (އަވަހާރަވެވަޑައިގެންނެވި ތާރީޚަކީ: 606ހ) އެކަލޭގެފާނުގެ ފޮތްކަމަށްވާ ޖާމިއުލް ޢުސޫލުގައެވެ.

ނަމަވެސް މުޥައްޠާގެ ބަދަލުގައި ސުނަނު އިބުނު މާޖާ ހަވަނައަށް ލެވުނު ސަބަބު ސުނަނު އިބުނު މާޖާގެ ޕުރޮފައިލްގަ އިސްވެހިނގައްޖެއެވެ.

ރ. މުހިންމު ބައެއް ޝަރަހަތައް

1. الاستذكار في شرح مذاهب علماء الأمصار. އަލްއިސްތިޛްކާރު ފީ ޝަރަޙި މަޛާހިބި ޢުލާމާއިލް އަމްޞާރު. ވަނީ ޗާޕުކުރެވިފައި

2. التمهيد لما في الموطأ من المعاني والأسانيد. އައްތަމްހީދު ލަމާ ފިލް މުޥައްޠާ މިނަލް މަޢާނީ ވަލްއަސާނީދި. އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ. އަވަހާރަވީ: 463ހ. މޮރޮކޯގައި 24 މުޖައްލަދަށްވަނީ ޗާޕުކުރެވިފައި

3. المنتقى އަލްމުންތަޤާ. އަބުލް ވަލީދު އަލްބާޖީ. އަވަހާރަވީ 474 ހ. ޗާޕުކުރެވިފައި

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons