Friday, May 30, 2014

ބަރުޒަޚުގެ ޢާލަމް

ބަރުޒަޚުގެ ޢާލަމަކީ މިދުނިޔޭގައި އިންސާނާގެ އަޖަލު ހަމަކުރުމަށް ފަހު، އާޚިރަތުގެ ޙަޔާތާ ދެމެދު އެބައިމީހުންގެ ހަށިތަކަށާއި ފުރާނަތަކަށް ކަނޑައެޅިފައިވާ ތަނެވެ. މަޙްޝަރުދުވަހު އިންސާނުންގެ ހިސާބު ބެއްލެވެންދެން ތިބޭނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމަކީ ފަރުދާ ކުރެވިފައިވާ ޢާލަމެކެވެ.


 މާއްދީ ލޮލަށް ނުފެންނަ ރޫހާނީ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ޢާލަމެކެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَ‌كْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَ‌ائِهِم بَرْ‌زَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴿١٠٠﴾ (سورة المؤمنون:100) މާނައީ: " (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ.

 އަދި އެއުރެންގެ ފަހަތުގައިވަނީ ބަރުޒަޚު ޢާލަމު ކަމުގައިވާ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ." ބަރުޒަޚުގެ ޢާލަމުގެ ޙަޔާތް ފެށިގެން ދަނީ މީހާ މަރުވާ، ހިސާބުންނެވެ. އަދި ބަރުޒަޚުގެ ޢާލަމްގެ ޙަޔާތް މަޙްޝަރު ދުވަހު، މީސްތަކުންގެ ހިސާބު ބެއްލެވި، ޤިޔާމަތާ ޖެހެންދެން ދެމިގެންދާނެއެވެ. ބަރުޒަޚުގެ ޢާލަމުގައި ނަކީރު މުންކިރު ސުވާލު ކުރުމާއި ކަށްވަޅުގެ ޢަޒާބު ލިބިގެންދާނެއެވެ.

 އިންސާނުންގެތެރެއިން ކޮންމެ މީހަކުވެސް މަރުވުމަށްފަހު، އެމީހާ ކަށްވަޅުގައި ބޭއްވުމުން އެމީހަކާއި ކަށްވަޅުގައި ސުވާލުތަކެއް ކުރެވޭނެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން ސާބިތުވެއެވެ. މިސުވާލުގެ މަޤުސަދަކީ އެމީހަކު ދުނިޔަވީ ޙަޔާތް ވޭތިކުރިގޮތް ދެނެގަނެ، އެކަންތައްތައް އޭނާއަށް ހަނދާންކޮށްދިނުމެވެ. އަދި ދިރިތިބި މީހުންވެސް ޢިބްރަތްތައް ލިބިގަނެ، ދީނުގައި އަންގަވާފައިވާ ގޮތަށް ދުނިޔަވީ ޙަޔާތް ވޭތިކުރުމަށް މަސައްކަތް ކުރުމަށް ބާރުއެޅުމެވެ.


ކަށްވަޅުގެ ޢަޒާބަކީ ކީރިތިޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ބަރުޒަޚުގެ ޢާލަމުގައި ހިނގާ ކަންތައްތަކާމެދު ޝައްކުކޮށް، އެކަންތައްތަކަށް އިންކާރު ކުރަނީ މަގުފުރެދިފައިވާ މީހުންނާއި އީމާންކަން ބަލިކަށި މީހުންނެވެ. ތިމާގެ ލޮލަށް ފެންނަން ނެތް ކަމެއް ކަމުގައި ވިޔަސް ބަރުޒަޚުގެ ޢާލަމުގައި ހިނގާ ކަންތައްތަކަކީ އީމާން ވާންޖެހޭ ޙަޤީގަތެކެވެ.

 އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް މަރުވުމަށްފަހު ކަށްވަޅުގެ ޢަޒާބު ލިބޭނެއެވެ. އެއީ ކަނޑުވެގެން މަރުވި މީހަކު ކަމުގައި ވިޔަސް ނުވަތަ އަލިފާނުން އަނދައިގެން ނުވަތަ ވަޙުޝީ ޖަނަވާރެއް ކާލައިގެން މަރުވި މީހެއްކަމުގައި ވިޔަސް، އޭނާއަށްވެސް ކަށްވަޅުގެ ޢަޒާބު ލިބޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘް ކުރެއްވިއެވެ. "القبر إما حفرة من حفر النار أو روضة من رياض الجنة" (رواه الترمزي) މާނައީ: "ކަށްވަޅަކީ ނަރަކައިގެ ގަދައަލިފާން ވަޅުގަނޑެކެވެ. ނުވަތަ ސުވަރުގޭގެ އުފާވެރި ބަގީޗާއެކެވެ.". މިއީ ދުނިޔޭގައި ޢަމަލު ކުރާމީހުންގެ ނިސްބަތުންނެވެ.

ކަށްވަޅުގެ ނިޢުމަތް ނުވަތަ ޢަޒާބަކީ ކޮންމެ އިންސާނަކަށްވެސް ލިބޭނެ ކަމެއްކަމަށް އީމާން ވާންޖެހެއެވެ. އެދެކަމުންކުރެ ކޮންމެސް އެއްކަމެކެވެ. އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ އަދި އިޙްސާސް ނުކުރެވޭ ޣައިބީ ކަންތައްތަކަށް އީމާންވެ، ހިތުގެއަޑިން ޤަބޫލު ކުރަންޖެހެއެވެ.

 ދީނުގެ މިފަދަ ކަންކަމަކީ ޙަޤީޤަތެއްނެތް ކަމެއްކަމަށް ހީކުރާ މީހާ މުސްލިމަކަށް ނުވެއެވެ. ﷲއަށް އީމާންވިޔަސް އީމާންކަމުގެ ޝަރުޠު ހަމަނުވާތީ އީމާންވާ މީހެއްކަމުގައި ނުވެއެވެ. މިފަދަ ކަންކަމަކީ އެނގުމާއި އިޙްސާސް ނުކުރެވުނު ކަމުގައި ވިޔަސް އިންކާރު ކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމާދަށްފަހު މާތް ﷲ އަށް ދުޢާކުރުމަށް އަންގަވާފައިވާ ކަންކަމުގެ ތެރޭގައި ކަށްވަޅުގެ ޢަޒާބުން ސަލާމަތްވުމަށް ދުޢާކުރުން ހިމެނެއެވެ.

 ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ގިނައިން ކަށްވަޅުގެ ޢަޒާބުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރައްވަތެވެ. މިއީ އަޅުގަނޑުމެންނަށް އެކަމުގެ ފިލާވަޅު ދެއްވުމުގެ ބޭނުމުގައެވެ. އެކަލޭގެފާނު މިފަދައިން ދުޢާކުރައްވަތެވެ. "" اللهم إني أعوذ بك من عذاب القبر" މާނައީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކަށްވަޅުގެ ޢަޒާބުން ރައްކާތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޞްރަތުން ދަންނަވަމެވެ."

ލިޔުނީ: އަޙްމަދު ސަލީމް ޙުސައިން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons