ޞާލިޙް
އަނތްބެއްގައި
ހުންނާނެ
ސިފަތައް
1-ފުރިހަމަ ގޮތުގައި މާތް ﷲ އަށް ބޯލަނބާ ކިޔަމަން ގަތުން:އެގޮތުން،ﷲގެ އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.އެއީ ނަމާދުކުރުން،ރޯދަހިފުން،ޢިއްފަތްތެރިވުން،ފުރިހަމައަށް ޢައުރަ ނިވާކުރުން،ޙަރާމް ތަކެއްޗަށް ނުބެލުންފަދަ ކަންތައްތަކެވެ.
2-ފިރިމީހާއަށް ކިޔަމަންތެރިވުން: އެކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށްއުރެދުމެއްނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރި ވުމެވެ.
3-ފިރިމީހާ ގާތުގައި ނެތް ވަގުތުގައިވެސް އޭނާ އަމިއްލަ ނަފްސަށާއި،އަބުރާއި ޢިއްޒަތަށް ރައްކާތެރިވެ، މި ހުރިހާ ކަމެއް އޭނާގެ ފިރިމީހާ އަށްޓަކާ ރައްކާތެރި ކުރުން: އެކަންތަށް ތަކުގެ ތެރޭގައި، އޭނާގެ ގައިގާ ބީހުމަށް ނުވަތަ އަތްލުމަށް އެދިއްޖެ ކޮންމެ މީހެއްގެ އަތުންނާއި،އޭނާއަށް ބެލުމަށް އެދިއްޖެ ކޮންމެމީހެއްގެ ލޮލުންނާއި، އަދި އޭނާގެ އަޑު އެހުމަށް އެދިއްޖެ ކޮންމެ މީހެއްގެ ކަންފަތުން ރައްކާތެރިވުމެވެ
އަދި ހަމައެފަދައިން އޭނާގެ ފިރިމީހާގެ ދަރިންނާއި ގެދޮރާއި މުދާ ރައްކާތެރި ކަންމަތީ ދެމެހެއްޓުމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. *فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌلِّلْغَيْبِ بِمَا حَفِظَ اللَّـهُ * (ސޫތަރުއް ނިސާ 34) މާނައީ: “ފަހެ ހެޔޮލަފާ އަންހެނުންނަކީ (މާތްﷲއަށާއި އެބައިމީހުންގެ ފިރިންނަށް) ކިޔަމަންތެރި އަންހެނުންނެވެ.ރައްކާތެރި ކުރުމަށް ﷲ އެންގެވި ކަންތައްތައް ސިއްރުގައިވެސް ރައްކާތެރިކުރާމީހުންނެވެ.” (އެއީ ފިރިންގެ ޣައިރުޙާޟިރުގައި އެކަނބަލުންގެ ޢިއްފަތްތެރިކަމާއި ފިރިންގެ މުދަލަށް ރައްކާތެރިވުމެވެ.)
އައްސަޢުދީ ވިދާޅުވެފައި ވެއެވެ. “فَالصَّالِحَاتُ قَانِتَاتٌ“ ގެ މާނައަކީ އެބައިމީހުންނީ އެބައިމީހުންގެ ވެރި މަތިވެރިވަންތަ ﷲ އަށް ކިޔަމަންތެރި ބައެކެވެ.“حَافِظَاتٌ لِّلْغَيْبِ“ ގެ މާނައަކީ އެބައިމީހުންނަކީ އެބައިމީހުންގެ ފިރިން ރަށުގައި ނުވަތަ ކައިރީގައިނެތް ޙާލަތުގައިވެސް އެމީހުންނަށް ކިޔަމަންތެރި އަމާނާތްތެރި ބައެކެވެ. އެފަދަ ޙާލަތުގައި އޭނާގެ ޢިއްފަތާއި އަމިއްލަ ނަފުސު އަދި ފިރިމީހާގެ މުދަލާއި ގެދޮރު ރައްކާތެރި ކުރާނެއެވެ.
ﷲގެ ރަސޫލޫ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އަންހެނަކު ފަރުޟު ފަސް ނަމާދު އަދާކޮށް، ރަމަޟާން މަހުގެރޯދަ ފުރިހަމަކޮށް، ޢިއްފަތްރެތި ކަމާއިއެކު އޭނާގެ ޢައުރައަށް ރައްކާތެރިވެ، އަދިއޭނާގެ ފިރިމީހާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެއްޖެ މީހާއަށް (ޤިޔާމަތްދުވަހުގައި ) ބުނެވޭނެއެވެ:’ކަނބުލޭގެ ބޭނުން ދޮރަކުން ސުވަރުގެ ވަންނާށެޥެ.’ “
4-ފިރިމީހާއަށް ޚިދުމަތް ކުރުން: އެންމެ ފުރަތަމަ ކަމަކަށް ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ. އެގޮތުން ހެޔޮގޮތުގައި ދަރިން ބަލައި ތަރުބިއްޔަތުކޮށް ބޮޑެތިކުރުމާއި އެނދުތަންމަތިއެޅުމާއި،ކައްކާ ކާންދިނުންފަދަ ކަންތައްތައް ހިމެނެއެވެ.
ޙުސެއިންބުނު މިހްޞާންގެ ފަރާތުން އޭނާގެ ބޮޑުދައިތަ ރިވާކުރެއްވިކަމަށް އައިސްފައިވެއެވެ. “އެއްދުވަހަކު އަހުރެން ކޮންމެވެސް ބޭނުމަކު ﷲ ގެ ރަސޫލުصلى الله عليه وسلمގެ އަރިހަށް ދިޔައީމެވެ.އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަނބުލޭގެތޯއެވެ. ކަނބުލޭގެ ކައިވެނި ކުރައްވައިފިންތޯއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އާދޭހެވެ.އެކަލޭގެފާނު ސުވާލުކުރެއްވިއެވެ.ކަނބުލޭގެ ފިރިމީހާއާ ދޭތެރޭ ކަންތައްތައް ކުރައްވަނީ ކިހިނެއް ތޯއެވެ؟ އަހަރެން ޖަވާބުގައި ދެންނެވީމެވެ. އަޅުގަނޑު އޭނާއަށް ޚިދުމަތްކުރުމުގައި އެއްވެސް ކަމެއް ދޫކޮށެއް ނުލަމެވެ. އަޅުގަނޑަށް ކުޅަދާނަވެގެންނުވާ ކަމެއް މެނުވީއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.އެހެންވެއްޖިއްޔާ އޭނާއާއެކު ތިޔަގޮތުގައި ދެމިހުންނާށެވެ. ހަމަކަށަވަރުން އޭނާއަކީ ކަނބުލޭގެ ސުވަރުގެއެވެ. އަދިކަނބުލޭގެ ނަރަކައެވެ.”
މިތާނގައި މިބަޔާންކޮށްލަނީ އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހުމާ އެކަމަނާގެ ފިރިކަލުންނަށް ޚިދުމަތް ކުރެއްވި ގޮތުގެ މިސާލަވަ. އެކަމަނާ ވިދާޅުވިއެވެ. “އައްޒުބައިރު ރަޟިޔަﷲ ޢަންހު ތިމަންކަމަނާއާއި ކައިވެނި ބައްލަވައިގަތްއިރު އެކަލޭގެފާނަށް އެއްވެސް މުދަލެއް އަދި އަޅެއްވެސް ލިބިގެން ނުވެއެވެ. އެކަލޭގެފާނަށް މިބިންމަތީގައި ލިބިގެންވާ ހަމައެކަނި އެއްޗަކީ ވަޅުން ފެންނަގައިގެން އުފުލުމަށް ގެންގުޅުއްވާ ޖަމަލަކާއި އަހެކެވެ. އެހެންކަމުން ތިމަން ކަމަނާ އޭނާގެ އަހަށް ކާންދެއްވާ ވަޅުން ފެންނަގަން ގެންގުޅުއްވާ ހަމުން ފޫގޮއްސައި ހުންންތަންތަން ފަހާ، ރޮށި ފިހުމަށް ފުށްމޮޑެ ތއްޔާރުކޮށް ހަދަމެވެ. އެހެންނަމަވެސް ތިމަންކަމަނާއަކީ ރޮށިފިހަން އެހާ ރަނގަޅަށް ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ތިމަންކަމަނާގެ އަވައްޓެރިންނަށް އުޅުނު އަންޞާރުންގެ އަންހެނުން ވަރަށް ރަނގަޅަށް އެކަންތަށް ކޮށްދެއްވައެވެ. އަދި ހަމައެފަދައިން ތިމަންކަމަނާގެ ބޯމަތީގައި ކަދުރު އުފުލަމެވެ. އެއީ ﷲގެ ރަސޫލާ صلى الله عليه وسلم އައްޒުބައިރަށް ދެއްވި ބިމަކުންނެވެ. އެތަނަކީ ގާތް ގަނޑަކަށް ދެމޭލު ދުރުގައިވާ ތަނެކެވެ.
އެއްދުވަހަކު ތިމަންކަމަނާ ކަދުރު އެއްޗަކަށް އަޅައިގެން ބޯމައްޗަށް ލައިގެން ވަޑައިގަންނަވަނިކޮށް ރަސޫލާ صلى الله عليه وسلم އަންޞާރުންގެ ބަޔަކާއިއެކު ވަޑައިގެންވަނިކޮށް ތިމަންކަމަނާއާ ބައްދަލުވިއެވެ.އެހިނދު އެކަލޭގެފާނު ތިމަންކަމަނާއަށް ގޮވާލައްވައި “އިޚް ، އިޚް” އޭ ވިދާޅުވިއެވެ.( ‘އިޚް އިޚް’ އެއީ ޖަމަލު ކަކޫޖައްސާ ތިރިކުރުމަށް ޢަރަބިން ބުނެއުޅޭ ބަހެކެވެ.) އެކަލޭގެފާނުގެ ޖަމަލުކޮޅުގައި އެކަލޭގެފާނު ފަހަތްޕުޅުގައި ތިމަންކަމަނާ ގެންދެވުމުގެ ބޭނުންފުޅުގައެވެ.( ދަންނައެވެ. މި ޙަދީޘްފުޅަކީ އެއްވެސް ޙާލެއްގައި މިޒަމާނުގައި، ހިލޭއަންހެނުން ފިރިހެނުންގެ ފަހަތުގައި ސައިކަލުތަކުގައި ދެމީހުން އެކަކު އަނެކަކުގެ ގައިގާ ތަތްކޮށްލައިގެންތިބެ ޚާއްޞަކޮށް މިއަދު މާލޭ މަގުތަކުން މިފެންނަ ޒާތަށް ދަތުރުކޮށް ހެދުމަށް ލިބޭ ބާރެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ކަނޑައެޅިގެންހުރި ޙަރާމް ކަމެކެވެ. މިޙަދީޘްފުޅުގައި ހިނގާފައި މިވާޙާދިޘާގައި ﷲގެ ރަސޫލާ صلى اللهعليه وسلم އެކަމަނާއާއިމެދުގައި ހަމްދަރުދީ އުފެދުނީ ކީއްވެކަމާއި އަދިއެކަމަނާ އެކަމަށް އިންކާރު ކުރެއްވި ކުރެއްވުމުން މައްސަލައިގެ ޙަޤީޤަތްސާފުވެ،ޙަދީޘްގައި އަންނަނިވި ބައިން އަމިއްލަ ނަފަސަށް ޙުކުމް ކުރާންއެނގޭނެއެވެ.) އެހެންނަމަވެސް ތިމަންކަމަނާ ފިރިހެނުން ތަކަކާއިއެކު ދިއުމަސް ލަދުފުޅުގެން ވަޑައިގަތެވެ. އަދި އައްޒުބައިރު އެކަމާއި ނުރުހުންވެ ވަޑައިގެންވާނޭ މިންވަރު ހިތްޕުޅަށް އެރިއެވެ. އެހެނީ އެކަލޭގެފާނީ އެފަދަ ކަންކަމާއި ވަރަށްބޮޑަށް ނުރުއްސަވާ ބޭފުޅެކެވެ. ދެން ތިމަންކަމަނާ ލަދުފުޅުގެންފައިވާތަން ފެނިވަޑައިގަތުމުން ﷲގެ ރަސޫލާ صلى اللهعليه وسلم ވަޑައިގެންފިއެވެ.
ދެން ތިމަންކަމަނާ އައްޒުބައިރުގެ އަރިހަށް އައިސް ދެންނެވީމެވެ. ތިމަންކަމަނާ ބޯމަތީގައި ކަދުރުއޮށް އުފުއްލަވަނިކޮށް ﷲގެ ރަސޫލު صلى الله عليه وسلمއާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ބަޔަކާއި އެކުވަނިކޮށް ތިމަންކަމަނާއާ ބައްދަލުވިއެވެ. އެހިނދު އެކަލޭގެފާނުގެ ޖަމަލު ތިރިކުރައްވާ މޮއްގަނޑު ބިންމަތީ ޖެއްސެވިއެވެ. ދެން ތިމަންކަމަނާ ލަދުފުޅުގެން އަދި ކަލޭގެފާނު އެފަދަ ކަންކަމާ ނުރުހުންވެ ވަޑައިގަންނަވާވަރު ހިތްޕުޅަށްއަރާ އެކަލޭގެފާނުގެ ފަހަތްޕުޅަކަށް ނާރަމެވެ. ދެން އައްޒުބައިރު ވިދާޅުވިއެވެ. ﷲ ގަންދެއްވާ ވިދާޅުވަމެވެ. ކަމަނާ އެކަދުރުއޮށްތައް އުފުއްލެވުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ވަޑައިގެންނެވުމަށްވުރެ ތިމަންކަލޭގެފާނަށް މާ ބުރަބޮޑެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އޭގެފަހުން (ތިމަންކަމަނާގެ ބައްޕާފުޅު) އަބޫބަކުރުގެފާނު އައްޒުބައިރުގެ އަސް ބެލެހެއްޓެވުމަށްޓަކާ ޚާދިމަކު ފޮނުއްވިއެވެ.އެކަމުން ތިމަންކަމަނާއަށް ލުޔެއް ލިބުނީ އެއަށްފަހިގައެވެ.”
އަނބިމީހާ ފިރިމީހާއަށް ޚިދުމަތް ކުރުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތެއް ހުރެއެވެ.ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “އަނބިމީހާ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތް ތަކާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތެވެ. އެއީ ގޭތެރެ ސާފުކުރުމާއި ، އެނދުތަންމަތި އެޅުމާއި، ކައްކާ ކާންތައްޔާރު ކޮށްދިނުމާއި، ރޮށިފިހުމާއި، ޒުވާރި މުގުރައިގެން ފުށްހެދުންފަދަ ކަންތައްތަކުގައެވެ. މީގެ އިތުރަށް ޖަނަވާރުތަށް ބަލަހައްޓާ މީހާއަށް އެތަކެތީގެ ކާބޯތަކެއްޗާއި ޙަވާލުވެފައިވާ ފަދައިން، ގޭގައި ގެންގުޅޭ މީހުންނާއި، އަޅުންނާއި ޖަނަވާރުތަކަށް އަނބިމީހާ ކާންދިނުންފަދަ ކަންތައްތަކުގައެވެ. ބައެއްމީހުން ބުނެއެވެ. “ފިރިމީހާއަށް ޚިދުމަތް ކޮށްދިނުމަކީ އަނބިމީހާގެ ވާޖިބެއް ނޫނެވެ.” މިހެން ބުނާ ބުނުމަކީ އެއްވަސް ބުރަދަނެއް ނެތް ބާތިލް ބުނުމެކެވެ. އެހެނީ ދެމީހުން ކައިވެނި ނުކޮށް އެއްދާންކުރުން ހުއްދައޭ ބުނާ ބުނުމަކީ ބާތިލް ބުނުމަކަށް ވާ ފަދައިންނެވެ! ކޮންމެއަކަސް ބުރަދަން ހުރެފައި ރަނގަޅުގޮތަކީ؛ފިރިމީހާއަށް ޚިދުމަތް ކުރުމަކީ އަނބިމީހާގެ މަށްޗަށް ވާޖިބުކަމެކެވެ. އެހެނީ ﷲގެ ފޮތުގައިވާ ގޮތުން ފިރިމީހާއަކީ އަނބިމީހާގެ ސާހިބުމީހާއެވެ. އަދި ރަސޫލު صلى الله عليه وسلمގެ ސުންނަތުން އެނގޭ ގޮތުގައި ” އަނބި މީހާއަކީ ފިރިމީހާގެ ބެލުމުގެ ދަށުގައި ހައްޔަރުވެފައިވާ މީހެކެވެ.” އަދި އަޅުންނާއި ހައްޔަރު ކުރެވިފައި ބައިތިއްބާ މީހުންނަކީ އެމީހުންގެ ސާހިބުނަނަށް ޚިދުމަތް ކުރަންޖެހޭ މީހުންނެވެ. މިއީ ގައިމުވެސް އެންމެން ދަންނަ ކަމެކެވެ.”
ﷲތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. *فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِبِمَا حَفِظَ اللَّـهُ * (ސޫތަރުއް ނިސާ 34) މާނައީ: “ފަހެ ހެޔޮލަފާ އަންހެނުންނަކީ (މާތްﷲއަށާއި އެބައިމީހުންގެ ފިރިންނަށް) ކިޔަމަންތެރި އަންހެނުންނެވެ.ރައްކާތެރި ކުރުމަށް ﷲ އެންގެވި ކަންތައްތައް ސިއްރުގައިވެސް ރައްކާތެރިކުރާމީހުންނެވެ.” (އެއީ ފިރިންގެ ޣައިރުޙާޟިރުގައި އެކަނބަލުންގެ ޢިއްފަތްތެރިކަމާއި ފިރިންގެ މުދަލަށް ރައްކާތެރިވުމެވެ.) “މި އާޔަތުން އެނގޭ ގޮތުގައި ފިރިމީހާއަށް ޚިދުމަތް ކޮށްދިނުމަކީ އަނބިމީހާއަށް ވާޖިބުވެގެންވާކަމެކެވެ. އެގޮތުން ފިރިމީހާއަށް ޚިދުމަތްކުރުމާއި، އޭނާއާއެކު ދަތުރުކުރުމާއި، ކޮންމެ ހިނދެއްގައިވެސް ފިރިމީހާއަށްޓަކާ ތައްޔާރަށް އޭނާގެ ޚިދުމަތުގައި ހުރުމާއި މިފަދަ ކަންކަމެވެ. އެއީ ކުރީގައި އޭނާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ކިޔަމަންތެރިވުން ވާޖިބުވީ ފަދައިންނެވެ. އަދި އޭރު އެމީހުންނަށް އޮތް ކިޔަމަންތެރިކަން މިހާރު މިވަނީ ފިރިމީހާއަށް ނަގުލު ވެފައެވެ”
5-ފިރިމީހާގެ ސިއްރުތަށް ވަންހަނާކުރުން: އެއީ ޚާއްސަ ގޮތެއްގައި ދެމަފިރިންގެ ދެމެދުގައި އެކަނި ހިނގާ ކަންތައްތަށް ސިއްރު ކުރުމެވެ. އޭގެތެރޭގައި ދެމީހުންގެ ޖިންސީ ގުޅުމުގެ ތަފާތު ކަންތައްތަކާއި ޒަވާޖީ ޙަޔާތުގެ ދެމީހުންގެ އަމިއްލަ ވާހަކަތަށް ހިމެނޭ ގޮތުންނެވެ. ފިރިމީހާގެ ސިއްރުތަށް ހާމަކުރުމަކީ ފިރިމީހާއަށް އުނދަގުލާއި ނުތަނަވަސްކަން އިހުސާސްކުރުވާ ކަމަކަށް ވާހިނދު އެއީ އަނބިމީހާދެކެ ފިރިމީހާ ރުޅި އަންނާނޭ ކަމެކެވެ. އެހެން ކަމަށްވާނަމަ މިއީ ފިރިމީހާގެ ލޯތްބާއި އޭނާގެ ރުހުން ހޯދުމާއި ، އޭނާއަށް ކިޔަމަން ވުމާއި ފުށުއަރާ އަދި އެކަމާއި ދިމާ އިދިކޮޅު ކަމެކެވެ.
ﷲ ތަޢާލާގެ މި ބަސްފުޅުގައި ވާގޮތުން ފިރިމީހާގެ ސިއްރުތަށް ވަންހަނާކޮށް ރައްކާތެރި ކުރުމަކީ ކިޔަމަންތެރި އަދި ޞާލިހް އަތްބެއްގެ މަސްއޫލިއްޔަތެކެވެ. “حَافِظَاتٌ لِّلْغَيْبِ“ (ސޫތަރުއް ނިސާ 34) މާނައީ: “އެބައިމީހުންނަށް ރައްކާތެރި ކުރުމަށް ﷲ އަމުރުކުރައްވާފައިވާ ކަންތައްތަށް އެބައިމީހުންގެ ފިރިންގެ ޣައިރު ޙާޟިރުގައި ރައްކާތެރި ކުރެއެވެ.”
އެބައިމީހުންގެ ފިރިން އެބައިމީހުންގެ ގާތުގައިނެތް ވަގުތުތަކުގައި ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ މުހިންމު އަނެއްބަޔަކީ ފިރިންގެ ސިއްރުތަކެވެ. އެހެންކަމުން އަނބިން އެބައިމީހުންގެ ފިރިންގެ ސިއްރުތަށް އެހެންމީހުންގެ ގާތުގައި ހާމަކޮށް ފަތުރައިގެން ނުވާނެއެވެ.
އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އެއްދުވަހަކު ރަސޫލު ﷲصلى الله عليه وسلم ގެ އަރިހުގައި އަންހެނުންނާއި ފިރިހެނުން އިށީންދެގެން ތިބިތަނެއްގައި ތިމަން ކަމަނާވެސް އިނީމެވެ. އެތަނުގައި އިންނަވާފައި ރަސޫލާ صلىالله عليه وسلم ޙަދީޘް ކުރެއްވިއެވެ. ‘ފަހަރުގައި ފިރިހެނަކު މީހެއްގެ ގާތުގާ ތިމަންނާ މިވެނިކަމެއް އަނބިމީހާއާއެކު ކުރީމޭ ބުނެފާނެއެވެ. އަދި ފަހަރުގައި އަންހެނަކު މީހެއްގެ ގާތުގާ ތިމަންނާ މިވެނިކަމެއް ފިރިމީހާއާއިއެކު ކުރީމޭ ބުނެފާނެއެވެ.!’ އެހިނދު މީސްތަކުން މަޑުމައިތިރި ވިއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. ﷲ ގަންދީ ދަންނަވަމެވެ. އާއެކެވެ. އޭ ﷲގެ ރަސޫލާ صلى اللهعليه وسلم އެވެ.ތިޔަކަންތަށް ޔަގީނުންވެސް އަންހެނުން ކުރެއެވެ. އަދި ތިޔަކަންތަށް ޔަގީނުންވެސް ފިރިހެނުން ކުރެއެވެ. ދެން ރަސޫލާ صلى الله عليهوسلم ޙަދީޘް ކުރެއްވިއެވެ.’ އެހެންވިއްޔާ ދެން އެކަނަތައްތަށް ނުކުރާށެވެ. ފަހެ، އެކަމަކީ ފިރިހެން ޝައިތާނަކާއި އަންހެން ޝައިތާނަކު މަގުމަތިން ބައްދަލުވެ، މީސްތަކުން ބަލަން ތިއްބާ އެދެމީހުންގެ ޖިންސީ އެދުން ފުއްދުން ފަދަ ކަމެކެވެ.’” (ރިވާކުރެއްވީ އަޙްމަދު 6/456)
6-ފިރިމީހާގެ ކުރިމައްޗަށް ނިކުންނަން ވާނީ ވީ އެންމެ ބޮޑަކަށް ޒީނަތްރެރި ވެގެންނެވެ: އެއީ ފިރިމީހާ އޭނާއަށް ބަލައިފި ނަމަ ފިރިމީހާގެ ހިތުގައި އުފާވެރިކަން އުފެދޭ މިންވަރަށެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲގެ ރަސޫލު صلى اللهعليه وسلم އާ ސުވާލު ދެންނެވުނެވެ. “އަންހެނުންގެ ތެރެއިން އެންމެ ރަނގަޅު ބަޔަކީ ކޮބައިތޯއެވެ.؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” އޭނާގެ ފިރިމީހާ، އޭނާއަށް ބަލާލުމުން ފިރިމީހާއަށް އުފާވެރިކަން ( އޭނާގެ ރީތިކަމުން، ނުވަތަ ހިތްހެޔޮކަމުން ނުވަތަ ތަޤުވާވެރިކަމުން) ގެނެސް ދޭމީހާއެވެ. އަދި އޭނާ އަމުރެއްކޮށްފިނަމަ ކިޔަމަންތެރިވާމީހާއެވެ. އޭނާއަކީ އޭނާގެ އަމިއްލަ ނަފްސުން ނުވަތަ އޭނާގެ މުދަލުން އެއްވެސް ޙާލެއްގައި އޭނާގެ ފިރިމީހާ ނުރުހޭ އަދި ނުގަބޫލު ކަމެއްނުކުރާ މީހާއެވެ.” (ރިވާ ކުރެއްވީ އައްނަސާއީ 6/68، އަލް ޙާކިމް 2/61،އަޙްމަދު 2/251)
7- ފިރިމީހާގެ މުދަލުން ވިޔަސް އަނބިމީހާގެ މުދަލުންވިޔަސް ފިރިމީހާގެ ނުގަބޫލުގައި އެއްވެސް ކަމަކަށް ހޭދަކޮށްގެން ނުވާނެއެވެ.
ޢަބްދުﷲ ބުނުޢަމްރުބުނުލްޢާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އަންހެނަކަށް އޭނާގެ ފިރިމީހާގެ ހުއްދައާނުލާ މީހުންނަށް ހަދިޔާ ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ.” (މީގެތެރޭގައި ފާޑުފާޑުގެ ވިޝްކުރުމާއި އެކިއެކި މުނާސަބަތު ތަކުގައި މީސްމީހުންނަށްދީ ނުވަތަ ފޮނުވާ ހަދިޔާ ހިމެނެއެވެ.)
އަލްބާނީ ވިދާޅުވެފައިވެއެވެ. “އެހެންވުމުން އެމުދާ (އަނބިމީހާގެ މުދާ) ފިރިމީހާއަށް ލިބެނީ އެއް ނޫނެވެ. އެހެނެއްކަމަކު އެއީ އަނބިމީހާގެ މުދާ ބޭކާރުގޮތުގައި ހޭދަވެގެންދިޔުމުން ސަލާމަތް ކުރުމަށްޓަކައި އަދި ދެމަފިރިންގެ މަންފާއަށްޓަކައި،ފިރިމީހާއަށް ލިބިފައިވާ ބާރެކެވެ. ޙަގީގަތުގައި ފިރިމީހާއަށް ލިބިފައިވާ މިބާރަކީ އަންހެންކުދިންގެ ބަލަދު ވެރިންނަށް ވަލީދިނުމުގެ ބާރު ލިބިފައިވާފަދަ ބާރާއި އެއްފަދަ ބާރެކެވެ. އެހެނީ އަންހެން ކުއްޖާއަށް ކައިވެނި ކުރެވެނީ އޭނާގެ ބަލަދުވެރިޔާ ވަލީދިނުމުންނެވެ. ޙައްގަކާނުލާ އަންހެންކުއްޖާއަށް ވަލީދިނުމާއި އޭނާ ދެކޮޅުވެރި ވެއްޖެނަމަ އަންހެންކުއްޖާއަށް ޙާކިމާ ނުވަތަ ގާޒީގެފަރާތުން އެ ކައިވެނި ކުރުމަށްވަލީދެވޭނެއެވެ. ހަމައެފަދައިން އަނބިމީހާގެ މުދަލުން ހުއްދަ ގޮތުގައި އޭނާއަށްވާޖިބުވެފައިވާ ކަމަކަށް ޚަރަދު ކުރުމާ ފިރިމީހާ ދެކޮޅު ހަދައިފިނަމަ އިންސާފުން އެޙައްޤު އަނބިމީހާއަށް ހޯދައިދެވޭނެއެވެ. އެހެން ކަމުން މިކަމުގެ ޙުކުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އަނބިމީހާގެ މުދާ ހޭދަކުރެވޭ ގޮތެވެ. އެހޭދަކުރަނީ ހުއްދަ ގޮތެއްގައި ތޯ ނުވަތަ ނޫންތޯއެވެ.”
8- ފިރިމީހާގެ ހުއްދަނެތި ފިރިމީހާގެ (ދެމަފިރިންގެ) ގެއަށް އެއްވެސް މީހަކު އަނބިމީހާ ވައްދައިގެން ނުވާނެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ފިރިމީހާ ރަށުގައި އުޅޭއިރު އޭނާގެ ހުއްދައަކައިނުލާ އަނބިމީހާ ރޯދަހިފުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން އޭނަގެ ހުއްދައަކާނުލައި އެއްވެސް މީހަކު ގެއަށް ވެއްދުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ފިރިމީހާގެ އަމުރާއިނުލާ އަނބިމީހާ ޞަދަޤާތުގެ ގޮތުގައި ހޭދަކުރާތަކެތީގެ ސަވާބުގެ ދެބައިކުޅަ އެއްބައި ލިބޭހުށީ އޭނަގެ ފިރިމީހާ އަށެވެ.”
9 – ފިރިމީހާގެކިބައިން އެކަމަށް ލާޒިމުކުރާ ސަބަބެއްނެތި އަނބިމީހާ ވަރިއަށް އެދިގެން ނުވާނެއެވެ.
ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” އެކަމަށް ލާޒިމުކުރާ ސަބަބެއްނެތި އޭނާގެ ފިރިމީހާގެ ކައިރީން ވަރިއަށް އެދޭ އަންހެނުންނަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.”
10- ލަޢުނަތް ދިނުމުން ދުރުހެލިވުން.
އަބޫސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.” ﷲ ގެ ރަސޫލު صلى الله عليه وسلم ފިތުރު ޢީދު ނުވަތަ އަޟުހާޢީދު ނަމާދަށް ވަޑައިގަތުމަށްފަހު އެންމެހައި ކަނބަލުންނާއި މުޚާތަބު ކުރަށްވާ ޙަދީޘް ކުރެއްވިއެވެ. އޭ އަންހެނުންނޭވެ! ޞަދަޤާތްދޭށެވެ. ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންކަމުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން އެބައި މީހުން ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކީއްވެތޯއެވެ؟ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ތިޔަބައިމީހުންނަކީ (އަންހެނުންނަކީ) ގިނަގިނައިން މީހުންނަށް ލަޢުނަތްދޭ ބައެކެވެ. އަދި ފިރިންނަށް ޝުކުރުވެރިނުވާ ބައެކެވެ.”
11.ފިރިމީހާއަށް ޝުކުރުވެރިވުން
ފިރިމީހާ ކޮށްދޭ ރަނގަޅު ކަންތައްތަކަށާއި، އޭނާގެ އަނބިމީހާއަށްޓަކައި ކޮށްދޭ ޚިދުމަތުގެ އަގުވަޒަން ކުރަންޖެހޭނެއެވެ.
މިކަންކަމަކީ ފިރިމީހާއާ ރީތިބަހުރުވައިން ވާހަކަ ދެއްކުން ނުވަތަ ހެޔޮބަހެއް ބުނުން އަދި ފިރިމީހާއަށް ކިޔަމަންތެރިވުމުން އަދި އޭނާ ކޮށްދޭ ރަނގަޅު ކަންތައްތަކުގެ މަތިން ހަނދާން ނައްތާނުލުމާއި އެފަދަ ކަންކަމާ ދެކޮޅު ހެދުމުން ދުރުހެލިވުންފަދަ ކަންކަމެވެ. އެހެނީ އެފަދަ ކަންކަމާ ދެކޮޅު ހެދުމަކީ އަނބިމީހާ ނަރަކައަށް ވެއްޓިދާފަދަ ކަންތައްތަކެވެ.
އިބުނު ޢައްބާސް ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާصلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. ” ތިމންކަލޭގެފާނަށް ނަރަކަ ދެއްކެވުނުހިނދު އެތަނުގެ އަހުލުވެރިންގެތެރެއިން ގިނަމީހުންނަކީ ޝުކުރުވެރިނުވާ އަންހެނުން ކަމުގައި ވިއެވެ. އެހިނދު ދެންނެވުނެވެ. އެމީހުންނަކީ ﷲ އަށް އިމާން ނުވާ މީހުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ، އެބައިމީހުންނަކީ އެބައިމީހުންގެ ފިރިންނަށް ކުފުރުވާ މީހުންނެވެ. އަދި އެބައިމީހުންގެ ފިރިން ކޮށްދޭ ރަނގަޅު ކަންތައްތަކަށް އިންކާރުކުރާމީހުންނެވެ. އެއިން މީހަކަށް މުޅިޢުމުރުގައި ރަނގަޅަށް ކަންތައް ކޮށްދިންކަމުގައިވިޔަސް، އޭނާ ނުރުހޭ ކަމެއް ދިމާވާއިރަށް އޭނާ ބުނާނެއެވެ. ކަލޭގެފަރާތުން އެއްވެސް ހެޔޮކަމެއް އަހަރެން ނުދެކެމެވެ.”
ރަސޫލާ صلى الله عليه وسلمޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. ” ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނަކަށް މާތްﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. އަދި އެކަމަކީ ފިރިމީހާއާއިނުލާ އޭނާއަށް ކުރެވޭނެ ކަމެއްނޫނެވެ.”
12.ފިރިމީހާގެ ގެއިންބޭރު އެއްވެސް ތަނެއްގައި އަނބިމީހާގެ އަޢުރަ ކަޝްފު ކޮށްގެން ނުވާނެއެވެ.
ރަސޫލާصلى الله عليه وسلمޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. ” އެއްވެސް އަންހެނަކު އޭނާގެ ގެ ފިޔަވައ އެހެންތަނެއްގައި ހެދުން ބާލައިފިނަމަ (އަޢުރަ ހާމަކޮށްފިނަމަ) ގަދަފަދަވަންތަ މަތިވެރިވަންތަ ﷲ އޭނާގެނިވާކަން ވީދަވާ ހުއްޓެވެ.”
އަލްމަންނާވީ ވިދާޅުވިއެވެ. “މަތިވެރިވަންތަ ގަދަފަދަވަންތަ ﷲ އެކަލާނގެ ނިވާކުރެއްވި ނިވާކުރެއްވުން އަންހެނާގެ ކިބައިންވީއްދަވާލެއްވުމަށް މެދުވެރިވާ ސަބަބަކީ؛ އޭނާއަށް އަމުރުވެވިގެންވަނީ ހިލޭމީހުންގެ ކުރިމަތީގައި އޭނާގެ އަޢުރަ ނިވާކޮށް ރައްކާތެރިވެގެން އުޅުމަށް ކަމަށްވެފައި، އޭނާވަނީ އަމުރު ވެވިގެންވާގޮތާއި ދެކޮޅުވެރިވެ އެކަމުން ދުރުހެލިވެގެންފައި ކަމަށްވާތީއެވެ. އެހެންކަމުން މިއީ އެކަމުގެ ބަދަލެއްގެ ގޮތުން އޭނާއަށްދެވޭ ސަޒާއެކެވެ. މިތަނުގައި އަޢުރަ ކަޝްފުކުރުމޭ ބުނެވޭބަހުގެ މާނައަކީ ޖިންސީ އެދުން ފުއްދުމުގެ ބޭނުމުގައި ނުވަތަ އެކަމަށް މަގުފަހިކޮށްދީފާނެ ފަދަގޮތަކަށް (ޝަހުވަތްތެރިކަމުގެ ގޮތުންނާއި) ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އަޢުރަ ހާމަކުރުމެވެ. ކޮންމެއަކަސް އަންހެނުންތަކެއްގެ ތެރޭގައި ވަނިކޮށް އޭނާގެ އަޢުރަ ހާމަކުރިކަމުގައިވިޔަސް އޭނާގެ ޖިންސީގުނަވަންތަށް ފުރިހަމައަށް ނިވާވެފައިވާ ކަމުގައިވާނަމަ މިދެންނެވުނު އިންޒާރުތެރޭގައި ނުހިމެނޭނެއެވެ.”
13.ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ރުހުން ހޯދަން މަސައްކަތް ކުރުން
“ތިބާ އަހަރެންނާ ދޭތެޜޭގައި ރުހިއްޖެއުމަށްދާންދެން އަހަރެން ނިދީގެ އަރާމެއް ނުހޯދާނަމެވެ…..” މިއީ ޞާލިޙު އަނބިންގެ ބުނުމެއްގޮތުގައި އިސްވެ ގޮސްފައިވާ ޙަދީޘެކެވެ.
އައްޛަހަބީގެ “އަލްކަބާއިރު”ގައިވެސް އައިސްފައިވެއެވެ. އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ފިރިމީހާގެ ރުހުމާއި ލޯބި ހޯދަންމަސައްކަތްކުރުމެވެ. އަދި އޭނާ ރުޅިއެރުވުމުން ދުރުހެލިވުމެވެ. އަދި އޭނާއެދޭ އެއްވެސް ހިނދެއްގައި އެކަމަށް އިންކާރުނުކުރުމެވެ. އަންހެނުންނަށް އެބައިމީހުންނަކީ އެމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ ބައެއްކަން އެނގެން ޖެހޭނެއެވެ. އެހެންކަމުން އޭނާގެ ނުވަތަ އޭނާގެ ފިރިމީހާގެ އެއްވެސް މުދަލަކަށް ފިރިމިހާގެ ހުއްދަނެތި އެއްވެސް ގޮތެއް ހަދައިގެން ނުވާނެއެވެ. އަދި އޭނާގެ އަމިއްލަ ކަންތައްތަކަށްވުރެ ފިރިމީހާގެ ކަންތައްތަކުގައި އިސްކަން ދޭންޖެހޭނެއެވެ. އަދި އޭނާގެ ތިމާގެމީހުންނަށްވުރެ ފިރިމީހާގެ ތިމާގެމީހުން އިސްކުރަން ޖެހޭނެއެވެ. އަދި އޭނާ އަބަދުވެސް ސާފުކަމާއި ރީތިކަމާއިއެކު އޭނާގެ ކިބައިން ފިރިމީހާއަށް އުފާ ލިބިގަނެވޭފަދަ ގޮތަކަށް ތައްޔާރުވެގެން ހުންނަން ޖެހޭނެއެވެ. އަދި އޭނާގެ ޒީނަތްތެރިކަމަށްޓަކައި ފިރިމީހާގެ މުދާ ބޭކާރުގޮތުގައި ޚަރަދުކޮށްގެން ނުވާނެއެވެ. އަދި އެކަމުގެ ބަދަލުގައި ފިރިމީހާއަށް ހުތުރު އެއްޗެތިކިޔާ ހަދައިގެން ނުވާނެއެވެ. ފިރިމީހާގެ ކުރިމަތީގައި އަބަދުވެސް ރީތިގޮތުގައި އޭނައަށްޓަކައި ހުންނަންޖެހޭނެއެވެ. އަދިފިރިމީހާގެ އަމުރުތަކަށް ކިޔަމަންތެރިވެ، އޭނާގެކުރިމަތީގައި ބެލުންތިރިކޮށް އޭނާ ވާހަކަދައްކާއިރު މަޑުމައިތިރިވެ އޭނާރުޅި އަތުވެދާނެފަދަ ހުރިހަކަމަކުން ދުރުހެލިވެގެން ހުންނަން ޖެހޭނެއެވެ.
އަދި އޭނާނެތް ވަގުތުގައި އޭނާގެމުދަލާއި ގެދޮރާއި އަދިއޭނާގެ ތަންމައްޗަށް ޚިޔާނާތްތެރިވެގެން ނުވާނެއެވެ. އަދި އޭނާގެ ގައިގެވަސް މީރުތޯ ޔަޤީންކޮށް މީރުވަސް ދުއްވާ، ސިވާކުން ދަތްއުނގުޅާ ސާފުކަންމަތީ ހުންނަންޖެހޭނެއެވެ. އަދިފިރިމީހާގެ ގާތުގައި ހުންނައިރު އަބަދުވެސް ޒީނަތްތެރިވެގެން ތައްޔާރަށް އަދި ގާތުގައި ފިރިމީހާ ނުހުންނައިރު އެފަދައިން ޒީނަތްތެރިވެގެންނުވާނެއެވެ. ފިރިމީހާގެ ޢާއިލާއާއި ތިމާގެމީހުންނާ ދޭތެރޭގައި ރީތިގޮތުގައި ކަންތައްތަށް ކުރަންޖެހޭނެއެވެ. އަދި އޭނާގެ ފަރާތުން މަދު އެތިކޮޅެއް ލިބުނު ކަމުގައިވިޔަސް އެއީ ގިނަ އެއްޗެއް ގޮތުގައި ބަލައިގަންނަންޖެހޭނެއެވެ.
ނިމުނީ!
ޢަބްދުﷲ ބުނުޢަމްރުބުނުލްޢާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އަންހެނަކަށް އޭނާގެ ފިރިމީހާގެ ހުއްދައާނުލާ މީހުންނަށް ހަދިޔާ ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ.” (މީގެތެރޭގައި ފާޑުފާޑުގެ ވިޝްކުރުމާއި އެކިއެކި މުނާސަބަތު ތަކުގައި މީސްމީހުންނަށްދީ ނުވަތަ ފޮނުވާ ހަދިޔާ ހިމެނެއެވެ.)
ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” އެކަމަށް ލާޒިމުކުރާ ސަބަބެއްނެތި އޭނާގެ ފިރިމީހާގެ ކައިރީން ވަރިއަށް އެދޭ އަންހެނުންނަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.”
0 comments:
Post a Comment