ތިމަންގެ ގާތް އެކުވެރިއެއް، އޭނާގެ ހިތްގައިމު ރަށުގައި ތިމަންގެ ޗުއްޓީ ހޭދަކޮށްލުމަށް ދަޢުވަތުދިނެވެ. އެ އެކުވެރިޔާގެ ރަށަކީ ކުޑަ ރަށެކެވެ. ވެރިރަށާ އެ ރަށާ ދެމެދުގައި ވަނީ ގާތްގަނޑަކަށް ކާރުގައި 12 ގަޑިއިރު ގެ ރާސްތާއެވެ.
އެރަށަށް ދިޔަމަގުމަތީގައި އަހަރެމެން ވާހަކަދައްކައި، ހީ ހެދީމެވެ. ހަމައެހެންމެ، ފަރުބަދަތަކުގެ ރިވެތި މަންޒަރުތަކުން ހިތަށް އުފާ ޙާޞިލުކުރީމެވެ. ދުވަސްވަރަކީ ވެރިރަށަށް ހޫނު ދުވަސްވަރެކެވެ. ދަތުރުގައި ތިމަންމެން ފަރުބަދަތަކުގެ މައްޗަށް އެރިވަރަކަށް ފިނިހޫނުމިން ރަނގަޅުވެ، ފިނިކަން އިޙްސާސްވެގެންދިޔައެވެ.
ރަށަކީ ވަރަށް ރީތި ރަށެކެވެ. ރަށް ވަށާލެވިފައިވަނީ ފެހިކަންގަދަ ޖަންގަލިންނެވެ. އުސްވެފައި ހުންނަ ބިންތަކުގައި ގެތައް ގިނައެވެ. ތިމަންނައަށް ދެވުނު ދުވަހު ދަތުރުގެ ވަރުބަލިކަމާހުރެ ރަށުތެރެ ބަލާލުމަށް ދެވޭވަރެއް ނުވިއެވެ.
އަދި އާދެވުނުއިރު ވަނީ ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެގަންނަން ފަށައިފިއެވެ. ރޭގަނޑު ބޭރަށް ދިޔުމުގެ ބަދަލުގައި ތިމަން ޚިޔާރުކުރީ އެކުވެރިޔާގެ ގޭގައި މަޑުކޮށްލާށެވެ. ނިދުމުގެ ވަގުތު ޖެހިއްޖެއުމަށްދާންދެން ތިމަންމެން ވާހަކަ ދެއްކުމުގައި ތިބީމެވެ.
ގަޑިން ރޭގަނޑު ދިހައެއްޖެހުމާ ކައިރިވެއްޖެއެވެ. އެނދު މަތީގައި ފޮތެއް ކިޔާލުމުގައި އިންދައި، ކުއްލިއަކަށް އަންހެނެއްގެ ރުއިމުގެ އަޑު އައިސް ކަންފަތުގައި ޖެހިއްޖެއެވެ. އެރުއިމުގައި ވަނީ މާޔޫސްކަމެވެ. ހިނދުހިނދުކޮޅުން އަޑުތަފާތުވެއެވެ. ތިމަން އެނދުން ތެދުވެ، ކުޑަދޮރާދިމާލަށް ދިޔައީމެވެ. އެ ރުއިމުގެ އަޑު އެ އަންނަނީ ކައިރީގައި ހުރި ގެއަކުންނެވެ.
ޖެހިގެން އައިދުވަހު ހެނދުނު، އެ ރުއިމަކީ ކޮން ރުއިމެއްތޯ ތިމަންގެ އެކުވެރިޔާ ކުރެން އަހާލީމެވެ. އެކުވެރިޔާ ތިމަންނައަށް ޖަވާބުދިނެވެ. “އެއީ ބުއްދިހަމަނުޖެހޭ އަންހެނެއްގެ އަޑެވެ. އޭނާ، އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާއަޑެވެ. އެ ދަރިފުޅު އުޅެނީ އެ އަންހެންމީހާއާ ދުރުގައެވެ. އެ އަންހެންމީހާ އޭނާގެ ދަރިފުޅުދެކެ ނުހަނު ލޯބިވާކަން ފިޔަވައި އިތުރުވާހަކައެއް އެ އަންހެންމީހާއާ ބެހޭގޮތުން ތިމަންނައަކަށް ނޭނގެއެވެ.
އެ ދަރިފުޅަށް އެ އަންހެންމީހާ ބަލިވެ އިންދައި ވަރިކުރި ފިރިހެންމީހާ އައިސް އެ ދަރިފުޅު ގެންދިޔުމުން އެ އަންހެންމީހާ މޮޔަވީއެވެ. އެ އަންހެންމީހާގެ ރުއިމުގެ ސަބަބުން ތިބާއަށް ނިދަން އުނދަގޫވިތޯއެވެ؟” ތިމަން ބުނީމެވެ. “ނޫނެކެވެ. ތިމަންނައަކަށް އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައިވެސް ވަރަށް ދެރަވިއެވެ.”
ދެތިން ދުވަހެއްފަހެވެ. ތިމަން އެކަނިމާއެކަނި ހިނގާލުމަށް ނުކުތީމެވެ. ވަޤުތަކީ އިރުއޮއްސުމަށް އިރު ތައްޔާރުވަމުން ދިޔަ ވަޤުތެވެ. ބޭނުމަކީ ކުރިމަތީގައި ފެންނަން އޮތް ބޮޑު ހިލަގަނޑަކާ ހަމައަށް ވާޞިލުވުމެވެ. ކުއްލިއަކަށް ތިމަން ހުއްޓުން އެރީ ކުރިމަތިން ފެނުނު ދިގު، ދޮން އަންހެނެއްގެ ސަބަބުންނެވެ.
އެ އަންހެންމީހާގެ ޢުމުރު ގާތްގަނޑަކަށް ސާޅީހާ ގާތްވާނެއެވެ. ތިމަން ފެނުމާއެކު އެ އަންހެންމީހާ ބިރުގަތެވެ. އެ އަންހެންމީހާއަށް ހަދާނެގޮތެއް ނޭނގުނެވެ. ތިމަންގެ ކުރިމަތީގައި ހުންނާނީތޯ ނުވަތަ ދުވެ ފިލާނީތޯއެވެ. ކުޑަ ވަޤުތުކޮޅަކަށްފަހު ރުޅިވެރިކަމާއެކު ތިމަންނައަށް ބުންޏެވެ. “ތިމަންގެ ކިބައިން ބޭނުން ވަނީ ކޮންކަމެއް ހެއްޔެވެ؟ ތިމަންގެ ފަހަތުން ކޮންމެތަނަކަށް ތިޔަ އަންނަނީ ކީއްވެގެން ހެއްޔެވެ؟” ތިމަން ބުނީމެވެ. “ދައްތާއެވެ! ތިމަންނައަށް މަޢާފުކުރާށެވެ.
އެއްވެސްޙާލެއްގައި ތިމަންގެ ޤަޞްދަކީ ދައްތައަށް އުނދަގޫކުރުމެއް ނޫނެވެ. އަދި ދައްތަގެ ފަހަތުން ދިޔުމެއްވެސް ނޫނެވެ. ތިމަންނައަކީ ބީރައްޓެއްސަކީމެވެ. ދައްތައަކީ ކާކުކަމެއްވެސް ނޭނގެއެވެ.” މިފަދައިން ބުނެ އެ އަންހެންމީހާއާ ދުރުވުމަށް ތިމަން ޤަސްދުކުރީމެވެ. އެހެންނަމަވެސް، ތިމަންގެ ހެދުން ފެނިފައި ތިމަންނައަކީ އެރަށު މީހެއްނޫންކަމާއި، ނުބައިކަމެއްގެ ނިޔަތެއްގައި އައިމީހެއްނޫންކަން އެ އަންހެންމީހާއަށް އިޙްސާސްކުރެވުމުން ތިމަންނައާ ވާހަކަ ދައްކާލުމުގެ ޝައުޤުވެރިކަން އެ އަންހެންމީހާގެ ކިބައިން ފެންނަން ފެށިއެވެ.
އަދި ތިމަންނައަށް ބުންޏެވެ. “ކޮއްކޮއަކީ ބީރައްޓެސަކީމު ދޯއެވެ؟ … ކޮއްކޮ އޭނާ ދެކުނިން ހެއްޔެވެ؟ … ކޮއްކޮ ތިމަންގެ ދަރިފުޅު ދެކުނިން ހެއްޔެވެ؟ އޭނާ އެނބުރި އަންނާނަމޭ ކޮއްކޮ ކައިރީ ބުނި ހެއްޔެވެ؟” މިހެން ބުނެފައި ރޯން ފެށިއެވެ. ތިމަން ބުނީމެވެ. “ދައްތާއެވެ! ހަމަޖެހޭށެވެ. ކޮންމެ ބީރައްޓެއްސަކަށް ދައްތަގެ ދަރިފުޅު އެނގޭނެ ހެއްޔެވެ؟ ދައްތަގެ ވާހަކަ ކިޔައިދިނުމުން ފަހަރެއްގައި ދައްތައަށް އެހީތެރިވެވިދާނެއެވެ.” ބުންޏެވެ. “ތިމަންނައަކީ ގެއްލިފައިވާ މީހަކީމެވެ. ކުޑަކުއްޖެއް އެކުއްޖާގެ ގެ ގެއްލިފައިވާ ފަދައިންނެވެ. ތިމަންގެ އަތުން އެބައިމީހުން އެ ދަރިފުޅު ޖަހައިގަތީއެވެ. ކޮއްކޮއަކަށް ތިމަންނައަށް އެހީތެރިއެއް ނުވެވޭނެއެވެ…….”
މި ޢިބާރާތާއެކު ވާހަކަ ދެއްކުން ކުޑަވަގުތުކޮޅަކަށް މެދުކަނޑާލައިފިއެވެ. އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. “މިރަށު އެންމެން ބުނާގޮތުގައި ތިމަންނައަކީ މޮޔައެކެވެ. ވާނީ އެހެންނެވެ. ތިމަންނައަށް އެނގެނީ އެ ދަރިފުޅުގެ ނަން އެކަންޏެވެ. ތިމަންނައަށް ގޮވެނީ އެ ދަރިފުޅަށެވެ. ތިމަން ބޭނުން ވަނީ ….. އާހް، އާހް. ތިމަން ބޭނުން ވަނީ ކޮންކަމެއް ހެއްޔެވެ؟ ތިމަން ބޭނުންވަނީ ކޮންކަމެއްކަމެއް ޚުދު ތިމަންނައަށްވެސް ނޭނގެއެވެ.
އެދުވަހެއް އަޔަސް ތިމަންނައަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް ތިމަންނައަށް އިންތިޒާރުކުރެވެނީ އެ ދަރިފުޅު އަންނާނެ ދުވަހަކަށެވެ. އެ ދަރިފުޅަށްވެސް އެކަން އެނގޭނެއެވެ. ނަމަވެސް ތިމަންގެ ލޯތްބާއެކު އެ ދަރިފުޅު ގެއްލިއްޖެކަން ތިމަންނައަށް އަންގައިދީފިއެވެ. އަދި މީސްމީހުން އެދައްކާ ވާހަކަވެސް އަންގައިދީފިއެވެ. މިއަދުވެސް އަދި ކޮންމެ ދުވަހަކުވެސް ތިމަން އެ ދަރިފުޅު ހޯދަނީއެވެ. އާއެކެވެ! ތިމަންނައަކީ މޮޔައެކެވެ. މި ދުނިޔޭގައި ކުޑަ ދަރިފުޅަކަށްޓަކައެވެ.
އެ ދަރިފުޅަކީ ވިދާވިދުވަރެއް ފަދައިން ތިމަންގެ ޙަޔާތް އަލިކޮށްދިން ކުއްޖެކެވެ. އޭގެފަހުގައި ތިމަންގެ ކިބައިން އެކުއްޖާ ދުރަށް ލެވުނެވެ. ހުރިހާ އެންމެން ބުނަނީ ތިމަންނައަކީ ކުޑަ ކުއްޖަކަށްޓަކައި މުޅި ދުނިޔެ ހޭދަކުރާމީހެއްކަމުގައެވެ. އެ ދަރިފުޅު ފެނިއްޖެމީހެއްނަމަ އެކުއްޖާގެ ރިވެތިކަމުން އެކުއްޖާއާ ދިމާއަށް މޫނު އަނބުރާނުލާ ހަމައެކަކުވެސް ނުދާނެއެވެ. މިފަދަ އުފާވެރިކަމާއެކު ވަނިކޮށް ތިމަންގެ ކިބައިން އެކުއްޖާ ވަކިކުރީއެވެ. އެކަންކުރީ ކިހިނެއްކަމެއް ތިމަންނައަކަށް ނޭނގެއެވެ؟
އެކަންކުރީ ކޮން އިރެއްގައިކަމެއްވެސް ނޭނގެއެވެ؟ ތިމަން އެ ދަރިފުޅަށް ބަލިވެއިންދައި، ތިމަން ވަރިކުރި އެ ދަރިފުޅުގެ ބައްޕަ މިރަށަށް އައެވެ. އަދި ދުވަސްކޮޅެއްފަހުން އެ ދަރިފުޅު ޖަހައިގަނެގެން ގެންދިޔައެވެ. އަކަން ކުރީ ކިހިނެއްކަމާމެދު ކޮއްކޮ ތިމަންނައާ ސުވާލު ނުކުރާށެވެ. ތިމަންގެ ލޯމަތިން އެ ދަރިފުޅު ކުއްލިއަކަށް މިގެއްލުނު ގެއްލުމަށްފަހު، ހަތް އަހަރުފަހުން ނޫނީ ތިމަންނައަކަށް އެ ދަރިފުޅު ނުފެނެއެވެ.”
އަނެއްކާވެސް ކުއްލިއަކަށް އެ އަންހެންމީހާ ވާހަކަ މެދުކަނޑާލައިފިއެވެ. ތިމަން ނޫން އެހެންމީހަކު އެ އަންހެންމީހާގެ ކުރިމަތީ އައިސް ހުއްޓުނު ކަހަލައެވެ. އެމީހަކާ ދިމާލަށް އެނބުރި، އެމީހަކާ ދިމާލަށް ބަސްބުނަން ފަށައިފިއެވެ. އެ އަންހެންމީހާއަށް ތިމަން ކުރިމަތީ ނެތް ފަދައެވެ. ” … އާހް އޭ އަހަރެންގެ ދަރިފުޅާއެވެ! ތިމަންމެން ވަކިވުމަށްފަހު ހަތް އަހަރު ވޭތުވެދިޔުމަށްފަހު ތިމަންނައަށް ދަރިފުޅު ފެނުނެވެ.
ދަރިފުޅުވީ ތިމަންނައަށް ދުރުމީހެއްކަމުގައެވެ. ދަރިފުޅާއެވެ! ތިމަންގެ ދެލޮލުން މަންމައެއް ތިބާއާމެދު ޝައުޤުވެރިވެފައިވާ މިންވަރު ނުފެނޭ ހެއްޔެވެ؟ ދަރިފުޅަށްޓަކައި ދިއްކޮށްލެވިފައި މިވާ ދެއަތް ދަރިފުޅަށް ނުފެނޭ ހެއްޔެވެ؟ ދަރިފުޅު ޙިމާޔަތްކުރުމަށް މި ހިތްގޮވާލާގޮވުން އަޑު ނީވޭ ހެއްޔެވެ؟ ބަހެއް ނެތި، ގެއްލިފައި މިވާ ދަރިފުޅުގެ މަންމައަށް ބަލައިގެން ތިޔަ ހުންނަނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ އަދިވެސް ދަރިފުޅަށް މިކުރާ ދިގު އިންތިޒާރު ނުފުދެނީހެއްޔެވެ؟ އަދި ތިމަން މިވާ ލޯބި ނުފުދެނީހެއްޔެވެ؟ ދަރިފުޅަށްފަހު ތިމަންގެ ދުވަސްތައް ތިޔަ ބޭކާރުކޮށްލީ ކިހިނެއްކަން ނޭނގެނީ ހެއްޔެވެ؟ އޭ އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ!!!”
ދެން އަނެއްކާވެސް ތިމަންނައާ ދިމާލަށް އެނބުރުނެވެ. ހީވަނީ އެ އަންހެންމީހާގެ ޚިޔާލުތަކުގެ ތެރެއިން ހޭވެރިކަން ވީ ހެނެވެ. އަދި ބުންޏެވެ. ” އޭ ކޮއްކޯއެވެ! ކުޑަކުދިންތައް ހާދަ އަވަހަކަށް ބަދަލުވެއެވެ. މިއީ ތިމަންގެ ދަރިފުޅުގެ ވާހަކައާއި އޭނާ އުޅުނު އުފާވެރިގޮތެވެ. އެހެންނަމަވެސް ކަންކަން ބަދަލުވެއްޖެއެވެ. އިއްޔެ ތިމަން އޭނާއަށް ގޮވާ ހެދީމެވެ. އަދި ހީ ސަކަރާތްވެސް ޖެހީމެވެ. ނަމަވެސް މިއަދު ތިމަންގެ ގޮވާލުމަށް އިޖާބައެއް ނެތެވެ.
އަދި ތިމަންނައާ ކައިރިވާކަށްވެސް ބޭނުމެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އެ ދަރިފުޅުގެ ޅަފަތާއި ލޯބި ތިމަންގެ ކިބައިން ޖަހައިގެންފިއެވެ…. އެތައް އަހަރުތަކަކަށްފަހު އެ ދަރިފުޅުގެ ބައްޕަ މަރުވެއްޖެއެވެ. އަދި ތިމަންގެ އާއިލާ އެންމެން މަރުވެއްޖެއެވެ. ތިމަންގެ ދަރިފުޅު އެނބުރި ތިމަންގެ ގާތަށް އައުމުން ތިމަންގެ އެކުވެރިކަމުން މިންޖުވިއެވެ. ނަމަވެސް އެދަރިފުޅަށް މިރަށުގައި އުޅުމަށް ފަސޭހައެއްނުވިއެވެ.
ތިމަން ގޮވައިގެން ދަރިފުޅުގެ ޙަޔާތް ހޭދަކުރި ވެރި ރަށަށް ބަދަލުވިއެވެ. ދަރިފުޅު ބޮޑުމީހަކަށް ވިއެވެ. ދަރިފުޅުގެ ކަންކަން ތިމަން ގެންދިޔައީ ވަރަށް ފަރުވާތެރިކަމާއެކު ކުރަމުންނެވެ. އެހެންނަމަވެސް އެއްދުވަހަކު، ރަށުން ބޭރަށް ފުރާވާހަކަ ބުންޏެވެ. އަދި އެ ދަތުރުގެ ބޭނުމަކީ ކިޔެވި ދުވަސްވަރު ދިމާވި އަންހެން ކުއްޖަކާ ކައިވެނިކުރުން ކަމުގައިވެސް ބުންޏެވެ….
އެދަތުރު ނުކުރުމަށް އެކިގޮތްގޮތުން ތިމަން ބާރުއެޅީމެވެ. ދަރިފުޅު ހިނގައްޖެކަމުގައިވާނަމަ ތިމަން އެކަނިވާނެވާހަކަވެސް ބުނީމެވެ. އެހެންނަމަވެސް، ގިނަދުވަސްތަކެއް ނުވާނެކަމުގެ ޔަޤީންކަން ތިމަންނައަށް ދިނެވެ.
އެއްމަސްދުވަސް ވޭތުވެދިޔުމަށްފަހު، ދަރިފުޅުގެ އަނބިމީހާ ގޮވައިގެން އެނބުރިއައެވެ. އެ އަންހެން ކުއްޖާދެކެ އަހަރެން ނުލާހިކު ލޯބިވީމެވެ. ތިމަންގެ ދަރިފުޅު ދެކެ ތިމަންވާ ލޯބި އެ އަންހެން ކުއްޖާއަށް ނުވިސްނުނެވެ.
ސަބަބަކަށްވީ ތިމަންނައަށް އެފަދަ ހުރަހެއް ހަލާކުކޮށްލުމަށް ކުޅަދާނަވެގެންނުވާފަދަ ހުރަހެއް ތިމަންނައާއި އެ އަންހެން ކުއްޖާއާދެމެދު ލެވިގެން ދިޔަތަނެވެ. މައްސަލަ ބޮޑުވެގެން އެންމެފަހުން ނިމުނީ އެ އަންހެން ކުއްޖާ ތިމަންނައާ ވާހަކަ ނުދެއްކުމާ ހަމައިންނެވެ. އަހަރެއް ފަހުން ތިމަންނައަކީ އެ ދަރިފުޅުގެ ގޭގައި އިތުރުވެ ބާކީވެފައިވާ މީހެއްކަން ޞަރީޙަބަހުން ނުބުނިކަމުގައިވިޔަސް ދަރިފުޅު ތިމަންނައަށް ވިސްނާދިނެވެ.
މިސަބަބާހުރެ ތިމަންގެ މިރަށަށް އައިސް ތިމަންގެ ގޭގައި އުޅުމަށް ހުއްދަދިނުމަށް ދަރިފުޅުކުރެން އެދުނީމެވެ. އަދި ދޭތެރެ ދޭތެރެއިން ތިމަންގެ ގާތަށް ޒިޔާރަތްކުރުމަށްވެސް އެދުނީމެވެ. ދަރިފުޅު އެކަމާ އެއްބަސްވިއެވެ. ފުރަތަމަ ދެތިން މަހެއްގައި ތިމަންގެ ގާތަށް އައިސް ހެދިއެވެ.
އޭގެފަހުން އައުން މަދުވަމުންގޮސް އެއްކޮށް އައުން ހުއްޓިއްޖެއެވެ. ދަރިފުޅުގެ ޚަބަރެއްނުވެ ގިނަދުވަސްތަކެއް ވުމުން، ޚުދު ތިމަން ދަތުރުކޮށްފައި ވެރިރަށަށް ޚަބަރެއްވޭތޯ ދިޔައީމެވެ. ދިޔުމުން ތިމަންނައަށް އެނގުނީ ދަރިފުޅުގެ އަންހެނުންނާއެކު، އެމީހުންގެ ރަށަށް ބަދަލުވި ވާހަކައެވެ.
އޭގެފަހުން މިއަދާޖެހެންދެންވެސް ތިމަންނައަކަށް އެ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. ކޮއްކޯއެވެ! ކޮއްކޮއަށް ތިޔަ ފެންނަ ފަދައިން ތިމަން މިވަނީ ގެއްލިފައެވެ.”
އެ އަންހެންމީހާގެ މިވާހަކަތައް އަޑު އެހުމަށްފަހު، އެ އަންހެންމީހާ ހިތްހަމަޖައްސާލުމަށްޓަކައި ތިމަން ބަހެއް ބުނަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް، ތިމަންގެ ބަސްތައް ނުކުތުމުގެ ކުރިން ތިމަންނައަށް ފުރަގަސްދީ، ތިމަންނައަށް ބަލާލުމެއް ނެތި އެނބުރި ހިނގައްޖެއެވެ.
ނޯޓް: މިވާހަކައަކީ “އަލްޢަރަބިއްޔާ ލިއްނާޝިއީން 6″ ފޮތުގައި ގެނެސްފައިވާ، ޢަބްދުﷲ ޙުސައިން ބަޣްދާދީ ލިޔުއްވާފައިވާ ޢަރަބިވާހަކައެއްގެ ތަރުޖަމާއެކެވެ. ޚިޔާލީ ނުވަތަ ޙަޤީޤީ ވާހަކައެއްކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް ޢިބުރަތްތެރި، ހިނގުން އެކަށީގެންވާ ވާހަކައެކެވެ. ވާހަކައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.
އައްޝައިޚު މުޙައްމަދު ސިނާން
0 comments:
Post a Comment