މުތަރުޖިމުގެ ބަސް
މިއީ ސުޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ގެ ރިސާލާއެއްކަމަށްވާ (أربعون نصيحة لإصلاح البيوت) ގެ ތަރުޖަމާއެވެ.
މުޖުތަމަޢުތައް އިޞްލާޙުވާނީ މީސްތަކުން ދިރިއުޅޭ ގެތައް އިޞްލާޙުކުރެވިގެންނެވެ.
އިޞްލާހީ ޙަރަކާތްތަކުގައި އެންމެ ފުރަތަމަ މަދަރުސާއަކީ ގޯތިގެދޮރެވެ. ރަނގަޅު ވެއްޓެއް ގޭތެރޭގައި ޤާއިމުކުރުމަކީ އެ ގެތަކުން ރަނގަޅު ޖީލެއް ނުކުމުގެން އައުމުގެ ބިންގަލެވެ.
އެހެންކަމުން މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނުހަނު ބޭނުންވެފައިވާ މައުޟޫޢުއެއްކަމަށް ޤަބޫލުކުރަމެވެ.
ދުޢާއަކީ މިމަސައްކަތުގައި ﷲ ތަޢާލާ ބަރަކާތްލައްވާ ޙައްޤުމަގުގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުމެވެ.
މުޤައްދިމާ
إن الحمد لله نحمده ونستعينه، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله، أما بعد:
ހަމަކަށަވަރުން އެންމެހާ ޙަމްދުވަނީ ﷲ ތަޢާލާއަށެވެ. އަޅަމެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަޅަމެން ވާގިއެދެނީވެސް ހަމައެކަނި އެއިލާހުގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ހިދާޔަތު ދައްކަވައިފި މީހަކު، ފަހެ އޭނާ މަގުފުރައްދާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް، ފަހެ ތެދުމަގު ދައްކާނެ ފަރާތެއްނުވެއެވެ. ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއަށްފަހު ދަންނައެވެ:
ގެއަކީ ނިޢުމަތެއް
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَاللَّـهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا …) [سورة النحل 80]
މާނައީ: “އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ…”
އިބްނު ކަޘީރު (رحمه الله) ވިދާޅުވިއެވެ:
((يذكر تبارك وتعالى تمام نعمه على عبيده، بما جعل لهم من البيوت التي هي سكن لهم، يأوون إليها، ويستترون بها، وينتفعون بها بسائر وجوه الانتفاع))
މާނައީ: “ﷲ ތަބާރަކަ ވަތަޢާލާ މިތާ ޛިކުރު ކުރައްވާފައިމިވަނީ އެކަލާނގެ އަޅުތަކުންނަށް ފުރިހަމަކޮށްދެއްވާފައިވާ އެކަލާނގެ ނިޢުމަތްތަކެވެ. އެކަލާނގެ ވަނީ އެބައިމީހުން އެތަނުގައި ދިރިއުޅުމަށްޓަކައި ގެދޮރު ލައްވާފައެވެ. އެއީ އެތަނަށް އެނބުރި ދިޔުމަށްޓަކައެވެ. އަދި އެތަނުގައި ނިވާވެ ތިބުމަށްޓަކައެވެ. އަދި އެންމެހާ ގޮތްތަކުން އެތަނުން އެބައިމީހުންނަށް މަންފާ ލިބުމަށްޓަކައެވެ.”
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ގެއެއްގެ މިޘާލަކީކޮބާ ހެއްޔެވެ؟ އެއީ އެތަނެއްގައި އެބައިމީހުން ކައި، އަނބީންނާއެކު ހިތްހަމަޖެހުން ލިބިގަނެ، ނިދާ، އަރާމުކޮށް ހަދާ ތަން ނޫން ހެއްޔެވެ؟ އަދި އެއީ އެތަނެއްގައި އެބައިމީހުން އެކަހެރިވެ އުޅޭ، އަދި އަހުލުންނާއި ދަރީންނާ ބައްދަލުކޮށްހަދާ ތަންނޫން ހެއްޔެވެ؟
އެއީ އަންހެނާ ފަރުދާކޮށް އޭނާ ރައްކާތެރިކޮށްދޭ ތަން ނޫން ހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى …) [سورة الأحزاب ٣٣]
މާނައީ: “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލީ ޒަމާނުގައި ޒީނަތްތެރިކން ފާޅުކޮށްއުޅުނު ފަދައިން ތިޔަކަނބަލުން ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ…”
ވަގުތީ ހިޔާތަކާއި މަގުތަކުގައި އުޅޭމީހުންނާއި އުޅޭނެ ވަކި ތަނެއްނެތި ރެފިއުޖީ ކޭމްޕް ތަކުގައި އުޅެމުންދާ މީހުންފަދަ ގެދޮރުނެތް މީހުންގެ ޙާލަތް ތިބާއަށް އެނގިއްޖެނަމަ ގެދޮރަކީ ކިހާބޮޑު ނިޢުމަތެއްކަން އިޙްސާސް ކުރެވޭނެއެވެ. “އަހަރެން ގަރާރުވާނެ ތަނެއް ނެތެވެ. ހުންނާނެ ވަކި ތަނެއް ނެތެވެ. ބައެއް ފަހަރު އަހަރެން ނިދަނީ އެވެނި މިވެނި މީހެއްގެ ގޭގައެވެ. ބައެއްފަހަރު ޕާކެއް ނުވަތަ ކެފޭއެއްގައެވެ. ނުވަތަ ކަނޑުގެ އައްސޭރިފަށުގައެވެ. އަދި އަހަރެންގެ އަންނައުނުތައް ބަހައްޓަނީ އަހަރެންގެ ކާރުގައެވެ.” ގެދޮރު ނެތުމުގެ ސަބަބުން މާޔޫސްވެފައިވާ މީހަކު މިފަދައިން ބުނާއަޑު ތިބާއަށް އިވޭހިނދު ގެދޮރުގެ ނިޢުމަތުން މަހްރޫމް ވުމުން ކުރިމަތިވާ އުނދަގޫތައް އިހްސާސް ކުރެވޭނެއެވެ.
ބަނުއްނަޟީރުގެ ޔަހޫދީންނަށް ﷲ ތަޢާލާ އުޤޫބާތް ދެއްވި ހިނދު، އެބައިމީހުންނަށް އެކަލާނގެ ދެއްވެވި ނިޢުމަތްތައް ގެންދެވިއެވެ. އަދި އެބައިމީހުންގެ ގެތަކުން އެބައިމީހުން ނެރުއްވިއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ …) [سورة الحشر ٢]
މާނައީ: “އެއިލާހީ އަހުލުކިތާބީންގެ ތެރެއިން ކާފަރުވިމީހުން އެބައިމީހުންގެ ގޯތިގެދޮރުން ފުރަތަމަ އެއްވުމުގައި ނެރުއްވި އިލާހެއެވެ….”
ދެން އެއަށްފަހު ވަޙީކުރެއްވެވިއެވެ.
(… يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ) [سورة الحشر ٢]
މާނައީ: ” …އެބައިމީހުންގެ ގެތައް އެބައިމީހުންގެ އަތްތަކުންނާއި އަދި މުއުމިނުންގެ އަތްތަކުން ހަލާކު ކުރެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ. ފަހެ، ތިޔަބައިމީހުން ޢިބުރަތްލިބިގަންނާށެވެ.”
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަދި ގެދޮރު އިޞްލާޙް ކުރުމުގައި މުއުމިނުން އިސްކަންދޭންޖެހޭ ކަންތައްތަކެއްވެއެވެ.
ފުރަތަމަކަމަކީ:
އޭނާގެ ނަފްސާއި އަހުލުން ނަރަކައިގެ އަލިފާނުން ރައްކާތެރިކުރުމެވެ. އަދި އަލިފާނުގެ ޢަޛާބުން ސަލާމަތްކުރުމެވެ.
(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ) [سورة التحريم ٦]
މާނައީ: ‘އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެއެވެ.”
ދެވަނަކަމަކީ:
ﷲ ތަޢާލާގެ ކުރިފުޅުމަތީގައި، ޙިސާބުބެއްލެވޭ ދުވަހު ގޭގެ މަސްއޫލުވެރިޔާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަމެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((إِنَّ اللهَ تَعَالَى سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاهُ أَحَفِظَ ذَلِكَ أَمْ ضَيَّعَهُ ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِهِ.))
މާނައީ: ‘ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ މަސްއޫލުވެރިއަކާ އެމީހެއްގެ މަސްއޫލުވެރިކަމުގެ ދަށުގައިވާ ފަރާތްތަކާބެހޭ ގޮތުން ސުވާލު ކުރައްވާނެއެވެ. (އެމީހެއްގެ މަސްއޫލިއްޔަތާމެދު) ރައްކާތެރިވިތޯ ނުވަތަ (އެކަމަށް) ފަރުވާކުޑަކުރިތޯއެވެ. އަދި ފިރިހެންމީހާއަށް އޭނާގެ ގޭގެ އަހުލުންނާމެދު ސުވާލު ކުރައްވާނެއެވެ.”
ތިންވަނަކަމަކީ:
ހަމަކަށަވަރުން އެއީ އޭނާގެ ނަފްސު ރައްކާތެރިކުރާތަނެވެ. އަދި ނުބައި ކަންކަމުން އެހެންމީހުން ރައްކާތެރިކުރާތަނެވެ. އަދި ފިތުނައިން ރައްކާތެރިވުމަށް އޮތް ޝަރުޢީގޮތަކީ އެއީއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((طُوبَى لِمَنْ مَلَكَ لِسَانَهُ ، وَوَسِعَهُ بَيْتُهُ ، وَبَكَى عَلَى خَطِيئَتِهِ))
މާނައީ: ‘ދޫ ރައްކާތެރިކޮށްފި މީހާއާއި އޭނާގެ ގެ ފުދޭ މީހާ އަދި އޭނާގެ ފާފަތަކާމެދު ރޮއެ ހިތާމަކުރިމީހާއަށް ސުވަރުގޭގެ ގަހެއް ނުވަތަ ރަނގަޅުކަންވެއެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((خَمْسٌ مَنْ فَعَلَ وَاحِدَةً مِنْهُنَّ كَانَ ضَامِنًا عَلَى اللهِ: مَنْ عَادَ مَرِيضًا، أَوْ خَرَجَ غَازِيًا، أَوْ دَخَلَ عَلَى إِمَامِهِ يُرِيدُ تَعْزِيزَهُ وَتَوْقِيرَهُ، أَوْ قَعَدَ فِي بَيْتِهِ فَسَلِمَ النَّاسُ مِنْهُ وَسَلِمَ مِنَ النَّاسِ))
މާނައީ: ‘ފަސް ކަމެއްވެއެވެ. އޭގެ ތެރެއިން އެންމެ ކަމެއް ކޮށްފި މީހަކަށްވެސް [ސުވަރުގެ ވަންނާނެކަމުގެ] ޔަޤީންކަން ﷲ ދެއްވައެވެ. އެއީ ބަލިމީހަކަށް ޒިޔާރަތްކުރުމާއި، ޖިހާދަށް ނުކުތުމާއި، މުސްލިމުންގެ އިމާމަށް ވާގިދީ މާތްކޮށްހިތުމުގެ ގޮތުން އޭނާގެ ގާތަށް ވަންނަ މީހާއާއި، އަދި މީސްތަކުންގެ ކިބައިން އޭނާ ސަލާމަށް ވުމަށް އަދި އޭނާގެ ކިބައިން މީސްތަކުން ސަލާމަތް ކުރުމަށް އޭނާގެ ގޭގަ އިންނުމެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((سَلَامَةُ الرَّجُلِ مِنَ الفِتْنَةِ أَنْ يَلْزَمَ بَيْتَهُ.))
މާނައީ: ” ގޭގައިޤަރާރުވެ ހުރުމަކީ މީހާ ފިތުނައިން ސަލާމަތްކޮށްދޭ ކަމެކެވެ.”
މިއަމުރުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ބީރައްޓެހި ރަށެއްގައި ދިރިއުޅޭއިރު އޭނާއަށް އޭގެ މައްޗަށް ބާރު ނުފޯރުވޭ ގިނަ ގުނަ މުންކަރާތްތަކެއް ވާހިނދުއެވެ. އެއީ އެތަނަށް ވަނުމުން ޙަރާމް ޢަމަލުތަކާއި ޙަރާމް ތަކެއްޗަށް ބެލުމުން އޭނާގެ ނަފްސު ޙިމާޔަތް ކޮށްދޭނެތީއެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުމުން އޭނާގެ އަހުލުން ރައްކާތެރިކޮށްދޭނެތީއެވެ. އަދި އޭނާގެ ދަރިން ނުރަނގަޅު އެކުވެރިންގެ ކިބައިން ރައްކާތެރިކޮށްދޭނެތީއެވެ.
ހަތަރުވަނަކަމަކީ:
ހަމަކަށަވަރުން މީސްތަކުން ގިނަ ވަގުތު ހޭދަކުރަނީ ގޭތެރޭގައެވެ. ޚާއްޞަކޮށް ހޫނުގަދަ އަދި ފިނި ގަދަ ވަގުތުތަކުގައެވެ. އަދި ދުވާލުގެ ކުރީކޮޅާއި ފަހުކޮޅުގައެވެ. އަދި މަސައްކަތް ނުވަތަ ކިޔެވުން ނިންމާފައި ލިބޭ ވަގުތުތަކުގައެވެ. މިވަގުތުތައް ހޭދަކުރަންޖެހޭނީ ހެޔޮކަންތައްތައް ކުރުމުގައްޔާއި އަޅުކަމުގައެވެ. ނޫންނަމަ ނުރަނގަޅު ކަންތައްތައް ކުރުމުގައި މިވަގުތުތައް ބޭކާރުވެގެން ހިނގައިދާނެއެވެ.
ފަސްވަނަކަމަކީ:
މިއީ އެންމެ މުހިންމު ކަންތަކެވެ. ގޭތެރެއަށް ސަމާލުކަން ދިނުމަކީ މުސްލިމު މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ. މުޖުތަމަޢުއެއް ބިނާވެން އަންނަނީ ގެއެއް އޭގެ މައްޗަށް ބިނާވެގެން އަންނަ ގާތަކުގެ މައްޗަށެވެ. ގެތަކުން އަވަށެއް އުފެދެއެވެ. އަދި އަވަށަކުން މުޖުތަމަޢުއެއް އުފެދެއެވެ. ގާތައް ވަރުގަދަވެއްޖެނަމަ އެމުޖުތަމަޢުއަކީ ﷲ ގެ ޙުކުމްތަކުގެ ކުރިމަތީގައި ވަރުގަދަ މުޖުތަމަޢަކަށްވެއެވެ. އަދި ﷲ ތަޢާލާގެ ޢަދުއްވުންގެ ކުރިމަތީގައި ގަދައަށް ހިފަހަށްޓާލެވޭފަދަ މުޖުތަމަޢަކަށް ވެއެވެ. ހެޔޮކަންތައްތަކުން އަލިވެގެންވެއެވެ. އަދި ނުބައި ކަންތައްތަކުން ދުރުވެގެންވެއެވެ.
ފަހެ މުސްލިމް ގެތަކުން މުޖުތަމަޢަށް ނިކުންނާނީ އެ މުޖުތަމަޢު އިޞްލާޙު ކުރާނޭ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ މިޘާލެއް ނެތްފަދަ ދާޢީން ތަކެކެވެ. އަދި ޢިލްމު ހޯދުމަށް މަސައްކަތްކުރާ ދަރިވަރުންތަކެކެވެ. އަދި ތެދުވެރި މުޖާހިދުން ތަކެކެވެ. އަދި ޞާލިޙު އަނބިންތަކެކެވެ. އަދި އޯގާތެރި މައިން ތަކެކެވެ. އަދިވެސް އެފަދައިން މުޖުތަމަޢު އިޞްލާޙުކުރާނޭ މީހުންނެވެ.
ފަހެ މިއީ ވަރަށް މުހިންމު މައުޟޫޢުއެކެވެ. އަދި އަޅުގަނޑުމެންގެ ގެތަކުގައި ވަރަށް ގިނަ މުންކަރާތްތަކެއްވެއެވެ. އަދި އިޞްލާޙްކުރަންޖެހިފައިވާ ބޮޑެތި ކަންތައްތައްވެއެވެ. އަދި ފަރުވާކުޑަކޮށް އިހްމާލުވެވިފައިވާ ކަންތައްތަކެވެ. ފަހެ މިއަންނަނީ ބޮޑު ސުވާލެވެ.
ގެތައް އިޞްލާޙް ކުރާނެ ގޮތްތަކަކީ ކޮބާހެއްޔެވެ؟
މިއީ ލޮބުވެތި ކިޔުންތެރިންނަށް އޮތް ޖަވާބެވެ. މިމައުޟޫޢުގައި މިދޭ ނަޞީޙަތަކީ އޭގެން އަޅުގަނޑުމެންނަށް މަންފާކުރާ އެއްޗެއްކަމުގައި ﷲ ތަޢާލާ ލައްވާށިއެވެ. އަދި އަޅުގަނޑުމެންގެ މުސްލިމް ދަރިންނަށް މަގުދައްކާ އަދި މުސްލިމް ގެތައް އިޞްލާޙްކުރުމަށްޓަކައި ވާ މެސެޖެއްކަމުގައި ލައްވާށިއެވެ.
މި ނަޞީޙަތްތައް ދައުރުވަނީ ދެ އަމުރެއްގެ މައްޗަށެވެ. އެއީ ހެޔޮކަންތައްތައް ޤާއިމްކޮށްގެން އަޅުގަނޑުމެން ޝައުގުވެރިވާ ކަންތައްތައް ޙާޞިލްކުރުމެވެ. ނުވަތަ މުންކަރާތްތައް އެއްފަރާތްކޮށްގެން ފާސިދުކަންތައްތައް ދުރުކުރުމެވެ.
މިއީ މަޤްޞަދު ޙާޞިލްކުރުމަށް ފަށައިގަންނަންވީ ވަގުތެވެ.
ގެދޮރު ބިނާކުރުން
ފުރަތަމަ ނަޞީޙަތް: ރަނގަޅު އަންބަކު އިޚްތިޔާރުކުރުން
(وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ) [سورة النور ٣٢]
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ. އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުން ކަމުގައިވާނަމަ، އެކަލާނގެ ފަޟުލުވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. ﷲއީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
ގޭގެ ވެރިމީހާ އިޚްތިޔާރުކުރަންޖެހޭނީ އަންނަނިވި ޝަރުޠުތައް ހަމަވާ ޞާލިޙު އަންބެކެވެ.
1. ((تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ.)) [متفق عليه]
މާނައީ: “ހަތަރުކަމަކަށްޓަކާ އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ). “
2. ((الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ.)) [رواه مسلم ١٤٦٨]
މާނައީ: “މިދުނިޔެއަކީ ވަގުތީ އުފަލެކެވެ. އަދި މިދުނިޔޭގެ އެންމެ ހެޔޮ އުފަލަކީ ޞާލިޙު އަންހެނެކެވެ.”
3. ((لِيَتَّخِذْ أَحَدُكُمْ قَلْبًا شَاكِرًا وَلِسَانًا ذَاكِرًا وَزَوْجَةً مُؤْمِنَةً تُعِينُهُ عَلَى أَمْرِ الْآخِرَةِ.)) [رواه أحمد " ٢٨٢/٥" والترمذي وابن ماجه عن ثوبان صحيح الجامع ٥٢٣١]
މާނައީ: “ޝުކުރުވެރި ހިތަކާއި، ޛިކުރުކުރާ ދުލަކާއި، އާޚިރަތަށްޓަކައި ތިބާއަށް އެހީތެރިވެދޭނޭ މުއުމިނު އަންބަކު ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ހޯދާހުށިކަމެވެ.”
4. އަދި އެހެން ރިވާޔަތެއްގައިވެއެވެ.
((…وَزَوْجَةً صَالِحَةً تُعِينُكَ عَلَى أَمْرِ دُنْيَاكَ وَدِينِكَ خَيْرُ مَا اكتنز النَّاسُ.)) [رواه البيهقي صحيح الجامع ٤٢٨٥]
މާނައީ: “ދުނިޔަވީ ކަންކަމުގައާއި އުޚްރަވީކަންކަމުގައި ތިބާއަށް އެހީތެރިވެދޭނެ ޞާލިޙު އަންބަކީ މީސްތަކުންނަށް ލިބޭނެ ކަންޒުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކަންޒެވެ.”
5. ((تَزَوَّجُوا الْوَدُودَ الْوَلُودَ إِنِّي مُكَاثِرٌ بِكُمْ الْأَنْبِيَاءَ يَوْمَ الْقِيَامَةِ.)) [رواه أحمد وهو صحيح الإرواء ٦/١٩٥]
މާނައީ: “ލޮބުވެތިކަންބޮޑު، ގިނަގިނައިންވިހާ އަންހެނުންނާ ކައިވެނި ކުރާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހު ތިޔަބައިމީހުންގެ ގިނަކަމުން ތިމަންކަލޭގެފާނު އެހެން ނަބީބޭކަލުންގެ މައްޗަށް ފަޚުރުވެރިވެވަޑައިގަންނަވާނަމެވެ.”
((عَلَيْكُمْ بِالأَبْكَارِ فَإِنَّهُنَّ أَعْذَبُ أَفْوَاهًا وَأَنْتَقُ أَرْحَامًا وَأَرْضَى بِالْيَسِيرِ.)) [رواه ابن ماجة السلسلة الصحيحة ٦٢٣]
މާނައީ: “ތިޔަބައިމީހުން ބިކުރުވެރި އަންހެނުން އިޚްތިޔާރުކުރާށެވެ. ފަހެ ހަމަކަށަވަރުން އެކަނބަލުންގެ ބަސްމަގު ރަނގަޅުވެފައި ވިހާލެއް ގިނަވާނެއެވެ. އަދި ކުޑަމިންވަރަކުން އެކަނބަލުން ރުހޭނެއެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
((وأَقَلّ خِبًّا))
މާނައީ: “އަދި މަކަރުވެރިކަން ކުޑަވާނެއެވެ.”
ލިޔުއްވީ: އަލް އުޚްތު އުއްމު ޢަބްދިﷲ
0 comments:
Post a Comment