ޝެއިޚް ޢައްޒާމް (رحمه الله) ވިދާޅުވިއެވެ: ”އަހަރެމެން އުޅެމުން މިދަނީ ރަޙުމަތުގައެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުޑަވެގެން ބޮޑުވެގެން އަންނަނީ، މިޘާލަކަށް، ހައްދެއްނެތި ބެލުން އެއީ ޙަރާމް ކަމެއްކަން އެނގުމުގެ ތެރެއިންނެވެ.
އެހެންކަމުން، އޭނާގެ މުޅި ޙަޔާތުގައި ހައްދެއްނެތި ބެލުމަކީ ޙަރާމްކަމެކެވެ. އިދިކޮޅު ޖިންސާއި އެކީގައި އެކަހެރިވުމާއި، ޒިނޭއާއި ބަދުއަޚްލާޤީ ޢަމަލުތަކާއި، ރިބާއާއި، މީހުން ނެތް ތަންތާނގައި އެމީހުންގެ ވާހަކަ ދެއްކުން ފަދަ ކަންތައްތަކަކީ ޙަރާމް ކަންތައްތަކެވެ. އެހެންކަމުން، ޝަޚްޞިއްޔަތެއް ތަރައްޤީވެގެން އަންނަނީ ހަރުދަނާ ކަމާއި ހަމަހަމަކަމާއި އެކުގައެވެ. ޙަމްދުހުރީ އޭގެ ވެރިފަރާތަށެވެ.
އެހެން ނަމަވެސް، އެމެރިކާގައި، އެއްދުވަހެއްގައި ރާ ބުއިމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެވަނަ ދުވަހު އެގޮތަށް ނުވެދާނެއެވެ. ބައެއްފަހަރު ސަރުކާރުން، ރާބުއިން ހުއްދަ ކުރެއެވެ. އަނެއްބައި ފަހަރު މަނާކުރެއެވެ. ބައެއްފަހަރު ރަލުގެ ވިޔަފާރިކުރާ މީހުންނަށް އަދަބުދެއެވެ. އަނެއްބައި ފަހަރު އަދަބު ނުދެއެވެ. ނޫނެކެވެ! އިސްލާމްދީނުގައި ރަލަކީ ޙަރާމް އެއްޗެކެވެ. މިކަން އަހަރެމެންގެ ޢުމުރުން 2 އަހަރުއްސުރެ އެނގެއެވެ.
އަދި އެދުވަހުން ފެށިގެން އެކަމަކީ މަނާ ކަމެއްކަން އަހަރެމެންނަށް އެނގެއެވެ. އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި މަނާ ކަންތައްތަކެވެ. އަދި ހުއްދަ ކުރެވިގެންވާ ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި ހުއްދަކަންތަކެވެ. އަދި އެކަންތައްތައް ކުރުމުގައި އެއްވެސް މައްސަލައެއް ނޯންނާނެއެވެ. ސަބަބަކީ މިއީއެވެ.
މިޙަދީޘްގައިވާ ގޮތުގައެވެ. ”ތިބާގެ ލަދުޙަޔާތް ނެތްނަމަ، ބޭނުން ކޮންމެ ކަމެއް ކުރާށެވެ.“ އަދި މިހަދީޘް ދެގޮތަކަށް މާނަކުރެވިދާނެއެވެ. ފުރަތަމަ ކަމަކީ، މީހަކު ކަމެއް ކުރަން ބޭނުންވެ، އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާނަމަ އެކަން ކުރެވިދާނެއެވެ. ދެވަނަ ގޮތަކީ، ލަދު ހަޔާތެއް ނެތް މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމެވެ. މިއެވެ.
އެހެންކަމުން، ހަޤީޤަތުގައިވެސް އަހަރެމެން ވަނީ ހަމަޖެހިގެންނެވެ. އަހަރެމެންނަށް އުޅެންވާ މަގު އެނގިގެންވުމުން އަހަރެމެން ވަނީ ފުދިގެންނެވެ. ޔޫރަޕުގެ މީހަކަށް ބަލާއިރު، އޭނާ އުޅެންވާ މަގަކީ ކޮބައިހެއްޔެވެ؟ އޭނާ ދަނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެމެންނަށް ހުރިހާ ކަމެއްވެސް ވިސްނުމުގެ ދާއިރާއިންނާއި ރޫޙާނީ ގޮތުން ހައްލު ކުރެވެއެވެ. އަހަރެމެންގެ މަގު އަހަރެމެންނަށް އެނގެއެވެ. އޭގެ ފެށުމާއި، އޭގަ މަޤްޞަދާއި އަދި އޭގެ ނިމުމެވެ.
އެކަލާނގެ އަހަރެމެން ހެއްދެވީ ކީއްވެހެއްޔެވެ؟ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ.
ކާއިނާތުގެ ކަންތައްތައް ހިންގަވާ ބަލަހައްޓަވަނީ ކޮންފަރާތަކުން ހެއްޔެވެ؟ އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް ނިސްބަތްވަނީ ﷲ އަށެވެ.
އަހަރެމެން އަޅުކަން ކުރާ އިލާހަކީ، ހުރިހާ ކަމަކަށް ބާރުވެރިވަންތަ، ޙިކުމަތްތެރި، މަތިވެރި، ރަޙުމްކުރާ އަދި އަޅުތަކުންނަށް ނުހަނު އޯގާވަންތަ އިލާހެވެ. އެމީހުންގެ (އެބަހީ: ކާފަރުން) ވަނީ ކޯއްޗެއް ހެއްޔެވެ؟ އެމީހުން މުޢާމަލާތް ކުރަނީ ކޮންފަރާތަކާ ހެއްޔެވެ؟
އެމީހުން އެނބުރެނީ ކޮންފަރާތެއްގެ ކިބައަށް ހެއްޔެވެ؟ އެމީހުން ބަރޯސާ ވަނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެމީހުންގެ ނަފްސު ރައްކާތެރި ކުރަނީ ކޮންއެއްޗަކުން ހެއްޔެވެ؟ އެމީހުން ރައްކާތެރިކަމަށް އެދެނީ ކޮންފަރާތެއްގެ ކިބައިން ހެއްޔެވެ؟ ޝައިޠާނާއާއި، ޖިންނިއާއި، އިލާހާއި، ޤިޔާމަތް ދުވަހާއި އަދި މިނޫންވެސް ކަންތައްތައްވަނީ ހުޅަނގުގެ ޑިކްޝަނަރީތަކުން ފޮހެވިފައެވެ. ދަތުރުވެރިޔާގެ ޗެކް، ނިޝާންގެ އަގާއި، ދީނާރާއި ޑޮލަރުގެ އަގު ފަދަ ކަންތައްތަކަކީ އެމީހުންގެ ދިރިއުޅެމެވެ.
މިހެންވުމުގެ ސަބަބުން، އެއްވެސް ޤާނޫނެއް ނެތި ދިރިއުޅޭ މީހުން، ފުރުޞަތު ލިބިއްޖެނަމަ އެހެން މީހުން އަޅުވެތިކުރާނެއެވެ. ފުރުޞަތު ލިބިއްޖެނަމަ، މީސްތަކުންގެ މުދަލުގައި މަކަރު ހަދާނެއެވެ. ފުރުޞަތު ލިބިއްޖެނަމަ ޒިނޭ ކުރާނެއެވެ. ފުރުޞަތު ލިބިއްޖެނަމަ ވައްކަން ކުރާނެއެވެ.“
0 comments:
Post a Comment