ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހުން ހަލާކު ކުރެއްވުން އެދި ބަދު ދުޢާ ކުރުމަކީ މަޝްރޫޢު ކަމެކެވެ. އެކަމުގެ ދަލީލުތައް ގުރްއާނާއި ސުންނަތުން ލިބެން އެބަހުއްޓެވެ.
ސޫރަތު ޔޫނުސްގެ 88-89 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ ۖ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ ﴿٨٨﴾ قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَاسْتَقِيمَا وَلَا تَتَّبِعَانِّ سَبِيلَ الَّذِينَ لَا يَعْلَمُونَ ﴿٨٩﴾) މާނައަކީ:
“موسى ގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعون އަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ!
އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ دعاء އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން تبع ވެވަޑައި ނުގަންނަވާހުށިކަމެވެ!”
ސޫރަތު ނޫޙްގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا ﴿٢٦﴾) މާނައަކީ: “އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!”
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޙްޒާބް ތަކުގެ މައްޗަށް ދުޢާ ކުރެއްވި ކަމަށް ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ. (دعا رسول الله صلى الله عليه وسلم على الأحزاب، فقال: اللهم منزل الكتاب سريع الحساب اهزم الأحزاب، اللهم اهزمهم وزلزلهم) މާނައަކީ:
“އަޙްޒާބްތަކުގެ މައްޗަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަދު ދުޢާ ކުރައްވާ ވިދާޅުވިއެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ފޮތް ބާވާލެއްވި އިލާހެވެ. އަވަހަސް ޙިސާބު ބައްލަވާ އިލާހެވެ. އަޙްޒާބްތައް ބަލި ކުރައްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެބައިމީހުން ބަލި ކުރައްވާ އެބައިމީހުންގެ ފައިދަށުން ބިންގަނޑު ހަލުއްވާފާންދޭވެ.
”
وعن ابن مسعود رضي الله عنه في حديث طويل… وفيه أن عقبة بن أبي معيط وضع على رأس النبي صلى الله عليه وسلم أجزاء من بطن جزور مذبوح وهو يصلي.
قال ابن مسعود: فلما قضى النبي صلى الله عليه وسلم الصلاة رفع صوته ثم دعا عليهم، وكان إذا دعا دعا ثلاثاً، وإذا سأل سأل ثلاثاً، ثم قال: “اللهم عليك بقريش” ثلاث مرات، فلما سمعوا صوته ذهب عنهم الضحك وخافوا دعوته، ثم قال: “اللهم عليك بأبي جهل بن هشام وعتبة بن ربيعة وشيبة بن ربيعة والوليد بن عقبة وأمية بن خلف، وعقبة بن أبي معيط” (وذكر السابع ولم أحفظه) فوالذي بعث محمداً صلى الله عليه وسلم بالحق لقد رأيت الذين سمّى صرعى يوم بدر، ثم سحبوا إلى القليب، قليب بدر. މާނައަކީ:
މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވާ ދިގު ޙަދީޘެއްގައިވެއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ހުންނަވަނިކޮށް ޢުގްބާ ބިން އަބީ މުޢީޠު އައިސް އެކަލޭގެފާނުގެ ބޮލަށް ކަރުގޮހޮރު އަޅާލިއެވެ.” އިބްނު މަސްޢޫދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުން އަވަދިވެ ވަޑައިގެން އަޑު އުފުއްލަވާ ބަދު ދުޢާ ކުރެއްވިއެވެ.
އެކަލޭގެފާނު ކަމަކަށް އެދި ދުޢާ ކުރައްވާނަމަވެސް، އަދި ބަޔަކު ހަލާކު ކުރެއްވުން އެދި ދުޢާ ކުރައްވާނަމަވެސް ތިންފަހަރަށް އެކަމަކަށް ދަންނަވައެވެ. އެކަލޭގެފާނު ދުޢާގައި ވިދާޅުވިއެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިން ހިޝާމާއި ޢުތްބާ ބިން ރަބީޢާ އާއި ޝައިބާ ބިން ރަބީޢާ އާއި ވަލީދު ބިން ޢުގްބާ އާއި އުމައްޔާ ބިން ޚަލަފާއި، ޢުގްބާ ބިން އަބީ މުޢީޠު ހަލާކު ކުރައްވާފާންދޭވެ.” އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ހަތްވަނަ މީހެއްގެ ނަންވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރަކު ހަނދާނެއް ނެތެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްގުދީނައިގެން ފޮނުއްވި ފަރާތް ގަންދެއްވާ ދަންނަވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަން ކިޔުއްވި މީހުން ބަދުރު ހަނގުރާމައިގެ ދުވަހުގައި ބިންމައްޗަށް ވެއްޓިފައި ތިއްބާ އަހުރެން ދުށީމެވެ. ދެން އެމީހުން ދަމާފައި ބަދުރުގެ މެދަށް ގެންދެވުނެވެ.”
މިނޫންވެސް އެތައް ރިވާޔަތެއްގައި ކާފިރުންގެ ފަރާތުން މުސްލިމުންނަށް ގޯނާކޮށް، އެބައިމީހުންނަށް ހިދާޔަތް ލިބުމުން މާޔޫސްވުމުން، އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެ ކަމަށް އެނގެން އެބައޮތެވެ.
ހަމައެފަދައިން، މުސްލިމުންގެ ތެރެއިން މީހަކުވެސް އަނިޔާވެރިވެއްޖެނަމަ، އެމީހެއްގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެއެވެ. ނަމަވެސް މާފު ކުރުން މޮޅުއިތުރު ވެގެންވެއެވެ. ސޫރަތުއް ޝޫރާގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ ﴿٤٣﴾) މާނައަކީ: “އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.”
ސޫރަތުއްނަޙްލުގެ 126 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرِينَ ﴿١٢٦﴾) މާނައަކީ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.”
މުސްލިމެއްގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެ ކަމުގެ ދަލީލަކީ: ޙައްޖާޖު ބިން ޔޫސުފްގެ މައްޗަށް ސަޢީދު ބިން ޖުބައިރު- ރަޟިޔަﷲ ޢަންހު- ބަދު ދުޢާ ކުރައްވާ ވިދާޅުވިއެވެ. (اللهم لا تسلطه على أحد يقتله بعدي) މާނައަކީ: “ހައްދަވާގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް ފަހު އެހެން މީހަކު ގަތުލު ކުރުމުގެ ކުޅަދާނަކަން އޭނާ އަށް ނުދެއްވާފާންދޭވެ.”
ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ގެ ކިބައިން އައިސްފައިވެއެވެ. މުޢާޛް ބިން ޖަބަލު ޔަމަނު ކަރައަށް ފޮނުއްވި ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(واتق دعوة المظلوم فإنه ليس بينه وبين الله حجاب) މާނައަކީ: “އަނިޔާ ލިބޭ މީހާގެ ބަދު ދުޢާ އަށް ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާ ލިބޭ މީހާ އާއި ﷲ އާއި ދެމެދުގައި ހުރަހެއް ނުވެއެވެ.” والله أعلم
0 comments:
Post a Comment